އިސްލާހަކީ ކުރިއެރުމާ ތަރައްގީއަށް ބާރުއަޅާ ކަމެއް: މައުމޫން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް. ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ފައްޓަވާފައި ވާއިރު އިސްލާހަކީ ކުރިއެރުމާ ތަރައްގީއަށް ބާރުއަޅާ ކަމެއް ކަމުގައި ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އިސްލާހަކީ ކުރިއެރުމާއި ތަރައްގީއަށް ބާރުއަޅާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި މައުމޫން ވިދާޅުވި އިރު، އެމަނިކުފާނު ވަނީ ޕީޕީއެމް އިސްލާހު ކުރެއްވުމުގެ މަސައްކަތް ފައްޓަވައި އިސްލާހީ ޓައިމްލައިނެއްވެސް އިއުލާނު ކުރައްވައިފަ އެވެ.

ޕާޓީ އިސްލާހު ކުރުމުގެ މަޝްރޫއުގެ ޓައިމްލައިންގެ މަގުސަދުތައް

  • ޕާޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް ޕާޓީގެ އެތެރޭގެ ނިޒާމްތައް އިސްލާހު ކުރުން
  • ޕާޓީގެ މައިގަނޑު އުސޫލުތަކަށް ރުޖޫއަވުން
  • ޕާޓީގެ އިންތިޚާބީ މަގާމްތަކުގައި ތިބޭ ފަރާތްތައް އާންމު މެމްބަރުންނަށް ޖަވާބުދާރީ ކުރުވުން
  • ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ ފަރާތްތައް އެފަރާތްތަކުގެ ގައުމީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން ކަށަވަރު ކުރުން
  • ގައުީ ޖަލްސާ އަކީ ދެފުށްފެންނަ ގޮތަށް، ޕާޓީގެ ސައްޙަ ގޮފިތައް ތަމްސީލުކުރާ އާންމު މެމްބަރުންގެ އަޑުއުފުލޭ ޖަލްސާއަކަށް ހެދުން

ޕާޓީ އިސްލާހު ކުރުމުގެ މަޝްރޫއުގެ ޓައިމްލައިންގެ ލަނޑު ދަނޑިތަކެއް ވެސް މައުމޫން ވަނީ ކަނޑައަޅުއްވާފަ އެވެ. މައުމޫނު ވިދާޅުވީ އެކަމުގައި ސިޔާސީ އެއްވެސް މަގުސަދެއް ފޮރުވިފައި ނެތް ކަމަށެވެ.

ލަނޑުދަނޑިތައް

  • ޕާޓީގެ ހިންގުމުގައި އާންމު މެމްބަރުންގެ ހިއްސާ އިތުރުކުރުން
  • ގައުމީ ކަންކަމުގައި ޕާޓީގެ ނިންމުންތައް ނިންމުމުގައި އާންމު މެމްބަރުންނަށް އެންމެ ފުޅާދާއިރާއެއްގައި ބަސްބުނުމުގެ ފުރުސަތު ފަހިކުރުން
  • ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ ފަރާތްތަކަކީ ޕާޓީގެ އާންމު މެމްބަރުންގެ ވިސްނުމާއި މަޝްވަރާއާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކެއްގެ ގޮތުގައި ހެދުން.
  • ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެމްބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުން

އެ ޓައިމްލައިންގައި އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކަންތައް ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

ޓައިމްލައިންގައި ކަނޑައަޅާފައިވާ ހަތަރު ވަނަ ފިޔަވަހީގެ މަސައްކަތް މިމަހުގެ އެއްވަނަ ދުވަހު ވަނީ ފެށިފަ އެވެ. އެ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހެވެ.

އެ ފިޔަވަހީގެ މަގުސަދެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ ފަރާތްތައް އެފަރާތްތަކުގެ ގައުމީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާކަން ކަށަވަރު ކުރުމެވެ.

ހަތަރު ވަނަ ފިޔަވަހީގެ މައިގަނޑު ހަރަކާތްތައް

  • އިންތިޚާބުވެފައިވާ މެމްބަރު ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ގައުމީ ވޯޓު ދެއްވާފައި ވަނީ އާންމު މެމްބަރުންގެ ޚިޔާލާ އެއްގޮތަށްތޯ ބެލުން.
  • އިންތިޚާބު ކުރެވިފައިވާ މެމްބަރުން އާންމު މެމްބަރުންގެ ޚިޔާލު ހޯދަނީ ކިހާވަރަކަށްތޯ ބެލުން
  • މެމްބަރާމެދު ކުރެވޭ އެކި އެކި ޝަކުވާތައް ބެލޭތޯ ނުވަތަ ނޫންތޯ ބެލުން

ޕީޕީއެމް ތެރޭގައި މައްސަލަތަކެއް އުފެދި، ބައެއް މެމްބަރުން އަންނަނީ ރައީސް މައުމޫނަށް ފާޑުވިދާޅުވަމުންނެވެ. އަދި މައުމޫނުގެ އިސްލާހީ އެޖެންޑާ ބާތިލްކޮށް ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެމްބަރަކު ސިވިލް ކޯޓަށް ވަނީ މައްސަލަ ވެސް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް