އެއްވެސް ބަޣާވާތެއް ބަލައެއް ނުގަނެވޭނެ، ފެބްރުއަރީ 7 އަށް ވެސް ހިތްވަރެއް ނުދެން: ޑިފެންސް މިނިސްޓަރު

ސިފައިންގެ 124ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު (މ): މިނިސްޓަރު ވިދާޅުވީ، އެއްވެސް ތަނެއްގައި ބަޣާވާތެއް ބަލައެއް ނުގަނެވޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އެއްވެސް ތަނެއްގައި ބަޣާވާތެއް ކުރުން ބަލައެއް ނުގަނެވޭނެ ކަމަށާއި ފެބްރުއަރީ 7، 2012 ގައި ރާއްޖޭގައި ހިންގި ކަންތަކަށް ވެސް ހިތްވަރު ނުދެއްވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ތުރުކީގައި ބަޣާވާތަކުން އަސްކަރީ ވެރިކަމެއް ގާއިމްކުރަން މަސައްކަތްކުރި ކުރުމަށް އިޝާރާތްކުރައްވައި މިނިސްޓަރު މިއަދު ކުރެއްވި ދެ ޓުވީޓެއްގައި ވިދާޅުވީ، ތުރުކީގެ ހާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެއްވެސް ގްރޫޕަކުން އެއްވެސް ތަނެއްގައި ކުރާ ބަޣާވާތެއް ބަލައެއް ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޓްވީޓާ ގުޅިގެން، ރާއްޖޭގައި ފެބްރުއަރީ 7، 2012 ގައި ސިފައިންނާއި ފުލުހުންގެ ބައިވެރިވުމާ އެކު ހިނގި ހަމަނުޖެހުންތަކަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދެއްވުމާ ގުޅޭ ގޮތުން މިނިސްޓަރަށް ވަނީ ސޯޝަލް މީޑިއާގައި ސުވާލުތަކެއް އަމާޒުވެފަ އެވެ.

އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަރީފު ވިދާޅުވީ، އެ ދުވަހު ހިންގި ކަންތައްތަކަށް ވެސް ހިތްވަރު ނުދެއްވާ ކަމަށެވެ.

ފެބްރުއަރީ 7، 2012 ގައި ހިނގި ހަމަނުޖެހުންތައް ތަހުގީގުކުރުމަށް ބޭރުގެ ބޭފުޅުންނާއެކު އެކުލަވާލި ތަހުގީގީ ކޮމެޓީން އެއީ ބަޣާވާތެއް ނޫން ކަމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އަދިވެސް ގަބޫލުކުރާ ގޮތުގައި، އެ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވައި ވެރިކަން ބަދަލުވީ ބަޣާވާތަކުންނެވެ.

comment ކޮމެންޓް