ބަލިވުން، ޖަރުމަަނަށް އިންސާފުވެރި ނަތީޖާއެއް ނޫން: ނޯޔަރ

ޖަރުމަނުގެ ގޯލްކީޕަރު މެނުއެލް ނޯޔަރ ގަބޫލުކުރާ ގޮތުގައި މިފަހަރުގެ ޔޫރޯގައި ޖަރުމަނަށް މިއަށްވުރެ ރަނގަޅު ނަތީޖާއެއް ހައްގު-- ފޮޓޯ: ޔާހޫ ސްޕޯޓްސް

ޔޫރޯ 2016ގެ ސެމީފައިނަލްގައި ފްރާންސް އަތުން 2-0 އިން ޖަރުމަނު ބަލިވުމަކީ، އެޓީމަށް އިންސާފުވެރި ނަތީޖާއެއް ނޫންކަމަށް ޖަރުމަނުގެ ގޯލް ކީޕަރު މެނުއެލް ނޯޔަރ ބުނެފިއެވެ.

ރޭ ފްރާންސްގެ މާސޭގައި ކުޅުނު ޔޫރޯ 2016ގެ ސެމީ ފައިނަލްގައި އެންޓޮއިން ގްރީޒްމަން ކާމިޔާބުކޮށްދިން ދެ ލަނޑުން ޑިޑިއާ ޑިޝޯމްގެ ޓީމުވަނީ މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދައިފައެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު ޖަރުމަނު ކޮޅަށް ފްރާންސްގެ ފުރަތަމަ ލަނޑު ގްރީޒްމަން ކާމިޔާބުކުރީ ފުރަތަމަ ހާފްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ދެވަނަ ހާފްގައި ޖަރުމަނުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާނައި ގްރީޒްމަން ވަނީ އެޓީމަށް ނަތީޖާ ފުޅާކޮށްދީފައެވެ.

ޔޫރޯގެ ސެމީ ފައިނަލުގައި ޖަރުމަނާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: ފްރާންސަށް ޕެނަލްޓީއެއް ލިބުނީ، ޖަރުމަނު ޕެނަލްޓީ އޭރިޔާ ތެރޭން ކެޕްޓަން ޝްވެއިންސްޓައިގާ އަތުގައި ބޯޅަ ޖެހުމުން. އެ މެޗުން 2-0 ލަނޑުން މޮޅުވެ، ފްރާންސުން ވަނީ ފައިނަލުން ޖާގަ ހޯދާފައި --- ފޮޓޯ: އޭޕީ

ޖަރުމަނު ފުޓްބޯލް އެސޯސިއޭޝަންގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ނޯޔަރ ބުނީ، މުޅި މުބާރާތުގައި އެ ޓީމުން ދެއްކި ކުޅުމަށް ބަލާއިރު ޖަރުމަނަށް މިނޫން ނަތީޖާއެއް ހައްގު ކަމަށާއި، މިފަދަ ގޮތަކަށް މުބާރާތުން ވަކިވާން ޖެހުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ.

"މިއީ ސެމީ ފައިނަލެއް، މުޅި މެޗުގައި ވެސް އަހަރެމެންގެ ފަރާތުން އެއްވެސް ކަހަލަ ގޯހެއް ހެދިފައެއް ނުވޭ. އެހެންކަމުން މިއީ އިންސާފުވެރި ނަތީޖާއެއް ނޫން،" ފުރަތަމަ ހާފްގައިވެސް ރަނގަޅު ކުޅުމެއް ދައްކައި، މެޗުގެ ކުރި ނުހޯދުނުކަން ފާހަގަކުރަމުން ނޯޔަރ ބުންޏެވެ.

ޔޫރޯގެ ސެމީ ފައިނަލުގައި ޖަރުމަނާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-0 ލަނޑުން މޮޅުވެ، ފްރާންސުން ވަނީ ފައިނަލުން ޖާގަ ހޯދާފައި --- ފޮޓޯ: އޭޕީ

ނޯޔަރ ބުނީ، ފުރަތަމަ ހާފް ނިމުނު އިރު ފްރާންސް މޮޅުވެފައި އޮތުމަކީ ވެސް ޖަރުމަނަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ. އެއް ލަނޑުގެ ލީޑަކާއެކު ފްރާންސުން ދެވަނަ ހާފް ފެށީ ވަރަށް ހަމަޖެހިގެން ތިބެ ކަމަށާއި އެހެން ނަމަވެސް ޖަރުމަނަށް ކުރިމަތިވި މައްސަލައަކީ، ނަތީޖާ ބަދަލުކޮށްލާނޭ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، އޭގެ ބޭނުން ނުހިފެވުން ކަމަށެވެ.

ޔޫރޯގެ ސެމީ ފައިނަލުގައި ޖަރުމަނާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-0 ލަނޑުން މޮޅުވެ، ފްރާންސުން ވަނީ ފައިނަލުން ޖާގަ ހޯދާފައި --- ފޮޓޯ: އޭޕީ

ޔޫރޯ 2016ގެ ފައިނަލްގައި ފްރާންސް ނުކުންނާނީ ޕޯޗްގަލްއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 12:00ގައެވެ.

comment ކޮމެންޓް