މުއްދަތު ހަމަވިއިރު ވެސް މައުމޫން އެދިވަޑައިގަތް މައުލޫމާތު ޕީޖީ ގްރޫޕުން ނުދިން

މައުމޫން ފައުންޑޭޝަން ގެ ފަރާތުން ބާއްވާ އިހިޔާފޯރަމްގައި މައުމޫން އަބްދުލް ޤައްޔޫމް ވާހަކަ ދައްްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން ވޭތުވެދިޔަ ތަނުގައި ބޭއްވި ބައްދަލުވުންތަކުގެ މައުލޫމާތުތައް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހުށަހެޅުމަށް ދިން މުއްދަތުގެ ތެރޭގައި އެ މައުލޫމާތުތައް ހުށަހަޅާފައިނުވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ޕީޖީ ގްރޫޕުގެ ބައެއް ނިންމުންތަކާ މެދު ސުވާލު އުފައްދަވައި އެ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކަށް މިމަހުގެ 11 ވަނަ ދުވަހު ރައީސް މައުމޫން ފޮނުއްވެވި ސިޓީފުޅެއްގައި، އެ ޕާޓީގެ ޕީޖީ ގުރޫޕުން ވޭތުވެދިޔަ ތަނުގައި ބާއްވާފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާއާ އެ ބައްދަލުވުންތައް ބޭއްވި ތާރީހާއި ބޭއްވި ތަނާއި އެ ބައްދަލުވުންތަކަށް ވަޑައިގެން މެމްބަރުންގެ ހާޒިރީގެ އިތުރުން ޕީޖީ ގުރޫޕުގެ ބައްދަލުވުންތަކަށް ހުށަހަޅައި ނިންމި ކަންކަން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޮނުވައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް، ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ސޮއިކުރައްވައި ނިހާނަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ މައުލޫމާތު ފޮނުއްވުމަށް ދިން މުއްދަތު ފަހަނައަޅައި ދިޔަ އިރުވެސް އެ މައުލޫމާތު ޕީޕީއެމްގެ އޮފީހަށް ލިބިފައި ނުވާ ކަމަށެވެ.

އެ މައުލޫމާތު ފޮނުވުމުގައި ދަތިތަކެއްވާނަމަ އެ ދަތިތައް ހައްލުކުރެއްވުމަށް އެހީތެރިކަންދޭނެ ކަމަށް ވެސް އަލީމް ވިދާޅުވި އެވެ.

އެ ހުރިހާ ލިޔެކިޔުންތައް މާދަމާ ރަސްމީ ގަޑި ނިމުމުގެ ކުރިން ފޮނުއްވުމަށް މައުމޫން އެދިވަޑައިގަންނަވާ ކަމަށް ވެސް އަލީމް ޕީޖީ ގްރޫޕަށް ފޮނުއްވި ސިޓީގައި ވެއެވެ.

comment ކޮމެންޓް