މިނިވަން ގަލަން އަބްދުއްސައްތާރު އާއިލާގެ ރައްކާތެރިކަމުގައި!

މީގެ 51 އަހަރު ކުރިން 26 ޖުލައި 1965ގައި ސްރީލަންކާގެ ވެސްޓްމިންސްޓާ ހައުސްގައި އޭރުގެ ބޮޑުވަޒީރު ނިޝާން ޣާޒީގެ އިތްޒަތުގެ ވެރިޔާ (ނޣޢވ) ސުމުއްމުލް އަމީރު އިބްރާހިމް ނާސިރު، އިނގިރޭސީންގެ އަތްދަށުން ސަލާމަތްވުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު ބޮޑުވަޒީރު ނާސިރު ހަދިޔާ ކުރެއްވީ އަލްމަހުރޫމް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ. އަބްދުއްސައްތާރު އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް އެގަލަންކޮޅު ގެންގުޅުއްވީ އެމަނިކުފާނެވެ.

އިނގިރޭސީންގެ އަތްދަށުން ރާއްޖެ ސަލާމަތްވި އެގްރިމެންޓުގައި ސޮއިކުރެއްވި އޭރުގެ ބޮޑުވަޒީރު ނާސިރު ދުނިޔެ ދޫކުރައްވާފައިވާ އިރު އިނގިރޭސީންގެ އަތުން ރާއްޖެ ސަލާމަތް ކުރުމުގު ހުރިހާ މަޝްވަރާއެއްހެން ކުރެއްވި އަބްދުއްސައްތާރު ވެސް މިވަނީ އަަވަހާރަވެފަ އެވެ. ޢަބްދުއްސައްތާރު އޭރު ވިދާޅުވީ "އަޅުގަނޑު ދުނިޔޭގައި ހުރެގެން، މިގަލަން އެއްވެސް ފަރާތަކާ ހަވާލެއް ނުކުރާނަން. މީހަކަށް ނުވެސް ދޭނަން. އަމުދުން އަޅުގަނޑު އެބަ އުޅޭތޯ ވިއްކާލަން، އެގޮތަށް ހީވެސް ކުރާކަށް ނުވާނެ ނޫންތޯ..." ކަމުގަ އެވެ. އެގަލަމުގެ ވެރިފަރާތް މިއަދު ދުނިޔޭގައި ނެތްއިރު އުފެދޭ ސުވާލަކީ އެގަލަންކޮޅު ކޮބާތޯ އެވެ؟

ދިވެހި މިނިވަންކަމުގެ އެއްބަސްވުމުގައި ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ސޮއި ކުރައްވާފައި--

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުއްސައްތާރުގެ އަނބިކަނބަލުން އަންނަބީލާ އައިޝަތު އިބްރާހިމް ދީދީ "ސަން"އަށް ވިދާޅުވީ އެ ގަލަންކޮޅު އެއާއިލާގެ ރައްކާތެރިކަމާ އެކު ގޭގައި އެބައޮތެވެ.

"ގަލަންކޮޅު އެބައޮތް، އެއީ އަބްދުއްސައްތާރުގެ އަމިއްލަފުޅު އެއްޗެއް ދެއްތޯ، އަޅުގަނޑުމެންގެ އަތުގައި އެ އެބަ އޮތް." އަބްދުއްސައްތާރުގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އެއާއިލާގެ ވިސްނުމަކީ ރައްކާތެރިކަމާ އެކު އެއާއިލާއިން އެގަލަންކޮޅު ބެލެހެއްޓުމެވެ.

އެއީ އަބްދުއްސައްތާރުގެ ހަނދާނެއް!

މި ގަލަންކޮޅަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގެ އެންމެ ޚާއްސަ އެއް ރަމްޒެވެ. ގައުމަށް ޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތެއްގެ ނިޝާނެވެ. އެހެންކަމުން އެމަނިކުފާނުގެ ހަޔާތްޕުޅުގައި މި ގަލަންކޮޅު ގެންގުޅުއްވީ ވަރަށް ވެސް ފަރުވާތެރިކަމާއި ރައްކާތެރިކަމާ އެކުގަ އެވެ. ގަލަންކޮޅަށް ދެލިއަޅުއްވައިގެން ގެންގުޅުއްވަ އެވެ. އެ ގަލަންކޮޅުގެ ވާހަކަ އެންމެ ފުރަތަމަ އިވިގެންދިޔައީ މިނިވަންކަމަށް، 25 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން 1990 ވަނަ އަހަރު އެވެ.

ޢަބްދުއްސައްތާރަށް ދެއްވީ ކީއްވެ؟

އޭރު ވަޒީރުލް އައުޒަމްގެ ނައިބަކަށް ހުންނެވި އިބްރާހީމް ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އޭގެ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ސަބަބަކީ ދިވެހި ގައުމުގެ މިނިވަންކަމަށް ޓަކައި ޢަބްދުއްސައްތާރު ކުރެއްވި މަސައްކަތްޕުޅަކީ މާއްދީ ގޮތުން އަގުނުކުރެވޭ މަސައްކަތްޕުޅުތަކެއް ކަމަށާއި، އެ މަސައްކަތްޕުޅު ވަޒަންކުރެވޭނީ ރަމްޒީގޮތެއްގައި ކަމަށްވުމާ އެކު، ޢަބްދުއްސައްތާރުގެ ޚިދުމަތްޕުޅުގެ އެންމެ އެކަށޭނަ ރަމްޒަކީ މިނިވަންކަމުގެ އެއްބަސްވުމާއި، އޭގައި ސޮއިކުރެވުނު ގަލަންކޮޅު ކަމަށް ވަޒީރުލް އައުޒަމް އިބްރާހީމް ނާޞިރު ގަބޫލުފުޅު ކުރެއްވުމެވެ.

ގަލަމުގެ ތަފްސީލް!

މިއީ އިބްރާހީމް ނާޞިރުގެ އަމިއްލަފުޅު ގަލަންކޮޅެކެވެ. ފަންސާސް އެކެއް ރަމްޒުކޮށްދެނީ ޕާކަރު ކުންފުނީގެ 51 އަހަރު ފުރޭ މުނާސަބަތެވެ. ޕާކަރު ކުންފުނި އުފެދުނީ މީލާދީން 1888 ގައެވެ. މިއީ ހިމާޔަތުގެ "އެގްރީމެންޓް" އެކުލަވައިލެވުނު އަހަރާ ވިދިގެން އައި އަހަރެވެ. މި ކުންފުންޏަށް 51 އަހަރު ފުރުނީ 1939 ވަނަ އަހަރުގަ އެވެ.

މިނިވަންކަމުގެ އެއްބަސްވުމުގެ އިތުރުން މި ގަލަންކޮޅުން ބޭރުގެ ވަރަށް އިއްޒަތްތެރި ދެ ބޭފުޅަކު ވަނީ ސޮއިކުރައްވައިފަ އެވެ. އެއީ އިނގިރޭސި ރާނީ ކްއީން އެލިޒަބަތު 2، އާއި ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އަދި ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު، އަދި ސިރީމާވޯ ބަންޑަރަނައިކަ އެވެ.

ފަންސާސް އަހަރު ވަންދެން އެގަލަން ގެންގުޅުއްވީ އަބްދުއްސައްތާރެވެ. މިއީ ދިވެހި ތާރީހާއި ދިވެހިންގެ މިނިވަންކަމުގެ ރަމްޒެކެވެ. ދިވެހިންނަށް އެހާ މުހިންމު އެއްޗަކަށް އެގަލަންކޮޅުވާ އިރު އަދިވެސް އެގަލަންކޮޅު އޮތީ ރައްކާތެރިކަމާއެކު އެވެ. އާދެ އަބްދުއްސައްތާރުގެ އާއިލާގެ ރައްކާތެރިކަމުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް