މޮރޮކޯގައި ޕްލާސްޓިކް ކޮތަޅު އުފެއްދުމާއި ބޭނުންކުރުން މަނާކޮށްފި

ޕްލާސްޓިކް ކޮތަޅު --

ހުޅަނގު އުތުރު އެފްރިކާގެ ގައުމެއް ކަމުގައިވާ މޮރޮކޯގައި ޕްލާސްޓިކް ކޮތަޅު އުފެއްދުމާއި ބޭނުންކުރުން ގާނޫނީ ގޮތުން މަނާ ކޮށްފި އެވެ. މިކަން މަނާ ކުރީ މި ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މޮރޮކޯގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާކޮށް ގާނޫނެއް ހެދީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އެ ގާނޫނު ބުނާ ގޮތުން 2016 ވަނަ އަހަރުގެ ޖުލައި އެއްވަނަ ދުވަހުން އެގައުމުގައި ޕްލާސްޓިކް ކޮތަޅު އުފެއްދުމާއި އިމްޕޯޓު ކުރުމާއި ބޭނުންކުރުން މަނާ ވާނެ އެވެ.

މޮރޮކޯއަކީ މުޅި ދުނިޔޭގައި ވެސް ދެވަނައަށް އެންމެ ގިނައިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ ގައުމެވެ. އެ ގައުމުގައި ކޮންމެ އަހަރަކު ވެސް ތިން ބިލިޔަނަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ އިރު، އެވަރޭޖް ގޮތެއްގައި އެގައުމުގެ ކޮންމެ ރައްޔިތަކު އަހަރަކު 900 އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރެ އެވެ.

ޕްލާސްޓިކް ކޮތަޅު މަނާ ކުރުމާ ބެހޭ ގާނޫނު ތަންފީޒު ކުރަން ފަށާފައިވާ އިރު މޮރޮކޯގެ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު މޫލޭ ހާފިޒް އަލްއާލަމީ ވިދާޅުވީ މި ގާނޫނަށް ހޭނެން ރައްޔިތުންނަށާއި ސަރުކާރަށް ވެސް ވަގުތު ނަގާނެ ކަމަށެވެ. އެހެން ނަމަވެސް ޕްލާސްޓިކް ކޮތަޅުގެ ބަދަލަށް ކަރުދާސް އަދި ފޮތި ކޮތަޅު ގިނަ އަދަދަކަށް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މޮރޮކޯއަކީ އެފްރިކާ ބައްރުގައި މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ގައުމެއް ނޫނެވެ. ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާ ކުރުމާއި އޭގެ މައްޗަށް ބޮޑެތި ޓެކްސްތަކެއް ކަނޑައެޅުން ފަދަ ނިންމުންތަކެއް ދެކުނު އެފްރިކާ، ސޮމާލިއާ އަދި ރުވަންޑާ ފަދަ ގައުމުތަކުގައި އަންނަނީ ތަންފީޒު ކުރަމުންނެވެ.

މޮރޮކޯގައި ޕްލާސްޓިކް ކޮތަޅު ބެނުންކުރުން މަނާ ކޮށްފައިވާ އިރު، މި އަހަރުގެ ނޮވެމްބަރު މަހު އެގައުމުގެ މަރާކޭޝް ސިޓީގައި، އދގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 22 ވަނަ ކޮންފެރެންސް އޮފް ޕާޓީޒް ބާއްވާނެ އެވެ.

comment ކޮމެންޓް