ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް ރައްޔިތުން ހޮވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަނީ

ގާނޫނު އަސާސީ އަށް އިސްލާހު ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ފޮޓޯ/ މަޖިލިސް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސް ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހަޅައިފި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހޯމަ ދުވަހު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އިންތިހާބުކުރެވޭ ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރާނެ ގޮތް ގާނޫނުގައި އޮންނަންވާނެ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި ކައުންސިލުތަކުގައި ހިމެނޭ މެމްބަރުން ދިމިގުރާތީ އުސޫލުތަކުގެ މަތީން އިންތިހާބުކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައި އޮންނަންވާނެ ކަމަށެވެ.

ގާނޫނު އަސާސީ އަށް އެފަދަ އިސްލާހެއް އާމިރު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ބޮޑުކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އާމިރު ވިދާޅުވީ ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސް އެ ކައުންސިލެއްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރާ ބައެއްގެ ގޮތުގައި އޮތުމަކީ ރައްޔިތުންގެ ޑިމޮކްރަސީގެ އުސޫލަށް ބަލާއިރު އެންމެ ޑިމޮކްރަޓިކް ގޮތް ކަމުގައި އޭނާ ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ)ގައި މިހާރު ބުނެފައި އޮންނަނީ އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އުފައްދާ ކައުންސިލުތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދިމިގުރާތީ އުސޫލުތަކުގެ މަތީން ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެމްބަރުން ކަމަށެވެ.

އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އިންތިހާބު ކުރެވޭ ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެކައުންސިލަކަށް ހޮވޭ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށެވެ.

comment ކޮމެންޓް