ފުޅަނދުބުރު މިރޭ 8 ޖަހާއިރު، ފަށާނީ ރަސްފަންނުން

މިދިޔަ އަހަރު ފާހަގަކުރި މިނިވަން 50ގެ މުނާސަބަތުގައި މާލޭގައި ކުރިއަށްދިޔަ ފުޅަނދުބުރުގެ ހަރަކާތުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޅަނދުބުރު ފަށާނީ މިރޭ 8:00 ގައި ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ، ފުޅަނދުބުރު ފަށާނީ މާފަންނު ރަސްފަންނު ސަރަހައްދުން މަޖީދީމަގުން ކަމަށެވެ.

ފުޅަނދުބުރު ދަތުރު ކުރާނީ މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން އުތުރަށް ގޮސް މެދުޒިޔާރަތް މަގުން ހުޅަނގަށް ގޮސް ޝަހީދު އާދަމް ނަސީރު ހިނގުމުން ދެކުނަށެވެ. އަދި އެއަށްފަހު ޖުމްހޫރީ ހިނގުމުން އުތުރަށް ގޮސް ބޮޑުތަކުރުފާނު މަގަށް އަޅައިގެން އިރަށް ގޮސް ހެންވޭރު ކުރީގެ ސޯމިލް ކައިރިން އަޅައިގެން ބޮޑުތަކުރުފާނުމަގުން ދެކުނަށެވެ.

ބޮޑުތަކުރުފާނުމަގުން ދެކުނަށް ގޮސް ޓަސްކަލޫސާ ކައިރިން އަޅައިގެން ގޮސް މޫންލައިޓްހިނގުމުން ދެކުނަށް ގޮސް ދަރުބާރުގޭގެ އިރުން އޮންނަ ގޯޅިން ގޮސް ބޮޑުތަކުރުފާނު މަގަށް އަޅައިގެން މާފަންނު ޓްރެކް ސަރަހައްދަށް ނިންމާ ގޮތަށެވެ.

ހޯމް މިނިސްޓްރީން ބުނީ ފުޅަނދުބުރު ފަށައިގެން ނިމެންދެން މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. އެހެންކަމުން ފުޅަނދުބުރު ކުރިއަށްދާ ވަގުތު ފުޅަނދުބުރު ދަތުރުކުރާ މަގުތަކުގައި ދުއްވާތަކެތި ނުދެއްވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ފުަޅަނދުބުރު ދަތުުރުކުރުމަށް ހަމަޖެހިފައިވާ މަގުތައް --- ފޮޓޯ/ ފުލުހުން

އަދި ފުޅަނދުބުރު ހިނގާ ވަގުތުގައި މާލޭގެ އެހެން ސަރަހައްދުތަކުގައި ދުއްވާ މީހުން ވެސް އެކަމަށް ސަމާލުވެ ވީހާވެސް ދަތުރުތައް މަދުކުރުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ހޯމް މިނިސްޓްރީން ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަޅީމް) މިއަދު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން 14 ފުޅަނދެއް މިރޭ ފެނިގެންދާނެ ކަމަށާއި މާދަމާ ހަވީރުން ފެށިގެން ތިން ދުވަސްވާންދެން ކޮންމެ ދުވަހެއްގެ ހަވީރު 4:30 ގައި ޓްރެކް ސަރަހައްދުގައި ފުޅަނދުތައް ދައްކާލުން ވެސް އޮންނާނެ ކަމަށެވެ.

comment ކޮމެންޓް