ޔޫރޯ ގިފްޓް ޕްރޮމޯޝަންގެ ބޮޑު އިނާމު އަޒްމީނަށް

ދެމީހަކަށް ޕެރިސް ދެކޮޅު ޓިކެޓް ލިބުނު އަޒްމީން: އޭނާއަށް ދެމީހަކަށް ދެކޮޅު ޓިކެޓްގެ އިތުރުން ބީއެމްއެލް އިން 3000 ޑޮލަރު ދޭނެ ---- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ޔޫރޯ ގިފްޓްގެ ބޮޑު އިނާމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ދެ މީހަކަށް ޕެރިސް ދެކޮޅު ޓިކެޓާއި 3000 ޑޮލަރު، ށ. ފުނަދޫ، ސޫރަޖް، އަބްދުﷲ އަޒްމީނަށް ލިބިއްޖެ އެވެ.

ބީއެމްއެލް ޔޫރޯ ގިފްޓް ޕްރޮމޯޝަނަކީ ޔޫރޯ 2016 އާ ދިމާކޮށް ބޭންކުން ސޯޝަލް މީޑިއާގައި ހިންގި ޕްރޮމޯޝަނެކެވެ.

ބޭންކުގެ ފޭސްބުކް ޕޭޖް އަށް ލައިކް ކުރުމަށް ފަހު ޔޫރޯ 2016 އާ ގުޅޭ ޕޯސްޓަށް ކޮމެންޓްކޮށްގެން އެ ޕްރޮމޯޝަނުގައި ބައިވެރިވެވުނެވެ. އަދި ބޭންކުގެ ޓުވިޓާ އެކައުންޓް ފޮލޯކޮށް އެ ޕޯސްޓް ރިޓްވީޓް ކޮށްގެން ވެސް ބައިވެރިވެވުނެވެ.

ކޮންމެ ހަފްތާއަކު އެއިން ކޮންމެ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ވެސް ނަސީބުވެރިއަކު ހޮވައި 3000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ވަނީ ދީފަ އެވެ.

ށ. ފުނަދޫ، ސޫރަޖް އުމުރުން 26 އަހަރުގެ އަޒްމީން އަށް ރަމްޒީ އިނާމް ހަވާލުކޮށްދެއްވީ މިއަދު ބޭންކުގެ ހެޑް އޮފީހުގައި އޮތް ކުޑަ ހަފްލާއެއްގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ އެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ "އަޒްމީން އަށް އެ އިނާމު ލިބުމުން ވަރަށް އުފާވާ ކަމަށާއި އަދި އޭނާ އަކީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތެއް ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ޔޫރޯ މުބާރާތް ބޭއްވުނު ޕެރިހުގައި އަޒްމީން ވަރަށް ހިތްހަމަޖެހޭ ވަގުތުތަކެއް ހޭދަކުރާނެ ކަމަށް. އޭނާ އަށް ބާއްޖަވެރި ދަތުރަކަށް އެދެން." އެންޑްރޫ ވިދާޅުވި އެވެ.

comment ކޮމެންޓް