މާލެ ދަތުރުކުރަމުން އައި އެމިރޭޓްސް ފްލައިޓަކުން ދުން އަރައި، އެމަޖެންސީގައި މުމްބާއީއަށް ޖައްސައިފި

އެމިރޭޓްސްގެ ފްލައިޓެއް --

ޔޫއޭއީގެ ދުބާއީއިން މާލެއަށް ދަތުރުކުރަމުން އައި އެމިރޭޓްސްގެ ފްލައިޓެއްގެ ކޮކްޕިޓާއި ކެބިން ތެރެއިން ދުން އަރައި، އެ ފްލައިޓު އެމަޖެންސީގައި އިންޑިއާގެ މުމްބާއީއަށް ޖައްސައިފި އެވެ.

އެމިރޭޓްސްގެ އީކޭ 652 ފްލައިޓު ދުބާއީއިން މާލެއަށް ދަތުރުކުރަމުން ދިޔައީ 309 މީހުންނާ އެކުގަ އެވެ. އެ ފްލައިޓުގެ ތެރޭގައި ދުން އެރުމުގެ ސަބަބުން ޕައިލެޓް ވަނީ ވަގުތުން އެސްއޯއެސް ސިގްނަލް ދިނުމަށްފަހު މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ އިންޓަނޭޝަނަލް އެއާޕޯޓާ ދިމާލަށް މިސްރާބު ބަދަލު ކޮށްފަ އެވެ.

އެންޑީޓީވީއިން ރިޕޯޓު ކުރާ ގޮތުގައި އެ ފްލައިޓުން އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް އެސްއޯއެސް ސިގްނަލް ފޮނުވުމާ އެކު، މުމްބާއީގައި ހުރި އިންޑިއާގެ ކޯސްޓްގާޑު މަނަވަރުތައް ވަނީ ދިމާވެދާނެ ހިތާމަވެރި ހާދިސާއަކަށް ތައްޔާރުވުމަށްޓަކައި އެލާޓް ހާލަތަށް ގޮސްފަ އެވެ.

ނަމަވެސް އެ ފްލައިޓަށް މުމްބާއީ އެއާޕޯޓަށް ވަނީ ކާމިޔާބުކަމާ އެކު ޖެއްސިފަ އެވެ.

މި ފްލައިޓުގައި ދިވެހީން ތިބި ކަމެއް އަދި ކަށަވަރު ވެފައެއް ނުވެ އެވެ. އެމިރޭޓްސްގެ މި ފްލައިޓަކީ މިއަދު މެންދުރު 3:05 ގައި އިބްރަހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ފަހު، 4:30 ގައި ކޮލޮމްބޯއަށް ދިއުމަށް ނައްޓާލުމަށް ތާވަލު ކޮށްފައިވާ ފްލައިޓެކެވެ.

މި ހާދިސާގައި، ބޯޓުގައި ހުރި އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައި ނުވެ އެވެ.

އެމިރޭޓްސްގެ ތަރުޖަމާނަކު ގަލްފް ބިޒްނަސް ނޫހަށް ވަނީ، މިފަދަ ހާދިސާއެއް ހިނގިކަން ކަށަވަރު ކޮށްދީފަ އެވެ. އެމިރޭޓްސްގެ ތަރުޖަމާނު ވިދާޅުވީ މާލެއަށް ދަތުރުކުރަމުން އައި ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، މުމްބާއީއަށް ޑައިވާޓް ކުރެވުނު ކަމަށާއި ހުރިހާ ފަސިންޖަރުން އެ ބޯޓުން ބާލާފައިވާ ކަމަށެވެ.

comment ކޮމެންޓް