އެމެރިކާގެ ސީއައިއޭއިން "ވަގަށް ނެގި" ކަމަށް ބުނާ އިރާނުގެ ނިއުކްލިއާ ސައިންޓިސްޓު ޝަހްރާމް އާމިރީ ދަންޖައްސައި މަރާލައިފި ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އާމިރީ "ގެއްލިފައި" ވަނީ 2009 ވަނަ އަހަރު އޭނާ އުމްރާގެ އަޅުކަން ކުރުމަށް ދިއަ ފަހުންނެވެ.
އާމިރީގެ އާއިލާއިން ބީބީސީއަށް މައުލޫމާތު ހިއްސާ ކޮށްފައިވާ ގޮތުން، އާމިރީގެ ހަށިގަނޑު އޭނާ ދިރިއުޅޭ ޓައުނަށް މިހާރު ގެނެސްފައިވާ އިރު، އޭނާ މަރާލާފައިވަނީ ދަންޖައްސައިގެން ކަމުގެ ނިޝާންތައް އޭނާގެ ކަރުން ފެންނަން ހުއްޓެވެ.
އާމިރީ އުމްރާއަށް ދިޔަ ދަތުރުގައި، ސީއައިއޭއިން އޭނާ "ވަގަށް ނަގައިގެން" ގެންގޮސްފައި ވަނީ އެމެރިކާއަށެވެ. ޖެހިގެން އައި ޖޫން 2010 ވަނަ އަހަރު އާމިރީ ކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް އާންމުވިއެވެ. އެ ވީޑިއޯގައި އޭނާ ބުނަނީ އޭނާ ކިޑްނެޕް ކޮށްގެން ގެންގޮސް، ސީއައިއޭއަށް އެއްބާރުލުން ދިނުމަށް ޕްރެޝަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި އެމެރިކާގެ ސީއައިއޭއިން ވަނީ އޭނާއަށް ނަފްސާނީ ގޮތުން ބޮޑެތި ޕްރެޝަރުތަކެއް ކޮށް، އޭނާ ލައްވައި ބައެއް މައުލޫމާތު ގަދަކަމުން ހާމަ ކުރުވާފަ އެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި އާމިރީއަށް އިރާނުގެ ނިއުކްލިއާ ޕްރޮޖެކްޓާ ބެހޭ ބައެއް މައުލޫމާތު އެނގެއެވެ. ސީއައިއޭއިން އޭނާގެ ފަރާތުން ހޯދީ އެ މައުލޫމާތު ތަކެވެ.
އެ އަހަރުގެ ޖުލައި މަހު، ވޮޝިންޓަންގައި ހުންނަ ޕާކިސްތާނު އެމްބަސީއިން އޭނާ ފެނިފައިވާ އިރު 2010 ޖުލައި 15 ވަނަ ދުވަހު އާމިރީ އެނބުރި އިރާނަށް ފޮނުވާލި އެވެ.
އެހެން ނަމަވެސް 2011 ވަނަ އަހަރުގެ މޭ މަހު، ޣައްދާރުވި ކަމުގެ ކުށުގައި އިރާނު ސަރުކާރުން އާމިރީ ހައްޔަރު ކުރިއެވެ. އަދި ސަރުކާރުން އޭނާ ގެންދިޔަ ތަނެއް ހާމަ ކޮށްފައެއް ނުވެއެވެ.
އެއަށް ފަހު އޭނާގެ ޚަބަރެއް ވީ، މި އަހަރު އޭނާ މަރުވި ކަމަށް އޭނާގެ އާއިލާއަށް ޚަބަރު ލިބުމުންނެވެ.