ތުރުކީގެ ސަރުކާރު ހިންގުމާ ސިފައިން ހަވާލުވެއްޖެ

ތުރުކީގެ ސަރުކާރު ވައްޓާލައި، އެ ގައުމު ހިންގުމާ ސިފައިން ހަވާލުވެއްޖެ އެވެ.

ތުރުކީގެ ސަރުކާރު ހިންގުމާ ހަވާލުވެފައިވާ ކަން އެ ގައުމުގެ ސިފައިން ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިންސާނީ ހައްގުތަކާއި ގާނޫނީ ކަންތައްތައް ބޮއްސުން ލާފައިވާތީ ތުރުކީގެ ހިންގުމާއި ސިފައިން ހަވާލުވެފައިވާ ކަމަށެވެ.

ތުރުކީގެ ސިފައިން އެ ގައުމުގެ ހިންގުމާ ހަވާލުވި ކަމަށް ބުނަމުންދިޔަ ނަމަވެސް، އެ ގައުމުގެ ސަރުކާރުން ބުނަމުންދަނީ އެ ގައުމު އަދިވެސް ހިންގަމުންދަނީ ކުރިން ވެސް އޮތް ސަރުކާރުން ކަމަށެވެ.

ތުރުކީގެ ސަރުކާރު ސިފައިން ވައްޓާލި އިރު، ރައީސްކަމުގެ މަގާމުގައި ހުންނެވި ރަޖެޕް ތޮއްޔިބް އުރްދުގާން ހުންނެވީ ޗުއްޓީގައެވެ. ރައީސްގެ އޮފީހާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި، އޭނާ އަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ސިފައިން ވަނީ ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ ގައުމީ ޓީވީ ޗެނެލް ޓީއާރްޓީގެ ތެރެއަށް ވަދެފަ އެވެ. ސިފައިން ޓީވީ ސްޓޭޝަނަށް ވަދެ، އެތަނުގައި ތިބި މީހުން އެތަނުން ނުކުތުމަށް އަމުރުކޮށްފައިވާ ކަމަށް ތުރުކީ ސަރުކާރު ހިންގާ ޕާޓީ އޭކޭ ޕާޓީން ބުނެ އެވެ.

ތުރުކީގެ ގައުމީ ޓީވީ ޗެނެލަށް ވަނުމަށް ފަހު އެ ޗެނެލުގެ ޒަރިއްޔާ އިން އެ ގައުމުގައި ކާފީ އިއުލާންކުރިކަން ވަނީ އަންގައިފަ އެވެ. އަދި އެނައުންސަރެއް ލައްވާ ސިފައިންގެ ބަޔާނެއް ކިޔުއްވާފައިވެ އެވެ.

އެނައުސަރު ލައްވާ ކިޔުއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި، ތުރުކީގެ އެއާޕޯޓުތައް ބަންދުކޮށްފައިވާ ކަން އަންގައި، އެ ގައުމުގައި ސުލްހަ ގާއިމްކުރާނެކަމުގެ ޔަގީންކަން ދީފައިވެ އެވެ.

comment ކޮމެންޓް