ދިރާގު ރޯޑް ރޭސް މާލޭގައި ނުބާއްވަން ފުލުހުން އެދިއްޖެ

ދިރާގާއި ފުލުހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެ ބައްދަލުވުމުގައި ދިރާގުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދިރާގު ރޯޑް ރޭސް މާލޭ ފިޔަވައި އެހެން ތަނެއްގައި ބޭއްވުމަށް ފުލުހުން ވަނީ ދިރާގުގައި އެދިފައި-- ފޮޓޯ/ ފުލުހުން

ދިރާގުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދިރާގު ރޯޑް ރޭސް މާލޭގައި ނުބާއްވައި، ހުޅުމާލެ ނުވަތަ އެހެން ރަށެއްގައި ބޭއްވުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން އެގޮތަށް އެދިފައިވަނީ ދިރާގު ރޯޑް ރޭހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭ ގޮތުން ދިރާގުގެ އިސްވެރިންނާ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ފަރާތުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގަ އެވެ.

ބައްދަލުވުމުގައި ފުލުހުން ވަނީ އެހެން ތަނެއްގައި ބޭއްވި ނަމަވެސް ދިރާގު ރޯޑްރޭސް ފަދަ އިޖުތިމާއީ މިފަދަ ހަރަކާތްތައް ކުރިޔަށްދާއިރު ރައްޔިތުންގެ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓައިދޭނެ ކަމަށެވެ.

ގިނަ ބަޔަކު ބައިވެރިގެން ކޮންމެ އަހަރަކު ވެސް މާލޭގެ މަގުމަތީ ބާއްވަމުން އަންނަ ދިރާގު ރޯޑް ރޭސް މާލޭ ނޫން އެހެން ތަނެއްގައި ބާއްވައިދިނުމަށް ފުލުހުން އެދިފައިވީ ނަމަވެސް، މިއަހަރު ދިރާގު ރޯޑް ރޭސް ބާއްވާނެ ތާރީހެއް އަދި ދިރާގުން ނިންމާފައެއް ނުވެ އެވެ.

ފުލުހުން ބުނީ، މާލޭގެ މަގުތަކަކީ ތޮއްޖެހިފައިވާ މަގުތަކަކަށް ވެފައި މަގުތައް ބަންދުކުރުމުން ހިނގައި ބިނގައިވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އެ އިދާރާއަށް ހުށަހެޅެމުންދާތީވެ އެފަދަ ކަންކަން މަދުކުރުމަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

އެގޮތުން، ބަންދު ދުވަސްތަކުގައި މާލޭގެ މަގުތަކަށް ގިނަބަޔަކު ހަވީރުގެ ވަގުތުތަކުގައި ނިކުމެ ވަގުތު ހޭދަކުރުމަށް ހުރި ފުރުސަތުތައް ހުއްޓިގެން ނުދާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކެއްގައި ފުލުހުން އެދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދިރާގު ރޯޑް ރޭސް މާލޭގައި ނުބޭއްވުމަށް ފުލުހުން އެދިފައިވާއިރު، މީގެ ކުރިން ގިނަ ބަޔަކު އެއްވެގެން މާލޭގައި ބޭއްވި ހަރަކާތްތަކާއި ސިޔާސީ އެއްވުންތައް ނުބޭއްވޭނެ ކަމަށް ފުލުހުން އަންގައި، އެކަން ވަނީ ހުއްޓުވާފަ އެވެ.

comment ކޮމެންޓް