ފުލުހުންގެ ވެލްފެއާ ކަންކަން ހަރުދަނާ ކުރަން އަޔާދީ ތަކަފުލްއާއެކު އެއްބަސްވެއްޖެ

ފުލުހުންގެ ވެލްފެއާ ކަންކަން ހަރުދަނާކުރުމަށް އަޔާދީ ތަކަފުލްއާއެކު ފުލުހުން ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ފުލުހުން

ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ވެލްފެއާ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އަޔާދީ ތަކަފުލްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިސްކަންދަރު އިމާރާތުގައި އެކަމަށްޓަކައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ. އަޔާދީ ތަކަފުލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ނިޔާޒް މުހައްމަދެވެ.

ފުލުހުންގެ ވެލްފެއާ ކަންކަމަކީ ބޮޑު އިސްކަމެއް ދެއްވައިގެން ކުރަމުން ގެންދާ މަސައްކަތްތަކެއްކަން ފާހަގަ ކުރައްވައި މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ ސައުދީ ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް ކުރިއަށް އޮތް ތަނުގައި ގިނަ ފައިދާތަކާ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަޔާދީ ތަކަފުލްގެ ޖެނެރަލް މެނޭޖަރު ނިޔާޒް ވިދާޅުވީ، ފުލުހުންނާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން އަޔާދީ ތަކާފުލްގެ ފެމިލީ ތަކާފުލް ސްކީމްތަކުގައި ބައިވެރިވާ މުވައްޒަފުންނަށް ސްކީމަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ފުލުހުންނަށް ބައިވެރިވެވޭ ގޮތަށް ހުރި ޗައިލްޑް އެޑިޔުކޭޝަން ޕްލޭނާއި އިންވެސްޓްމަންޓް ތަކަފުލް އާއި ބެހޭ ގޮތުން ވަނީ މައުލޫމާތު ދީފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް