ފިއްލަދޫއާއި ބާރަށުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނު ދެނީ

ބިޒްނަސް ސެންޓާ ކުޅުދުއްފުށިން މީގެ ކުރިން ހިންގި ޓްރޭނިން ޕްރޮގްރާމެއްގެ ތެރެއިން -- ފޮޓޯ/ ބިސްނަސް ސެންޓާ ކުޅުދުއްފުށި

ހއ. ބާރަށާއި ހއ. ފިއްލަދޫގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ހިންގަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ތައްޔާރުވެއްޖެ އެވެ.

މި ޕްރޮގްރާމު ހިންގަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ދަށުން ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރު ކުޅުދުއްފުށީގެ ފަރާތުންނެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ބިޒްނަސް ސެންޓާ ކުޅުދުއްފުށީގެ މެނޭޖަރު އަހްމަދު ޔާސިމް މިއަދު ވިދާޅުވީ އެ ސެންޓަރުން އިސްނަގައިގެން ހއ. ފިއްލަދޫ އަދި ހއ. ބާރަށުގައި މިރޭ ފަށާ ޕްރޮގްރާމު އަމާޒުވަނީ އެރަށްރަށުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.

އަދި ވިޔަފާރި ފެށުމަށް އެދޭ ޒުވާނުންނަށާއި އަންހެނުންނަށް ބޮޑަށް އިސްކަން ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިއްލަދޫއާއި ބާރަށުގައި ވެސް މި ޓްރޭނިން މިރޭ ފަށާ އިރު، އާދީއްތަ ދުވަހުގެ ނިޔަލަށް ޓްރޭނިން ކުރިޔަށް ދާނެ އެވެ.

ޔާސިމް ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނީ މައިގަނޑު ހަތް ކަމެއް ކަމަށެވެ. އެއީ ވިޔަފާރި ފެށުމާއި، އޯގަނައިޒް ކުރުމާއި، ވިޔަފާރިއަށް ފައިސާ ހޯދުމާއި، ވިޔަފާރީގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމާއި، އިންސާނީ ވަސީލަތްތައް ބެލެހެއްޓުމާއި، ވިޔަފާރި މާކެޓު ކުރުމާއި ވިއްކުމުގެ އިތުރުން، ވިޔަފާރީގައި ކުރިމަތިވާ މައްސަލަތައް ދެނެގަތުމާއި ހައްލު ކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި ރާއްޖޭގެ ހަތް ސަރަހައްދެއްގައި ބިޒްނަސް ސެންޓަރުތަކެއް ގާއިމުކޮށްފައި ހުރެ އެވެ.

އެއީ ކުޅުދުއްފުށީގެ އިތުރުން ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ޅ. ނައިފަރު، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ ހިތަދޫގެ އިތުރުން މާލޭގަ އެވެ.

comment ކޮމެންޓް