މުވައްޒަފުންނަށް ލިއްބައިދޭ އުފާވެރިކަން، ބުރިޖު މަސައްކަތް އަވަސްވުމުގެ ސިއްރު!

ބުރިޖު މަސައްކަތް ކުރާ މުވައްޒިފުން ތިބޭ ސަރަހައްދު-- ސަން ފޮޓޯ: ފަޔާޒު މޫސާ

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް، ހަލުވި ވާހަަކަ ނުދައްކާ މީހަކު މަދެވެ. މަސައްކަތްކުރާތާ ކުޑަ ދުވަސްކޮޅެއްތެރޭގައި އެ ބޮޑު މަޝްރޫއުގެ ނަތީޖާ ފެންނަމުންދާ އިރު މިއީ ހައިރާންވާވަރުގެ ކަމެކެވެ. އެހާ އަވަހަށް އެކުރަނީ ހާދަ ބުރަ މަސައްކަތެކެވެ. ގައިމު ވެސް މީގެ ފަހަތުގައި ސިއްރުތަކެއްވާނެ އެވެ. މިދިޔަ އާދިއްތަ ދުވަހު ނޫސްވެރިންނަށް އެ މަސައްކަތް ކުރިއަށްދާގޮތް ދައްކާލި އިރު މިކަންކަން ހަލުވި މިވަނީ ކީއްވެކަން ވިސްނޭވަރަށް މިވަނީ ހެކިފެނިފަ އެވެ.

ބުރިޖުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އިރު މި މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގެ މުވައްޒަފުން 24 ގަޑިއިރު ދަނީ މަސައްކަތްކުރަމުންނެވެ. ރެއެއް ދުވާލެއްނެތެވެ. ދޭ އަތްވަކަށް ވެހޭ ވާރެއަކަށް ބެލުމެއްނެތެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އިންތިޒާމްތައް ރާވާފައިވާގޮތެވެ.

ޗައިނާ މޯލްޑިވްސް ފުރެއިންޑްޝިޕް، ބުރިޖުގެ މަސައްކަތްތައް ކުރިއަށްދަނީ--- ސަންފޮޓޯ/ފަޔާޒު މޫސާ

އުސްފަސްގަނޑު ސަރަހައްދާއި އަޑި ޕާކްގައި ހަދާފައި ހުރި އެކޮމަޑޭޝަން ބްލޮކްތަކުގެ ފެންވަރު ރަނގަޅެވެ. އޭސީގެ ފިނި ވައިލިބޭނެ އިންތިޒާމް ހުރީ ހަމަޖައްސާފަ އެވެ. ފެންވެރުމާއި އެއްޗެހި ދޮވެ ހިއްކުމުގެ ނިޒާމް ހުރީ ފަސޭހައިން ހަމަޖައްސައިފަ އެވެ. ކޮންމެ އެކޮމަޑޭޝަން ބްލޮކެއްގެ ދޭތެރޭގައި ހުސްތަން ދޫކޮށްފައިވާ އިރު މަސައްކަތްކުރަން ލާ އަންނައުނު ފަދަ ތަކެތި ބެހެއްޓޭނެ އިންތިޒާމް ހުރީ ހަމަޖައްސައިފަ އެވެ. އަސާސީ ބޭނުންތައް ފުރިހަމަ އެވެ.

ޑިއުޓީ ނިމި ލިބޭ ހުސްވަގުތުތަކުގައި ވެސް ފޫހިވާކަށް ނުޖެހެ އެވެ. އެ ސައިޓުގެ މާލަންތަކުގައި ކުޅިވަރުކުޅެވޭނޭ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. ބާސްކެޓް ކޯޓެއް ވަނީ މުވައްޒަފުންނަށް ތައްޔާރުކޮށްފަ އެވެ. މުވައްޒަފުންގެ މެދުގައި މަސައްކަތު ފޯރި އުފެއްދުމަށް ތަފާތު ގްރޫޕުތައް ބަހައި ލީޑަރުންވަނީ އައްޔަންކޮށްފަ އެވެ.

ފޫހިފިލުވުމަށް ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުގެ އިތުރުން ހިތްހަމަ ޖައްސާލާނެ ގޮތްތައް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އުސްފަސްގަނޑު ބޭރުގައި ޖަހާފައިވާ ހިލަތަކުގެ މަތީގައި ނަލަ ދެ ތިން "ހަޓު" ވަނީ ހަދާފަ އެވެ. ދިވެހި ވަންތަގޮތަކަށް ހަދާފައިވާ އެ ހަޓުތައް ފަންގިން ހިޔާކޮށްފައިވާ އިރު ޖޯއްޔާއި އަށިތައް ވަނީ ބަހައްޓައިފަ އެވެ. އެ ހަޓުގައި އޮންނަ އިރު ސާފު ވައިލިބި މޫދު ފެންނައިރު ހަމަގައިމު ވެސް އެއީ ޗައިނާ ފަދަ ގައުމެއްގެ ބަޔަކަށް ލިބޭ ވަރަށް ވެސް ބޮޑު ހިތްހަމަޖެހުމެކެވެ.

ދެން އޮތީ އެންމެ މުހިންމު އެއް ވާހަކަ އެވެ. ގިނަ މީހުން އެންމެ ލޯބިކުރާ އެއްކަމަކަށް ކެއުން ވާނެ އެވެ. ޗައިނާ މީހުންނަކީ ކެއުމުގައި ފާހަގަކޮށްލެވޭ ބައެކެވެ. އެކަމުގެ އިންތިޒާމް ވެސް ވަނީ ވަރަށް ރަނގަޅަށް ހަމަޖައްސާފަ އެވެ. އެގޮތުން އެ ސައިޓުގައި ތިން ރެސްޓޯރެންޓް ވަނީ ގާއިމްކޮށްފަ އެވެ. ޗައިނާގެ މައިގަނޑު ކެއުންތައް އެތަނުން ލިބެ އެވެ. އެންމެ ގިނައިން ހަދަނީ ކުކުޅެވެ. ޗައިނާ މީހުންގެ އިތުރުން މަދުން ނަމަވެސް އަވައްޓެރި އެހެން ގައުމުގެ މުވައްޒަފުން އުޅޭއިރު އެމީހުންނަށް ވެސް ކަމުދާ ކެއުންތައް އެތަނުން ލިބެއެވެ.

އިސްވެ މުޅިން ވެސް މިފާހަގަކުރީ އަސާސީ ބޭނުންތަކުގެ ފުރިހަމަ ވާހަކައެވެ. އޭގެ އިތުރުން އެންމެ މުހިންމު އެއްކަމަކަށް ހަމަގައިމު ވެސް ސަލާމަތީ ކަންކަން ވާނެ އެވެ. ބޭރު މަގުން މިހާރު ދުއްވާލާ މީހަކަށް ވެސް މިދައްކަން އުޅޭ ވާހަކަ ސިފަވާނެ އެވެ. ކަނޑުމަތީގައި ގިނަ ވަގުތު މަސައްކަތް ކުރާ އެ މުވައްޒަފުން އެއްގަމުގައި އުޅޭއިރު ވެސް ތިބެނީ ލައިފް ޖެކެޓު އަޅައިގެންނެވެ. މަސައްކަތްކުރާ ހުރިހާ ވަގުތެއްހެން ތިބޭނީ މަސައްކަތަށް ހާއްސަ ޔުނީފޯމާ އެކު ހެލްމެޓާއި ސޭފްޓީ ބޫޓަށް އަރައިގެންނެވެ. ބުރިޖުގެ މަސައްކަތްކުރަން އުޅޭ އެކި ފަރާތްތަކުން މަސައްކަތްކުރާ މަންޒަރަށް ބަލާއިރު ވެސް ރައްކާތެރިކަން ފިޔަވަޅު ނާޅާ މަސައްކަތްކުރާ މީހަކު ނުދެކެމެވެ.

ބުރިޖުގެ މަޝްރޫގެ ތެރެއިން އަނިޔާގެ ދެ ތިން ހާދިސާއެއް މިހާތަނަށް ހިނގާފައިވީ ނަމަވެސް މީހަކަށް މާބޮޑު އަނިޔާއެއް ލިބިފައެއްނުވެ އެވެ. ސަބަބެއް ކަމަށް ބެލެވެނީ ރައްކާތެރި ކަމަށް އިސްކަންދޭ މިންވަރެވެ.

