ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ، ޓުވީޓެއް ކުރައްވާފައި ވަނިކޮށް ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އާމިނަތު ނާދިރާ މިއަދު މަގާމުން ވަކިކޮށްފި އެވެ.
ރައީސް ޔާމީން ނާދިރާ އެ މަގާމުން ވަކިކުރެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނާދިރާ މަގާމުން ވަކިކުރެއްވި ސަބަބެއް މުއާޒު ވިދާޅެއް ނުވެ އެވެ.
ނާދިރާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އިއުލާންނުކޮށް ރިސޯޓު ތަރައްގީކުރުމަށް ރަށްތައް ދޫކުރުމާ ދެކޮޅަށް ޓުވީޓު ކުރެއްވުމުން ކަމަށެވެ.
އެގޮތަށް ޓުވީޓުކޮށްގެން މިއަދު ވަޒީފާ އިން ވަކިކުރި ނަމަވެސް އެއީ ގައުމުގެ ހައްގުގައި ވިދާޅުވި އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Dhivehi Raajjeyge rahthah iulaanu nukoh dhoo kurumaa, corruption ah magu fahi vaa gothah Gavaaidhu badhalu kurumaa dhekolhah tweet kohgen
— aminath nadira (@a_nadraa) June 29, 2016
ރައީސް މައުމޫންގެ ނިންމެވުމަށް ތާއީދުކޮށް ޓުވީޓް ކުރެއްވުނީތީ ފަޚުރުވެރިވާ ކަމަށާއި ﷲގެ އިރާދަފުޅުން ހައްގަށް ނަސްރު ދެއްވާނެ ކަމަށް ވެސް ނާދިރާ ވިދާޅުވި އެވެ.
ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން އިއުލާންނުކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރާ ގޮތް ހެދުމަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ވޯޓު ނުދިނުމަށް މައުމޫން އެދިވަޑައިގެންފައިވެ އެވެ.
މައުމޫން އެގޮތަށް އެދިވަޑައިގެންފައި ވަނިކޮށް ރައީސް ޔާމީން ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެބިލަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
މިއަދު އެބިލަށް ވޯޓު ނެގި އިރު، ފާރިސް މައުމޫން ވަނީ އެ ބިލާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ މައުމޫން އެދިވަޑައިގަތީ ރަނގަޅަށް ކަމަށާއި އިންވެސްޓަރުންގެ އިތުބާރު ލިބޭނީ ބިޑްކޮށްގެން ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން ރަށްތައް ދޫކޮށްގެން ކަމަށެވެ.
ފާރިސް މައުމޫންގެ އެ ނިންމެވުމާ ގުޅިގެން ނާދިރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށާއި އިއުލާންނުކޮށް ރިސޯޓު ތަރައްގީކުރަން ރަށްތައް ނުދެވޭނެ ކަމަށެވެ.
ރައީސް ޔާމީން އެންމެ ފުރަތަމަ ނާދިރާ އައްޔަން ކުރައްވާފައި ވަނީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށެވެ. ނަމަވެސް ފަހުން ވަނީ އެ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު ކަމަށް ބަދަލުކުރައްވައިފަ އެވެ.