ސިޔާސީ އެއްވެސް ނުފޫޒެއް ނެތް، ކޮމިޝަން ޒިންމާދާރު ވާން ޖެހޭ: ޝިފާގު

ހިއުމަންރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ޝިފާގު މުފީދު އެ ކޮމިޝަންގެ ރައީސާ އާމިނަތު އީނާސް އާއި އިތުރު މެމްބަރަކާ އެކު ---- ފައިލް ފޮޓޯ

ހިއުމަން ރައިޓްސް ކޮމިޝަނަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށް އެކޮމިޝަނުގެ ނައިބު ރައީސް ޝިފާގު މުފީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝިފާގު ރޭ ވިދާޅުވީ، ގާނޫނުން ފުރިހަމަ ބާރު އެ ކޮމިޝަނަށް ލިބިދީފައިވާއިރު، އިތުރަށް ޒިންމާދާރުވާން ޖެހޭ ކަމަށާއި، ކަންކަން ތަންފީޒުކުރަން އުޅެފި ނަމަ ދައުލަތުންވެސް ފުރިހަމަ އެއްބާރުލުން ލިބިގެންދާ ކަމަށެވެ.

"ގާނޫނުން އެއޮތީ ފުރިހަމަ ބާރު އަޅުގަނޑުމެންނަށް ލިބިދީފަ. ސިޔާސީ އެއްވެސް ނުފޫޒެއް އަޅުގަނޑުމެންގެ މައްޗަކަށްނެތް،" ޝިފާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްއާރުސީއެމްގެ ބަހަކީ ސަރުކާރުގެ ބަސް ނޫންކަމަށާއި އެއީ ރައްޔިތުންގެ ބަސް ކަމަށެވެ. އެހެންކަމުން އާއްމު މުޖުތަމައުގެ ވަކި ވަކި ފަރުދުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކޮމިޝަނުން ބަސް ބުނެވެން ޖެހޭނެކަމަށާއި ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭނެކަމަށްވެސް ޝިފާގު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބަރޯސާވެގެން، އަޅުގަނޑުމެންނަށް އިތުބާރުކޮށްފަ، ރައްޔިތުން އަޅުގަނޑުމެންނާ މި މަސްއޫލިއްޔަތު ހަވާލު ކޮށްފަ މިއޮތީ. އެހެންވެއްޖެކަމުގައި ވަނީ ވިއްޔާމުން، އަޅުގަނޑުމެން ރައްޔިތުންގެ ހައްގުގައި ބުނަން ޖެހޭ ހައްގު ބަސް ބުނަން އެބަޖެހޭ،" ޝިފާގު ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ އޮޑިޓް ރިޕޯޓުގައިވާ ކަންކަން އޭގައި އޮތް ގޮތަށް މީޑިއާގައި ހާމަ ކުރުމުން، އެޗްއާރުސީއެމްގެ އަޣުލަބިއްޔަތުން މީޑިއާކުށްވެރި ކުރުމަކީ ދެރަ ކަމެއް ކަމަށާއި މީޑިއާގައި ހާމަކޮށްފައި ވަނީ ރިޕޯޓުގައި ބުނެފައިވާ ގޮތަށް ކަމަށް ވިދާޅުވެ ޝިފާގުވަނީ މީޑިއާތަކުގެ އަރިހުން މައާފަށް އެދި ވަޑައިގެންފައެވެ.

comment ކޮމެންޓް