މަރޭގެ ޗެލެންޖް ގަބޫލުކޮށް، އިމްރާންއާއެކު އަފްއާލް ތަމްރީންތައް ފުރިހަމަކޮށްފި

މަރޭ ކުރިމަތިކުރުވި ޗެލެންޖް ފުރިހަމަ ކުރުމަށް މާޒިޔާގެ ކީޕަރު އިމްރާން (ވ) އާއެކު އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ އަފްއާލް (ކ) --- ފޮޓޯ: އިބްރާހިމް ފާއިދު

ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދާ އެކު ތަމްރީނެއް ހެދުމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް އަހްމަދަށް މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ)ގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގު ކުރިމަތިކުރުވި ޗެލެންޖް ފުރިހަމަކޮށްފި އެވެ.

އެތުލީޓުންނާ އެކު ތަމްރީން ހެދުމަށް މަރޭ ކުރިއަށްގެންދާ ހަރަކާތުގައި އަފްއާލް އަށް ކުރިމަތިލާން ޖެހުނު ޗެލެންޖަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކީޕަރު އިމްރާންއާ އެކު ތަމްރީނެއް ހެދުމެވެ. އެ ތަމްރީން އަފްއާލް ފުރިހަމަކޮށްފައިވަނީ މާޒިޔާ އިން އިއްޔެ ކުރިއަށް ގެންދިޔަ ފަރިތަކުރުމުގެ ތެރޭގައެވެ.

މަރޭ ކުރިމަތިކުރުވި ޗެލެންޖް ފުރިހަމަ ކުރުމަށް މާޒިޔާގެ ކީޕަރު އިމްރާން (ކ) އާއެކު އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ އަފްއާލް (ވ) މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ --- ފޮޓޯ: ފާއިދު

މަރޭގެ ޗެލެންޖް ގަބޫލުކުރައްވައި އިމްރާނާއެކު ތަމްރީން ފުރިހަމަ ކުރެއްވުމަށްފަހު އަފްއާލް ވިދާޅުވީ، އިމްރާން ފަދަ ފުޓްބޯޅަ ލެޖެންޑަކާއެކު ތަމްރީން ހެދުމަށް ލިބުމަކީ ޝަރަފެއް ކަމަށާއި އެ ފުރުސަތު ހޯދައިދިން ކަމަށްޓަކައި މަރޭއަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެއީ ކުރިމަތިލާން ޖެހުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެތުލީޓުންނަށް ހިތްވަރު ދޭން މަރޭ ވަނީ ފާހަގަކޮށްލެވޭ އެތުލީޓުންނާ އެކު ދާދި ފަހުން ތަމްރީންތަކުގައި ބައިވެރިވެފައެވެ. އެ ތަމްރީންތައް ފުރިހަމަކުރުމަށް ފަހު މަރޭ ވަނީ ރާއްޖޭގެ އެކި ކުންފުނިތަކުގައި މަސައްކަތްކުރާ ތަފާތު 13 ފަރާތަކަށް ޗެލެންޖެއް ކުރިމަތިކުރުވައިފައެވެ.

މަރޭ ކުރިމަތިކުރުވި ޗެލެންޖް ފުރިހަމަ ކުރުމަށް އޭޑީކޭ ހޮސްޕިޓަލްގެ އެމްޑީ އަފްއާލް (ވ) މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ --- ފޮޓޯ: ފާއިދު

މަރޭ ނޮމިނޭޓްކުރި ކޮންމެ ފަރާތަކަށް ވެސް ތަފާތު އެތުލީޓަކާއެކު ތަމްރީން ހެދުމަށް ޗެލެންޖް ކޮށްފައިވެއެވެ. ކޮންމެ ފަރާތަކަށް ވެސް ތަމްރީން ފުރިހަމަކުރަން ޖެހޭ އެތުލީޓް ކަނޑައަޅާފައިވަނީ ވެސް މަރޭ އެވެ.

comment ކޮމެންޓް