މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާ މައްސަލަތައް ގޯސްކަމަށް ބުނެ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
މިރޭ އެމްޔޫއޯ އިން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އެއް ކަމެއްގައި އެ ކޮމިޝަނުން އެކި ޓީވީ ސްޓޭޝަންތަކާ މެދު ނިންމާ ނިންމުންތައް ތަފާތު ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާކަމުން އިސްތިއުފާދެއްވުމަށްފަހު ޖެހިގެން އައި ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ކޯޓުތައް އަންދައި އަޅިއަށް ހަދާފައިވާ ކަމަށް ޗެނަލް 13 ގެ ލައިވް ޕްރޮގްރާމެއްގައި ޕީޕީއެމަށް ނިސްބަތްވާ މަޖިލީސް މެމްބަރަކު ވިދާޅުވުމުން، އެއީ މައްސަލައެއް ނޫން ކަމަށް އެކޮމިޝަނުން ނިންމި ނިންމުމަށް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.
އަލީ ޒާހިރު ވިދާޅުވީ، ރައީސް ނަޝީދުގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓު ކުރުމުން އެއީ ޝަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމަކާ ހަވާލާދީ ދެއްކެވި ވާހަކަތަކެއް ކަމަށް އެ ކޮމިޝަނުން ނިންމިއިރު، ރައީސް ނަޝީދު ރާއްޖޭގެ ކޯޓުތަކުގައި ހުޅުޖެހި ކަމަށް އެއްވެސް ކޯޓަކުން ހުކުމް ކޮށްފައިނުވާ ކަމަށެވެ.
"ބައްލަވާ ޗެނަލް 13 ގައި އެއްދުވަހަކު މެމްބަރަކު ހިތުހުރިހައި އެއްޗެއް ވިދާޅުވި، ރައީސް ނަޝީދު، 7 ފެބްރުއަރީ ނޫން އަނެއް ދުވަހު ރާއްޖޭގެ ހުރިހާ ކޯޓުތަކެއް ރޯކޮށްލައިފިއޭ ހުޅުޖަހައިފިއޭ ވިދާޅުވި. އެހެންނަމަވެސް އެ މައްސަލަ އަމިއްލަ ފަރާތަކުން ހުށަހެޅުމުން މިއީ ޝަރުއީ ކޯޓަކުން ނިންމާފައިވާ ކަމެއްވީމަ މައްސަލައެއް ނޫނޭ ބުނީ. އަނެއްކާ އެފަރާތުން މިދަންނަވަނީ ޝަރުއީ ކޮން ކޯޓަކުން ކޮން އިރަކުތޯއޭ ނިންމެވީ ރައީސް ނަޝީދު ރާއްޖޭގެ ކޯޓުތަކުގައި ހުޅުޖެއްސެވި ކަމަށް. އެންމެފަހުން އެ ވިދާޅުވަނީ އެއީ ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ނޫނޭ،" އަލީ ޒާހިރު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓު ކުރުމަކީ ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ނޫން ކަމަށް އެ ކޮމިޝަނުން ނިންމާފައިވާއިރު، ސަރުކާރުގައި ހުރި ބައެއް މައްސަލަތަކާ ގުޅޭގޮތުން ހެއްކާ އެކު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ރާއްޖެ ޓީވީގައި ވާހަކަފުޅުދެއްކެވުމުން އެއީ ސުލޫކީ މިންގަނޑާ ޚިލާފު ކަމަކަށް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ ގޮތުގައި ހުންނެވި ޝަހީބަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރުން މިހާރަށް މަނިކުފާނު ތި ގެންގުޅުއްވާ އުސޫލު ހުއްޓާލައްވާފައި، ރައްޔިތުންނާ އެއްކޮށް އަދި އަޅުގަނޑުމެންގެ ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތަށް އަޅުގަނޑުމެންގެ މީޑިއާއަށް ފުރުސަތު ދެއްވާށޭ،" އަލީ ޒާހިރު ވިދާޅުވި އެވެ.
އަލީ ޒާހިރު މިހެން ވިދާޅުވެފައިވާއިރު، ޗެނަލް 13 ގެ "ނިވްސްޓޯކް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް މެމްބަރަކު ރައީސް ނަޝީދުގެ އަބުރާ ބެހި އެމަނިކުފާނާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގުވާހަކަތަކެއް ދެއްކި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ދާދިފަހުން އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އެ ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި، މައްސަލަ ހުށަހަޅާފައިވާ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން ރައީސް ނަޝީދު އިސްތިއުފާދެއްވުމަށްފަހު ޖެހިގެން އައި ދުވަހު ރާއްޖޭގެ ކޯޓުތައް އަންދައި އަޅިއަށް ހަދާފައިވާ ކަމަށް ޗެނަލް 13 ގެ ޕްރޮގްރާމެއްގައި މަޖިލިސް މެމްބަރަކު ވިދާޅުވި ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައީ ޒުވާނުންނަށް މަސްތުވާތަކެތީގެ ވަބާގެ ދަޅަ ދައްކައިގެން ކަމަށް އެ ޕްރޮގްރާމްގައި މަޖިލީސް މެމްބަރަކު ވިދާޅުވި ކަމަށް ވެސް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.
ނަމަވެސް މައްސަލައިގެ ނިންމުމުގައި ވަނީ އެ ކޮންޓެންޓަކީ ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ޚިލާފު ކޮންޓެންޓެއް ނޫން ކަމަށް އެ މައްސަލަ ބެއްލެވި ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.