ހުމާމަށް މަރުގެ އަދަބު ދިނުން މަޑުޖައްސާލަން އދ އިން ގޮވާލައިފި

ހުމާމް ކޯޓުން ނެރެގެން ގެންދަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަން ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށް ސާބިތުވެ، އޭނާ މެރުމަށް ކޯޓުގެ ތިން މަރުހަލާއިން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށް ޔުނައިޓެޑް ނޭޝަންސް ނުވަތަ އެކުވެރި ދައުލަތް (އދ)އިން ގޮވާލައިފި އެވެ.

އދ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުމާމަށް އިންސާފުވެރި ޝަރީއަތެއް ލިއްބައިދީފައި ނުވާ ކަމަށާއި، ޝަރީއަތް ކުރިއަށް ދިޔައީ އޭނާއަށް ލިބިދޭން ޖެހޭ ހައްގުތަކުން މަހްރޫމު ކުރުމަށް ފަހުގައި ކަމަށެވެ.

އެހެންކަމުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އިންސާފުވެރި ޝަރީއަތެއް އަލުން ކުރުމަށް އދ އިން ވަނީ ގޮވާލައިފަ އެވެ.

އދ ގެ ބަޔާނުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ހުމާމުގެ މައްޗަށް އިއްވި މަރު ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފައި ވާއިރު، މައްސަލައިގެ ތަހުގީގު ވެސް އެކީގައި ނުނިމޭ ކަމަށާއި، ކުރިމިނަލް ކޯޓުން ހުމާމުގެ މައްޗަށް ހުކުމް ކުރީވެސް "މަޖުބޫރުން" ކުރުވި އިއުތިރާފުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ހުމާމަކީ ސިކުނޑީގެ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ބުނެ އޭނާގެ ޓެސްޓުތަކެއް ހެދުމަށް ދިފާއީ ވަކީލު ހުށަހެޅުއްވި މައްސަލައަށް ވެސް ސުޕްރީމް ކޯޓުން ރިޢާޔަތްކޮށްފައި ނުވާ ކަމަށް އދ ގެ ބަޔާނުގައިވެ އެވެ.

ހަމައެއާއެކު ތަހުގީގު ފުރިހަމަ ނުވަނީސް ހުމާމުގެ ކިބައިން ގިސާސް ހިފަން ބޭނުން ނުވާކަމަށް ބުނެ ޑރ. އަފްރާޝީމްގެ އާއިލާގެ ފަރާތުން ހުށަހެޅި ސިޓީ ވެސް ސުޕްރީމް ކޯޓުން ބަލައިގެންފައި ނުވާކަމަށް އދ އިން ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން ރާއްޖޭގައި މަރަށް މަރު ހިފުމަށް ނިންމާފައި ވާތީ، އެ ނިންމުން އަލުން ބަދަލު ކުރުމަށް ވެސް އދ އިން ވަނީ ގޮވާލައިފަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.

ޑރ. އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.

އަދި ދަށު ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ.

ހުމާމް މެރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އީޔޫ އިން ވެސް ވަނީ، ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ގޮވާލައިފަ އެވެ.

comment ކޮމެންޓް