މަހުލޫފަށް ކުރި ހުކުމް އިސްތިއުނާފު ކުރަނީ

މަހުލޫފުގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ގާނޫނީ ވަކީލު އަބްދުﷲ ހަސީން މީޑިއާ އަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ފުލުހުންގެ ދައުރު އަދާ ކުރަން ދަތިކުރި ކަމަށް ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ކޮށްފައިވާ ހަތަރު މަހުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން މަހުލޫފުގެ ގާނޫނީ ޓީމުން ނިންމައިފި އެވެ.

މަހުލޫފުގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ، މަހުލޫފަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުންދާ ކަމަށާއި އުއްމީދަކީ އަންނަ އާދީއްތަ ދުވަހު އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުން ކަމަށެވެ.

އަދުލު އިންސާފު ދިނުމުގައި ރާއްޖޭގެ ކޯޓުތަކުގައި ޝައްކުތަކެއް ހުރި ނަމަވެސް މަހުލޫފުގެ މައްސަލައިގާ ޝަރުއީ ނިޒާމުގައި ހުރި ހުރިހާ ހަރުފަތެއް ގިރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުލޫފަށް ކުރި ހުކުމްގެ ރިޕޯޓް ކްރިމިނަލް ކޯޓުން ލިބިފައިވާ ކަމަށް ފާހަގަކުރައްވައި ހަސީން ވިދާޅުވީ، މަހުލޫފު ޖަލަށްލާން ހުކުމްކުރުމުން އޭނާގެ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުށަހަޅަމުންދާ ކަމަށެވެ.

އެގޮތުން މަހުލޫފަށް ކުރި ޖަލު ހުކުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، އަދަބު ކަނޑައެޅުމުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހިދުމަތް ރައްޔިތުންނަށް ގެއްލިގެން ނުދާފަދަ ގޮތަކަށް، ހުކުމް ކުރެއްވި ގާޒީއަށް އިހްތިޔާރު ލިބިގެންވާ ކަމަށެވެ.

އެގޮތުން މަހުލޫފަށް ކުރި ހުކުމުގައި އެފަދަ ކަމެއް މަހުލޫފު ކުރެއްވި ފުރަތަމަ ފަހަރުކަން ސާބިތުވެ އޮތް އިރުވެސް، ކުޑަ އަދަބެއް ދިނުމުގެ ބަދަލުގައި މަހުލޫފަށް އިއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމުން މަހުރޫމުވާ ފަދަ ހުކުމެއް ކަމަށް ހަސީން ވިދާޅުވި އެވެ.

މަހުލޫފަށް ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދެ ވަނަ ދައުވާގެ ހުކުމް އިއްވުން މިއަދަށް ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލް ކުރައްވާފަ އެވެ.

ނަމަވެސް ކެންސަލް ކުރި ސަބަބެއް އަންގާފައެއް ނުވާ ކަމަށް ވެސް މަހުލޫފުގެ ގާނޫނީ ޓީމުން މިއަދު ބުންޏެވެ.

މަހުލޫފުގެ މައްޗަށް ދައުލަތުން ދެވަނަ އަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނުމަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑު ޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮށްޕައި ދުރަށް ޖެއްސުމަށް ފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނެ އެވެ.

comment ކޮމެންޓް