ބުރިޖުގެ މަސައްކަތް ހާދަ އަވަހޭ ކުރެވޭ ސުވާލަށް މިވަނީ ޖަވާބު ލިބިފަ އެވެ. މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް މިދަނީ އެ ކަންކަން ކުރަންތިބި މުވައްޒަފުންގެ ކަންކަން ބަލަހައްޓާލެއް ފުރިހަމަ ކަމުންކަން ޔަގީނެވެ. އަސާސީ ބޭނުންތައް ހުރީ ރަނގަޅު ފެންވަރެއްގަ އެވެ. ހަމައެއާ އެކު ހިތްހަމަ ޖައްސާލުމާއި ފޫހިފިލުވޭނެ ގޮތްތައް ވަނީ ހަމަޖައްސައިފަ އެވެ. ރައްކާތެރިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެންވީމަ މުވައްޒަފުން ހިތްހަމަޖެހިގެން މަސައްކަތް ކުރާނެ އެވެ.

މިއީ ދިވެހި ކުންފުނިތަކާއި ސަރުކާރުގެ މުވައްސަސާތަކުން މިސާލަކަށް ބަލަން ޖެހޭ ކަންކަމެވެ. ތަނުގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުން މޯޓިވޭޓްކޮށް އެމީހުން ހިތްހަމަ ޖައްސައިގެންކަން ޔަގީނެވެ. ރާއްޖޭގައި މިކަން އޮތީ ކިހާ ހިސާބެއްގައިބާ އެވެ؟

ރާއްޖޭގެ ގިނަ ކުންފުނިތަކަކުން މުވައްޒަފުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކޮށްދެ އެވެ. ހާއްސަކޮށް ބައެއް ރިސޯޓްތައް ހިމެނެ އެވެ. މުވައްޒަފުންގެ އަސާސީ ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ދިނުމުގެ އިތުރުން މުވައްޒަފުންނަށް ޓަކައި ތަފާތު ހަރަކާތްތައް ހަމަޖައްސައިދޭ ތަންތަން އެބަހުއްޓެވެ. މުވައްޒަފުންނަށް ހާއްސަ ސުވިމިންޕޫލާއި ޖިމް ފަދަ ވަސީލަތްތައް ގާއިމްކޮށްފައިވާ ތަންތަން އެބަހުއްޓެވެ. މިއާ އެކު އެފަދަ ހިދުމަތްތައް ނުދޭ ތަންތަނާއި ބަރާބަރަށް މުސާރަ ނުދޭ ތަންތަން ވެސް އެބަހުއްޓެވެ.

ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ ބޮޑު އެއް ދާއިރާ ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަ ޖަމިއްޔާ، އެމްޕްލޯއީސް އެސޯސީއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީގައި ރަނގަޅު ފެންވަރެއްގައި މުވައްޒަފުންނަށް ހިދުމަތްދޭ ތަންތަން ހުރި ނަމަވެސް އަދިވެސް ގިނައީ އެކަށީގެންވާގޮތަށް މުވައްޒަފުންގެ ކަންކަން ނުބަލަހައްޓާ ތަންތަނެވެ.

ޒާކިރު ވިދާޅުވީ އެތަނެއް ހިންގައިގެން ފައިދާ އިތުރުކުރަން ބޭނުން ނަމަ މުވައްޒަފުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމައޭގެ ގެއްލުން ވެރިމީހާއަށް ވެސް ކުރާނެ އެވެ.

އިސްވެ މިފާހަގަ ކުރި ކަންކަމަކީ ކުންފުނިތަކަށާއި މުއައްސަސާތަކަށް ނަމޫނާއެކެވެ. މުވައްޒަފުން ހިތްހަމަ ޖައްސައި އެމީހުން މަސައްކަތަށް ލޯބިޖެއްސިއްޖެ ނަމަ އެތަނެއް ކުރިއަރައި މަސައްކަތު ފޯރި އިތުރުކުރެވޭނެ ކަމުގެ ޔަގީންކަން ބްރިޖު މަޝްރޫއަށް ބަލާލުމުން ވެސް ސިފަވެ އެވެ.

comment ކޮމެންޓް