ޗެނަލް 13 އިން ބްރޯޑްކާސްޓް ގާނޫނާ ޚިލާފުވުމުން ބްރޯޑްކޮމްއިން ނަސޭހަތްތެރިވެއްޖެ

ޗެނަލް 13 އޮފީސް-- ސަން ފޮޓޯ އަލީ ނަސީރު

މީޑިއާ ރިންގް ޕވޓ. ލޓޑ. ގެ ދަށުން ހިންގާ ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއާ ޚިލާފުވެފައިވާތީ، އެ ޗެނަލަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނަސޭހަތްތެރިވެއްޖެ އެވެ.

ރައީސް ޔާމީންގެ ކެމްޕޭން ލީޑަރުން ތަމްރީނު ކުރުމަށް ރ. ދުވާފަރުގައި މެއި ހަތްވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ދެއްކި ކަމަށާއި އެ ކޮންޓެންޓު ޗެނަލް 13 އިން ފޮނުވާފައި ވާތީ، އެ މައްސަލަ ބަލައިދިނުމަށް މެއި މަހުގެ 15 އަދި 24 ވަނަ ދުވަހު ބްރޯޑްކާސްޓިންގ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައި ވެ އެވެ.

މި މައްސަލަ ނިންމި ގޮތާ މެދު ބްރޯޑްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މައްސަލައާ ބެހޭ ކޮންޓެންޓު ކޮމިޝަނަށް ލިބެން ނެތް ކަމަށެވެ. ސަބަބެއް ކަމުގައި ކޮމިޝަނުން ބުނެފައިވަނީ އެ ކޮމިޝަނުގެ މޮނީޓަރިން ނިޒާމަށް ޓެކްނިކަލް މައްސަލައެއް ދިމާވުމެވެ.

މީގެ އިތުރުން ޗެނަލް 13 އިން ފޮނުވި ކޮންޓެންޓުގައި އަޑު ނެތްކަން ފާހަގަ ކުރެވުނު ކަމަށާއި، އެކުންފުނިން ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ވެސް އެ ކޮންޓެންޓުގެ އަޑު ނެތް ކަމަށް ބުނެފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އެހެންކަމުން ހުށަހެޅި މައްސަލައާ ގުޅޭ ކޮންޓެންތު މިހާރު ލިބެން ނެތް ކަމުން އެ މައްސަލަ ކުރިޔަށް ގެންދެވެން ނެތް ކަމަށް ބްރޯޑްކޮމްއިން ބުނެފައި ވެ އެވެ.

އެހެން ނަމަވެސް މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ޗެނަލް 13 އިން ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ބ) ޚިލާފުވެފައިވާކަން ހާމަވެފައިވާ ކަމަށް ބްރޯޑްކޮމްއިން ބުނެ އެވެ.

އެ އަކުރުގައި ބުނެފައިވަނީ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ބްރޯޑްކާސްޓުކުރާ ޕްރޮގްރާމުތަކާއި އިޝްތިހާރުތަކުގެ މާސްޓާ ރިކޯޑިންއާއި އޮންއެއާ ލޮގު، އެ އެއްޗެއް ބްރޯޑުކާސްޓު ކުރާ ދުވަހުން ފެށިގެން މަދުވެގެން ދެ މަސް ދުވަސް ވަންދެން ބަހައްޓަން ޖެހޭނެ ކަމަށާއި، އެއިން އެއްޗަކާ ގުޅޭގޮތުން މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ކޮމިޝަނުގެ އެދުމުގެ މަތިން އެ ބްރޯޑްކާސްޓެއްގެ މާސްޓާ ރިކޯޑިންއާއި އޮންއެއާ ލޮގު، މައްސަލަ ހައްލު ވަންދެން ބަލަހައްޓަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން މިފަދަ ކަމެއް ތަކުރާރުވެ ނުދިޔުމަށް އަންގައި، ޗެނަލް 13 ހިންގާ މީޑިއާ ރިންގް ކުންފުންޏަށް ނަސޭހަތްތެރިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

comment ކޮމެންޓް