އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ނާއިޒް ހަސަން (ދާދު) ކާމިޔާބު ކޮށްދިން ދެ ގޯލާ އެކު ނިއު ރޭޑިއަންޓްގެ މައްޗަށް 0-3ގެ ނަތީޖާ އަކުން ޓީސީ ސްޕޯޓްސް ކްލަބު އަލުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
އެ ނަތީޖާއާ އެކު ލިބުނު ތިން ޕޮއިންޓާ އެކު ޖުމްލަ 17 ޕޮއިންޓް ހޯދައިގެން ޓީސީ ތިން ވަނާގައި އޮތް އިރު ދެވަނައިގައި އޮތް އީގަލްސް އަށް ލިބެނީ 20 ޕޮއިންޓެވެ. އެއްވަނައިގައި މާޒިޔާ އޮތީ 21 ޕޮއިންޓް ލިބިގެންނެވެ. މިރޭގެ މެޗުން ބަލިވި ނިއު އޮތީ 13 ޕޮއިންޓާއި އެކު ތާވަލުގެ ފަސް ވަނައިގައެވެ.
މިރޭގެ މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ހާފްގައި ގޯލު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ދާދު އަށެވެ. ނަމަވެސް އަލީ ފާސިރު(ސެންޓޭ) ތަނަވަސް ކޮށްދިން ހުސްފުރުސަތުގައި ދާދު ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު ދިފާއު ކޮށްފައެވެ.
ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް ނިއު އަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. ޓީސީގެ ޕެންލްޓީ އޭރިއާ ކުރިމަތިން ނިއުގެ އަހުމަދު ނިޔާޒް ޖައްސާލި ރީތި ބޯޅަ އެއް އަހުމަދު ޝުހައިލް ފޮނުވާލި ނަމަވެސް ބޯޅަ އަމާޒްވީ އަރިމަތީ ދާގަނޑަށެވެ.
ދެވަނަ ހާފް ފެށިގެން ޓީސީ އިން ރަނގަޅަށް ކުޅެމުން ދިޔަ އިރު މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީ އެއްގައި ކާމިޔާބު ކޮށްދިނީ ސެންޓޭ އެވެ. ޓީސީ އަށް އެ ޕެނަލްޓީ ލިބުނީ ނިއުގެ ޕެނަލްޓީއޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ މައިކަލްގެ އަތުގައި ޖެހުމުންނެވެ.
ޓީސީގެ އަނެއް ދެ ގޯލު ދާދު ކާމިޔާބު ކޮށްދިންއިރު އޭނާގެ ފުރަތަމަ ގޯލު މެޗުގެ 70 ވަނަ މިނެޓްގައި ނިއުގެ ގޯލުގެ ތެރެއަށް ފޮނުވާލީ ޔާމިން އިބްރާހިމް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. ޓީސީގެ ތިން ވަނަ ގޯލު 84 ވަނަ މިނެޓްގައި ދާދު ކާމިޔާބް ކުރީ ސެންޓީ ދިން ބޯޅައެއް ނިއުގެ ޕެންލްޓީ އޭރިއާގެ ތެރޭގައި ހުސްކޮށް ހުރެއެވެ.
ލީގްގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭނީ އީގަލްސް އާއި ވިކްޓަރީގެ މެޗެވެ. ރޭގަނޑު އޮންނާނީ މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލު ކުރާ މެޗެވެ.