އާސެނަލުން ހިގައިން ބޭނުންނަމަ ނަޕޯލީއަށް 95 މިލިއަން ޔޫރޯ!

އާސެނަލްގެ ޓްރާންސްފަރ ޓާގެޓް ގޮންޒާލޯ ހިގައިން: ހިގައިން ގެންނަން ބޭނުން ނަމަ ނަޕޯލީއަށް 80 މިލިއަން ޕައުންޑު ދޭންޖެހޭ -- ފޮޓޯ: ޓްވިޓަރ

އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން ގެންނަން އިނގިރޭސި ކްލަބް އާސެނަލްއިން ބޭނުންނަމަ، 94 މިލިއަން ޔޫރޯ (80 މިލިއަން ޕައުންޑް)ގެ ފީއެއް ނަޕޯލީއަށް ދައްކަން ޖެހޭނޭކަމަށް އެޓީމުގެ މަސްދަރުތަކުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 28 އަހަރުގެ ފޯވާޑްގެ އޭޖެންޓުން ތިބީ، އާސެނަލްއާ މަޝްވަރާކުރާން ތައްޔާރަށެވެ.

"މިކަމުގައި ސީދާ ހުށަހެޅުމެއް އަދި ލިބިފައެއް ނެތް،" ނަޕޯލީގެ މަސްދަރާ ހަވާލާދީ ބީބީސީ ސްޕޯޓްސްގައި ވެއެވެ.

"ރިލީޒް ކްލޯޒްގައިވާ 94,376,000 ޔޫރޯ ދެއްކުމުން ނަޕޯލީން އެ ކުޅުންތެރިޔާ ގެނެވޭނެ. އެނޫނީ ހިގައިން ހުންނާނީ އޭނާގެ އެއްބަސްވުމުގެ ބާކީ ދެ އަހަރު ހަމަވަންދެން ނަޕޯލީގައި."

މެންޗެސްޓަރ ޔުނައިޓެޑުން 2009 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ 80 މިލިއަން ޕައުންޑުގެ ރެކޯޑް ފީއަކަށް ރެއާލް މެޑްރިޑަށް ވިއްކާލިފަހުން ދެން އެއަށްވުރެ ބޮޑު އަގުގައި ޓްރާންސްފާއެއް ހަދާފައި ވަނީވެސް ރެއާލް މެޑްރިޑުންނެވެ. އެއީ ވޭލްސްގެ ތަރި ގެރެތު ބޭލްގެ ޓްރާންސްފަރއެވެ. 2013 ވަނަ އަހަރު ބޭލްގެ ޓްރާންފަރ އަށް ރެއާލް މެޑްރިޑުން ވަނީ ޓޮޓެންހަމްއަށް 85 މިލިއަން ޕައުންޑްގެ ފީއެއް ދީފައެވެ.

ހިގައިން ރެއާލަށް ކުޅުނު އިރުވެސް އާސެނަލުން އޭނާ ގެންދަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެފަހަރުވެސް އާސެނަލަށް ރެއާލުގެ ހުށަހެޅުމަށް އެއްބަސް ނުވެވުމުން ހިގައިން ދިޔައީ ނަޕޯލީއަށެވެ.

މިދިޔަ ސީޒަންގައި ހިގައިން ވަނީ، އިޓާލިއަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. ޔުވެންޓަސްގެ ފަހަތުން ލީގުގެ ދެވަނައިގައި ނަޕޯލީން ލީގު ނިންމައިލިއިރު، ހިގައިން ރަންބޫޓު ހޯދީ ލީގު ރެކޯޑް އަދަދެއް ކަމަށްވާ 36 ލަނޑު ކާމިޔާބުކޮށްގެންނެވެ.

comment ކޮމެންޓް