އުރީދޫއިން ވައިބާގައި ދިވެހި ސްޓިކާ ފޮނުވޭ ގޮތް ހަދައިފި

ވައިބާ ސްޓިކާގެ ގޮތުގައި ދިވެހި ބަސް ބޭނުންކޮށްގެން ސްޓިކާތަކެއް ހަދާފައި.

މިނިވަން ދުވަހާ ގުޅުވައިގެން އުރީދޫ އިން ވައިބާ މެދުވެރިކޮށް ދިވެހި ސްޓިކާ ފޮނުވޭގޮތް ހަދައިފި އެވެ.

ވައިބާ މެދުވެރިކޮށް ތަފާތު ސްޓިކާ ފޮނުވޭއިރު މިއީ ދިވެހި ސްޓިކާ ވައިބާގައި ފޮނުވޭ ފުރަތަމަ ފަހަރެވެ. އެ ސްޓިކާ ސެޓުގައި ރާއްޖޭގެ އާންމު ބަހުރުވައިގައި ބޭނުން ކުރާ ބަސްތައް ހިމަނާފައިވެ އެވެ. ކޮންމެ މީހަކަށްވެސް އެ ސްޓިކާތައް ހިލޭ ޑައުންލޯޑު ކުރެވޭނެ އެވެ.

"ދިވެހިންގެ އާދަކާދައިގައިވާ ބައެއް ކަންތައްތަކާ ތަޖުރިބާތައް އަނެކާއަށް ކިޔާދިނުމުގައި އެންމެ ފުރިހަމައީ ދިވެހިބަސް ކަމަށް ވެފައި، ބައިންލްއަޤްވާމީ ޗެޓް ޕްލެޓްފޯމް ކަމުގައިވާ ވައިބާގައި ވެސް ފަޙުރުވެރިކަމާއި ދިވެހި ބަހުން ޙިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބެގެންދޭ،" އެ ހިދުމަތާ ގުޅޭ ގޮތުން އުރީދުގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

ސްޓިކާތަކުގެ ތެރޭގައި "ބާއްޖަވެރި ހެނދުނެއް"، "ނެއްތަ ކޮފީއެއް"، "ހަބޭސް"، "އޮބިނޯވޭ"، "ހިނގާ ބުރެއް ޖަހާލަން ދާން"، މިފަދަ ލަފްޒުތައް ހިމެނެއެވެ. ކުރިއަށް އޮތްތަނުގައިވެސް، އުރީދޫ އިން ވައިބާގައި ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައި ދޭ އިތުރު ސްޓިކާތައް ތައާރަފް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓިކާގެ އިތުރުން އުރީދޫއިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މިއަދު ވައިބާގެ ޚިދުމަތް ހިލޭ ބޭނުން ކުރުމުގެ ފުރުސަތު ދީފައެވެ. އުރީދޫގެ ކަސްޓަމަރުން #1*16*929* އަށް ގުޅާލުމުން، ހިލޭ އެ ހިދުމަތް ލިބިގެންދެއެވެ.

ރާއްޖޭގެ ގިނަ ބައެއް ވައިބާ ބޭނުން ކުރަމުންދާއިރު، އުރީދޫ އިން ވަނީ ވަރަށް އަގުހެޔޮކޮށް ވައިބާ ބޭނުންކުރެވޭ ޗެޓް ޕެކްތަކެއް ތައާރަފްކޮށްފައެވެ. އެއް ދުވަހު ވައިބާ ބޭނުން ކުރެވޭ ގޮތަށް ތައާރަފްކޮށްފައި ވާ "ވައިބާ5" އިން ފަސް ރުފިޔާއަށް 30 އެމްބީއާ ހަމައަށް ވައިބާ ބޭނުން ކުރެވެ އެވެ. އަދި "ވައިބާ11" ޕެކޭޖުން 11 ރުފިޔާއަށް ފަސް ދުވަހުގެ ތެރޭގައި 80 އެމްބީއާ ހަމައަށް ވައިބާ ބޭނުންކުރެވެ އެވެ.

comment ކޮމެންޓް