ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް އިއްވި ހަތަރު މަހުގެ ޖަލު ހުކުމުގެ މައްސަލަ އާއި ކްރިމިނަލް ކޯޓުގައި ހިނގާ މައްސަލަ އދ. އަށް ހުށަހަޅަން މަހުލޫފުގެ ގާނޫނީ ވަކީލުންގެ ޓީމުން ނިންމައިފި އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ހަސީން ވިދާޅުވީ މަހުލޫފަށް ކޮށްފައިވާ ހުކުމަކީ ޝަރީއަތާއި އަދުލު އިންސާފުގެ ބޭރުންކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއާ ގުޅިގެން ހުކުމް ކުރަން އުޅެނީ ޝަރީއަތާއި އަދުލު އިންސާފުގެ ބޭރުންކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އދ. ގެ ވޯކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޓަންޝަނަށް އެ މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް ހަސީން ވިދާޅުވި އެވެ.
އދ.ގެ އެ ވޯކިން ގްރޫޕަށް ހުށަހަޅަން ނިންމާފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރަން ދަތިކުރި ކަމަށް ސާބިތުވެ މިމަހުގެ 18 ވަނަ ދުވަހު މަހުލޫފަށް ކުރި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ އާއި ފުލުހުންގެ ބެރިކޭޑް ފަޅާލި ކަމަށް ބުނެ ކުރަން އުޅޭ ހުކުމުގެ މައްސަލަ އެވެ.
އެ ދެ މައްސަލަ ވެސް ވަރަށް އަވަހަށް އދ. އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ގާނޫނީ ޓީމުން ބުންޏެވެ.
މަހުލޫފުގެ އަނބިކަނބަލުންނާއެކު ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރީ ޑިޓެކްޝަނަށް ކޯޓުން މައްސަލަ ނުނިމުނަށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ. އެގޮތަށް މައްސަލަ ހުށަހެޅެނީ ޝަރީއަތް ކުރިއަށްގެންދާ ގޮތުގައި އިންސާފުގެ ހަމަތަކުން ބޭރު ކަންތައްތަކެއް ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަހުލޫފު ހަތަރު މަހަށް ޖަލަށް ލާން ކުރި ހުކުމުގައި ޔުނިވާސަލް ޑިކްލަރޭޝަންސް އޮފް ހިއުމަން ރައިޓްސް އަދި އިންޓަނޭޝަނަލް ކޮންވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް މުއާހަދާއާ ހިލާފު ކަންތައްތަކެއް ހުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހުކުމް އިއްވި ދުވަހު މަހުލޫފް އޭނާގެ އަނބިކަނބަލުންނާ އެކު ކްރިމިނަލް ކޯޓު ކައިރީގައި --- ސަންފޮޓޯ/ މުހައްމަދު އަފްރާހް
ނާޒިމް ވިދާޅުވީ، ޝަރީއަތުގައި މަހުލޫފުގެ ހައްގުތައް ނިގުޅައިގެންފައިވަނީ އެއްވެސް ހަމައެއް ނެތިކަމާއި ޝަރީއަތް ގެންގޮސްފައިވާލެއް ހަލުވިކަމުގެ އިތުރުން އިންސާފުވެރި ޝަރީއަތެއްގައި ހުންނަންޖެހޭ އެންމެ އަސާސީ ސިފަތަކަށް އިހްތިރާމް ކޮށްފައިނުވާކަން އދ. ގެ ވޯކިން ގްރޫޕަށް ހުށަހަޅާ މައްސަލާގައި ހިމަނާނެ ކަމަށެވެ.
ހަމައެހެންމެ މަހުލޫފުގެ ފަރާތުން އެކަށީގެންވާ ދިފާއު ތައްޔާރުކުރުމުގެ ހައްގަށް ހުރަސްއަޅާފައިވާއިރު ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް މައްސަލަ ނިންމަން މަސައްކަތް ކޮށްފައިވާ ކަން ވެސް ހުށަހަޅުއްވާ މައްސަލައިގައި ހިމަނާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
މިހާތަނަށް ހުކުމް ނުކުރާ މަހުލޫފްގެ މައްސަލަ އދ.ގެ ވޯކިން ގްރޫޕަށް ހުށަހަޅަން ނިންމާފައިވަނީ އޭނާ ބެރިކޭޑު ފަޅާލި މަންޒަރު ފެނުނު ކަމަށް ބުނެ އެންމެ ފުލުހަކު ހެކިބަސް ދީފައިވާއިރު، އެ ފުލުސް މީހާގެ ހެކިބަސް ނަފީކުރުމަށްޓަކައި ދިފާއުއިން ހުށަހެޅި ހެކީންގެ ހެކިބަސް ނުނަގައި ހުކުމް ކުރަން ނިންމާފައިވާތީ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.