ޔޭޔޭ އައިޑިއާސް ކަޕްގެ ސެމީ ފައިނަލުގެ ޖާގަތައް ކްލަބު އިމިގްރޭޝަނާއި، ބީއެމްއެލް އާއި، އެސްޓީއޯ އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބު (ސީއާރްސީ) ހޯދައިފި އެވެ.
އިމިގްރޭޝަނާއި ބީއެމްއެލް އާއި އެސްޓީއޯ އަދި ކަސްޓަމްސް އިން ސެމީގެ ޖާގަތައް ހޯދީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.
ކުޅިވަރު އެކުވެނި ވެލިދަނޑުގައި ރޭ ކުޅުނު ކުއާޓާގެ ތިންވަނަ މެޗުގެ ކުރިން އައިޑިއާސް އިން ވަނީ ހާއްސަ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އައުލް ބްރޭންޑްގެ ކޮފީ ލޯންޗުކުރުމުގެ ހަފްލާގައި ބޮޑުބެރު ގްރޫޕް "ރާޅުގަނޑު"ގެ ހަރަކާތްތަކެއް ވެސް ކުރިއަށްދިޔަ އެވެ. އައުލް ބްރޭންޑްގެ ކޮފީ ލޯންޗްކޮށް، އެސްޓީއޯ އާއި އެމްއާރްޑީސީ ބައްދަލުކުރި މެޗު ޝަރަފްވެރިކޮށްދެއްވީ ޔޭޔޭ އޯލް ކޮމްޕެނީ ބިޒްނަސް ޑެވެލޮޕްމަންޓް ރީޖަނަލް މެނޭޖަރު އެސްކޭ ޓޭން އެވެ.
އިއްޔެ ހަވީރު ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި ކޮޅުފުށި އަތުން އިމިގްރޭޝަން މޮޅުވެފައިވަނީ 4-1 ލަނޑުންނެވެ. އެ މެޗުގައި އިމިގްރޭޝަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހަސަން އަޒްވާން އާއި އަބްދުﷲ ވާސިފް އާއި ހަސަން ނިޔާޒް އަދި ޔޫސުފް އުމަރެވެ. ކޮޅުފުށީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މޫސާ ޒާހިރު އެވެ.
އިއްޔެ ހަވީރު އެލައިޑާ ދެކޮޅަށް ކުޅުނު ކުއާޓާގެ މެޗު ޕެނަލްޓީ ޖަހައިގެން 3-4 ލަނޑުން ބީއެމްއެލް ވަނީ ކާމިޔާބުކޮށްފަ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު 1-1 ލަނޑުން ވަނީ އެއްވަރުވެފަ އެވެ. މެޗުގައި އެލައިޑްގެ ލަނޑު ރިހާން އަބްދުލް ޣަނީ ކާމިޔާބުކޮށްދިން އިރު، ބީއެމްއެލްގެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ނާޝިދު އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބީއެމްއެލްގެ އިޝާން އިބްރާހިމް އެވެ.
މުބާރާތުގައި ރޭ އެމްއާރްޑީސީއާ ދެކޮޅަށް ކުޅުނު ކުއާޓާގެ މެޗުގައި އެސްޓީއޯ ކުރި ހޯދީ 1-0 ލަނޑުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެސްޓީއޯގެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަބްދުﷲ ޝައްފާން އެވެ.
ރޭ ކުޅުނު މުބާރާތުގެ ކުއާޓާގެ ފަހު މެޗުގައި މަޑަވެލީގެ މައްޗަށް ކަސްޓަމްސް އިން ކުރި ހޯދީ 6-3 ލަނޑުންނެވެ. ކަސްޓަމްސް އިން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިބްރާހިމް މަހުދީ ހުސައިން ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޝުއައިބު އާއި އިބްރާހިމް އަގީލް އެވެ. މެޗުގައި މަޑަވެލިން ކާމިޔާބުކުރި ތިން ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝިފާއު އެވެ.
މުބާރާތު ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ އެވެ. އެ ދުވަހުގެ ރޭ 8:00ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިމިގްރޭޝަނާއި ބީއެމްއެލް އެވެ. އަދި އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ ސެމީގެ ފަހު މެޗުގައި ބައްދަލުކުރާނީ އެސްޓީއޯ އާއި ކަސްޓަމްސް އެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ.
ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމުކޮށްގެން މިދިޔަ މަހުގެ 20 އިން ފެށިގެން މި މަހުގެ 12ގެ ނިޔަލަށް ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ އެކްސްކްލޫސިވް ސްޕޮންސަރަކީ ބީއެޗްއެމް ޓްރޭޑާސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.