"ޖުރެސިކް ވޯލްޑް 2"ގެ ޕްރޮޑަކްޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށަނީ

ފިލްމު، "ޖުރެސިކް ވޯލްޑް" ގެ މަންޒަރެއްގައި އެ ފިލްމުގެ ލީޑް އެކްޓަރު ކްރިސް ޕްރެޓް: ޖުރެސިކް ވޯލްޑުގެ ދެވަނަ ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހިކޮޅު ފެށުމަށް ވަނީ ހަމަަޖެހިފައި ---

ޔުނިވާސަލް ސްޓޫޑިއޯގެ ހިޓް، ސައިންސް ފިކްޝަން އެޑްވެންޗާ ފިލްމު، "ޖުރެސިކް ވޯލްޑް" ގެ ދެވަނަ ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށަން ނިންމައިފި އެވެ.

ޖުރެސިކް އައުޓްޕޯސްޓް ވެބްސައިޓުން ބުނީ، ކޮލިން ޓްރެވޮރޯ ޑައިރެކްޓު ކޮށް، މިދިޔަ އަހަރު ނެރެފައިވާ ފިލްމު، "ޖުރެސިކް ވޯލްޑް" ގެ ދެވަނަ ފިލްމުގެ ޝޫޓިން ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު، ހަވާއީގައި ކަމަށެވެ.

ނަމަވެސް ބިރުވެރި ފިލްމު، "ދަ އޯފަނޭޖް" ޑައިރެކްޓްކޮށްފައިވާ ސްޕެއިންގެ ޖުއާން އެންޓޯނިއޯ ގާސިއާ ގެ ބެލުމުގެ ދަށުން އުފައްދާ އެ ފިލްމުގެ މައިގަނޑު ބައިތައް ޝޫޓް ކުރާނެ ކަމަށް ލަފާކުރެވެނީ ލަންޑަނުގައި ހުންނަ ޕައިންވުޑް ސްޓޫޑިއޯގައާ ލަންޑަނުގެ އެކި ހިސާބުތަކުގަ އެވެ.

މުޅި ދުނިޔެއިން 1.67 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ހޯދާފައިވާ ޖުރެސިކް ވޯލްޑްގެ ފުރަތަމަ ފިލްމުގައި ވެސް ލީޑް ރޯލުން ފެނިގެން ދިޔަ ކްރިސް ޕްރެޓް އާއި ބްރައިސް ޑަލާސް ހޮވާޑް ފެނިގެންދާނެ އެވެ.

ޖުރެސިކް ވޯލްޑުގެ ދެވަނަ ފިލްމުގެ ސްކްރިޕްޓު ލިޔާނީ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ކޮލިން ޓްރެވޮރޯ އަދި ޑެރެކް ކޮންނޮލީ އެވެ. އެ ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރުކަން، ދުނިޔޭގެ މަޝްހޫރު ޑައިރެކްޓަރު، ޕްރޮޑިއުސަރު އަދި ޖުރެސިކް ޕާކުގެ ޑައިރެކްޓަރު ސްޓީވަން ސްޕިލްބާގަށް ދީފައިވާއިރު، ޕްރޮޑިއުސަރަކީ ފްރޭންކް މާޝަލް އެވެ.

ޖުރެސިކް ވޯލްޑުގެ ދެވަނަ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް