އެމިރޭޓްސްގެ ކްރޭޝް ލޭންޑިންއާ ގުޅިގެން ދުބާއީއިން 237 ފްލައިޓު ކެންސަލް ކުރަން ޖެހުނު

3 އޯގަސްޓް 2016: އެމިރޭޓްސްގެ ފްލައިޓެއް ދުބާއީ އެއާޕޯޓުގައި ކްރޭޝް ލޭންޑު ކުރުން -- ފޮޓޯ/ އީޕީއޭ

އިންޑިއާގެ ޓްރިވެންޑްރަމުން ދުބާއީއަށް ދަތުރުކުރި އެމިރޭޓްސްގެ ފްލައިޓު އީކޭ 521، ދުބާއީގެ އެއާޕޯޓަށް ކްރޭޝް ލޭންޑު ކުރި ހާދިސާއާ ގުޅިގެން، ދުބާއީ އެއާޕޯޓުން 230 އަށް ވުރެ ގިނަ ފްލައިޓު ކެންސަލް ކޮށްފިއެވެ.

ދުބާއީ އެއާޕޯޓްސް ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓެއް ކްރޭޝް ލޭންޑު ކުރި ހާދިސާގެ ސަބަބުން، އެ އެއާޕޯޓަށް ދަތުރުކުރަން އޮތް 116 ފްލައިޓެއް އައުމާއި އަދި އެ އެއާޕޯޓުން ފުރުމަށް ހަމަޖެހިފައި އޮތް 121 ފްލައިޓުގެ ފުރުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

އަދި އެމިރޭޓްސް ފްލައިޓު ކްރޭޝް ލޭންޑު ކުރި ވަގުތު، ދުބާއީ އެއާޕޯޓަށް ޖައްސަން ހަމަޖެހިފައި އޮތް 44 ފްލައިޓެއް، ކައިރި އެހެން އެއާޕޯޓު ތަކަށް ޑައިވާޓު ކުރި ކަމަށް ވެސް ދުބާއީ އެއާޕޯޓްސްއިން ބުނެއެވެ.

ދުބާއީ އެއާޕޯޓްސްއިން ބުނީ މި ހާދިސާއާ ގުޅިގެން ފްލައިޓުތައް ކެންސަލް ކުރަން ޖެހުމުގެ އަސަރު 19،000 ފަސިންޖަރުންނަށް ކޮށްފައިވާ ކަމަށާއި، ދެ ދުވަސް ތެރޭގައި އެއާޕޯޓު އާންމު ހާލަތަށް ރުޖޫއަ ވާނެ ކަމަށެވެ.

ޓްރިވެންޑްރަމުން ފުރައިގެން ދުބާއީއަށް އައި އެމިރޭޓްސްގެ ފްލައިޓު ކްރޭޝް ލޭންޑު ކުރީ ކޮން މައްސަލައެއް ދިމާވެގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ނަމަވެސް އެ ފްލައިޓުގައި އެވަގުތު ހުރި އިންޑިއާގެ ނޫސްވެރިއެއް ބުނާ ގޮތުގައި، ފްލައިޓުގެ ލޭންޑިންގ ގިއަރަށް މައްސަލައެއް ދިމާވެފައިވާ ކަމާއި، ދުބާއީއަށް ޖައްސަން ޖެހޭނީ އެމަޖެންސީ ލޭންޑިންގއެއްގައި ކަން، ދުބާއީއާ ފްލައިޓު ކައިރި ކުރި ވަގުތު ޕައިލެޓް ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުން ދުބާއީ އެއާޕޯޓްގައި ފްލައިޓް ޖެއްސި އިރުވެސް އެ ބޯޓުން ދިޔައީ ބޯކޮށް ކަޅުދުން އަރަމުންނެވެ.

މި ފްލައިޓުގައި، 282 ފަސިންޖަރުންނާއި 18 ކްރޫއިން ތިއްބެވެ. ފަސިންޖަރުންގެ ތެރޭގައި 226 އިންޑިއާ ރައްޔިތުންނާއި، 24 އިނގިރޭސީންނާއި، ޔޫއޭއީގެ 11 މީހުން ތިއްބެވެ. ބާކީ ތިބީ ތަފާތު 20 ގައުމަކަށް ނިސްބަތްވާ ފަސިންޖަރުންނެވެ.

ފްލައިޓުގައި ތިބި ޖުމްލަ 300 މީހުން ވެސް ވަނީ ރައްކާތެރި ކަމާ އެކު ފްލައިޓުން ބާލައިފައެވެ. ފްލައިޓުގެ 18 ކްރޫއިން ފްލައިޓުން ފޭބީ ހުރިހާ ފަސިންޖަރުން އިވެކުއޭޓު ކޮށްފައެވެ.

ކްރޭޝް ލޭންޑިންގެ ސަބަބުން ފްލައިޓުގައި އަލިފާން ރޯވެ، ދުން އަރަމުން ދިޔަ އިރު، ފަޔާ ފައިޓަރުން ދިޔައީ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އޭގެ ތެރެއިން އެކަކު ވަނީ، އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް މަރުވެފައެވެ.

comment ކޮމެންޓް