ހުޅުލެއާއި މާލެއާއި ދޭތެރޭއަޅާ ބްރިޖުގެ ކޮލެޓީ މައްސަލައެއް ނޫޅޭނެ ކަމަށާއި އެމަސައްކަތް ކުރެވޭގޮތް ވަރަށް ރަނގަޅަށް މޮނީޓާ ކުރާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީގެ ބައެއް ޕުރޮޖެކްޓުތަކުން ގެއްލުންތައް ފެންނަމުންދާކަމަށް ބުނާތީ ބުރިޖު މަޝްރޫއާއި ގުޅިގެން ސަންއިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ބުރިޖު މަސައްކަތް ބަލަހައްޓާ ކޮންސަލްޓަންޓަކީ ޗައިނާގެ އެންމެ ބޮޑެތި ބުރިޖުތައް މެނޭޖްކޮށްފައިވާ ކޮންސަލްޓަންޓެއްކަމަށްވާ ހައިވޭ ޑިޒައިނިން އެންޑް ޕްލެއިނިން(އެޗްޕީޑީއައި) ކަމަށެވެ. އެކުންފުނިން ބުރިޖުގެ ކަންކަން ބަލަހައްޓަނީ އެމިނިސްޓްރީގައި އޮންނަ ޕުރޮޖެކްޓް ކޮމެޓީއަކާއި ގުޅިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބުރުޖުގެ ކޮލެޓީ ދެނެގަތުމަށް ކޮންމެ ދުވަހަކުހެން މޮނީޓާކުރާއިރު ކޮންމެ ހަފްތާއަކު އެފަރާތްތަކުން މީޓިންތައްވެސް ބާއްވާ ކަމަށެވެ.

ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ސަންއަށް އިންޓަވިއޫދެއްވަނީ-- ސަން ފައިލް ފޮޓޯ
"ރައީސް ޔާމީންގެ ސަރުކާރަކުން ނުކުރާނެ ޒިންމާދު ނޫންގޮތެއްގައެއް، މިވަރު މަސައްކަތެއް ކުރާއިރު މިމަސައްކަތް މޮނީޓާކޮށް ބަލަހައްޓާނެ ރަނގަޅު ކޮންސަލްޓަންޓެއް ނެތިއެއް ނުކުރާނެ، އެޔަގީންކަން ރައްޔިތުންނަށް އޮންނަނަންވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތިދުވަހު ވަނީ ބުރިޖުގެ މަސައްކަތް ބެލެހެއްޓުމަށް، ބުރިޖު ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް(ޕީއެމްޔޫ) އެއް ގާއިމްކުރުމަށް ނިންމާފައިވާ އިރު އެކޮމެޓީގެ އިންޖީނިއަރިން މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފައެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސައްކަތް ދަނީ ތާވަލު ކުރެވިފައިވާ ގޮތަށް ކަމަށާއި 2018 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ބުރިޖު ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ހައުސިން މިނިސްޓްރީން ބުނީ ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށެވެ. ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާ މީހުންނަށް ވަކި ލޭނެއް ބުރިޖުގައި އޮންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.