3،000 ހައުސިން ޔުނިޓު އެޅުމަށް ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފި

ސީލައިފް ކޮމްޕްލެކްސްގެ ކޮންޓްރެކްޓަރު ލަންކާގެ ކޮރަލް ހޯލްޑިންގްސްއާ އެކު ސޮއިކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅާ 3،000 ހައުސިން ޔުނިޓާއި އޮފީސް ކޮމްޕްލެކްސް އިމާރާތް ކުރުމަށް ސްރީލަންކާގެ ކުންފުންޏަކާ ހަވާލު ކޮށްފި އެވެ.

ސީލައިފް ގްލޯބަލްއިން ހަދާ "ސީލައިފް ކޮމްޕްލެކްސް" އިމާރާތްތައް އަޅަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރިން، ތިން ބިމެއްގަ އެވެ. އެއީ ލޮޓު ނަމްބަރު އެން 355، އެން 365 އަދި އެން 357 އެވެ. އެއިން ކޮންމެ ބިމެއްގައި ތިން ބްލޮކެއް އިމާރާތް ކުރާ އިރު، ކޮންމެ ބްލޮކެއްގައި ދެ އިމާރާތް ހުންނާނެ އެވެ.

ސީލައިފް ކޮމްޕްލެކްސް އެޅުމަށް މިއަދު ހަވާލު ކޮށްފައި ވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ ކޮރަލް ހޯލްޑިންގްސްއާ އެވެ. ކޮރަލް ހޯލްޑިންގްސްއަކީ ސްރީލަންކާގެ ކޮލޮމްބޯގައި ގިނަ އަދަދެއްގެ އެޕާޓްމެންޓް ކޮމްޕްލެކްސްތަކެއް އިމާރާތް ކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ ކޮލޮމްބޯގެ ވެއްލަވައްތަ ސަރަހައްދުގައި ކޮރަލް ހޯލްޑިންގްސްއިން ހަތް އެޕާޓްމެންޓް ކޮމްޕްލެކްސް ހަދާފައިވާ އިރު، ކޮލޮމްބޯގެ އިތުރު ދެ ސަރަހައްދެއްގައި އެޕާޓްމެންޓް ކޮމްޕްލެކްސް އިމާރާތް ކޮށްފައި ވެ އެވެ.

ސީލައިފް ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރީ ސީލައިފްގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު މޫސާ މުހައްމަދާއި، ކޮރަލް ހޯލްޑިންގްސްގެ ޗެއާމަން ޑރ. އެސް ޕިރާބަހަރަން އެވެ.

މިއަދު ދަރުބާރުގޭގައި މި މަޝްރޫޢުގެ ކޮންޓްރެކްޓަރު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ ބައިވެރިވެވަޑައިގެންނެވި އެވެ.

ސީލައިފް ކޮމްޕްލެކްސްގެ ބިންގާ އެޅީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. ބިންގާ އަޅުއްވައިދިނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ. ނަމަވެސް މިހާތަނަށް ވެސް މި މަޝްރޫއު އޮތީ އެހިސާބުން ހުއްޓިފަ އެވެ.

ސީލައިފްގެ މެނޭޖިންގ ޑިރެކްޓަރު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޕްރޮޖެކްޓު ހިންގުމަށް ބޭނުންވާ ހުއްދަތަށް ލިބިގެން ދިޔައީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.

އަދި އެ ކުންފުނިން ދެން އިތުރަށް ފަހަތަށް ނުބަލައި، މަޝްރޫއު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މި މަޝްރޫއުގެ ކޮންޓްރެކްޓަރު ސްރީލަންކާގެ ކޮރަލް ހޯލްޑިންގްސްގެ ޗެއާމަން ޑރ. ޕިރާބަހަރަން ވިދާޅުވީ މި މަޝްރޫއު ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އިރު، އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޑިސެމްބަރު 18 އަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގެ 20 ޕަސަންޓު މަސައްކަތް ކުރެވުމުން ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ފަށައި، މުޅި މަޝްރޫއު ވަރަށް އަވަހަށް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް