ހައްދުފަހަނަ އަޅާފައިވާ އޮއިވަރުތަކުގެ ބާރު ގަދަވެގެން ވެސް މިނިވަންކަން ގެއްލިދާނެ: މައުމޫން

މައުމޫން ފައުންޑޭޝަން ގެ ފަރާތުން ރަމަޞާން މަހުގެ ރޭތަށް އިޔާކުރުމުގެ ގޮތުން ބޭއްވި އިހިޔާފޯރަމްގައި މައުމޫން އަބްދުލް ޤައްޔޫމް ވާހަކަ ދައްްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމެއްގެ މިނިވަންކަމަށް ބުރޫއަރާނީ ބޭރުގެ ހަތިޔާރުއެޅި ލަޝްކަރަކުން ނުވަތަ ޖަމާއަތަކުން ދޭ ހަމަލައެއްގައި އެކަނި ނޫން ކަމަށާއި ދުނިޔޭގެ ހައްދުފަހަނަ އަޅާފައިވާ އޮއިވަރުތަކުގެ ބާރު ގަދަވެގެން ވެސް އެ މިނިވަންކަން ގެއްލިދާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގައުމެއްގެ މިނިވަންކަމަށް ބުރޫއަރާފަދަ ކިތަންމެ ކަމެއް ގައުމަކަށް ކުރިމަތިވެދާނެ ކަމަށެވެ.

އޭގެ ތެރޭގައި ގައުމުގައި ސިޔާސީ ހަމަނުޖެހުން އުފެދި ރައްޔިތުން ބައިބައިވެ ގައުމުގެ އެއްބައިވަންތަކަން ގެއްލުމާއި ގައުމުގައި އޮތް ދީނީ ވަހުދަތު ގެއްލިގެން ދިއުމުގެ އިތުރުން އިގްތިސާދީގޮތުން ބޭރުގެ ބޮޑެތި އިގްތިސާދީ ބާރުތަކުގެ ނުޒޫގެ ދަށުވުން ވެސް ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ރާއްޖޭގެ މިނިވަންކަން ސިޔާދަތު ރައްކާތެރިކުރަން ބޭނުންނަމަ ދިވެހިން ތިބެންޖެހޭނީ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ތައްޔާރު ވެގެންނެވެ. އެފަދަ ކަމެއް ރާއްޖެއަށް މެދުވެރިވިޔަ ނުދިނުމަށް ނުހަނު ވަރުގަދަ އަޒުމަކާއެކު ކަމަރު ބަނދެގެންނެވެ،" މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޔާމީންގެ ދެ ކަނބަލުންނަށާއި އެމަނިކުފާނުގެ ސަރުކާރަށާއި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ފޮނުއްވާ ނެރުނު ބަޔާނުގައި މައުމޫން ވިދާޅުވެފައިވެ އެވެ.

މިނިވަންކަމަކީ ގައުމަކަށް ރައްޔިތުން ލިބޭނެ އެންމެ ބޮޑު ނިއުމަތެއް ކަމަށާއި އެ މިނިވަންކަން ދެމެހެއްޓުމަކީ މިނިވަންކަން ހޯދުމަށްވުރެ ބުރަ މަސައްކަތެއް ކަމަށް ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ވާޖިބެއް ކަމަށެވެ.

އަދި ވިދާޅުވީ، އެއިރެއްގެ އޮންނަ ސަރުކާރަކަށް ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީން ލާޒިމު ކުރާ ކަމެއް ކަމަށެވެ.

"ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ގައުމީ އަދި ފަރުދީ ފެންވަރުގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން އޮތްއިރު ބައެއް ދިވެހިންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށްސ އެކި ކަހަލަ ގޮންޖެހުންތައް އައިސްފައިވާކަން ފާހަގަކޮށް އަދި އެކަމާ ހިތާމަކުރަމެވެ." މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތު ކަމަށްވާއިރު ގައުމީ މަސްލަހަތުގެ މައްޗަށް އެއްވެސް ބައެއްގެ މަސްލަހަތު އިސްކޮށްގެން ނުވާނެ ކަން ދަންނަން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް އެއްވެސް ޖާގައެއް ދިވެހިން ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް