ޖަރުމަނުގައި ދިވެހި އެމްބަސީއެއް ގާއިމުކުރުމަށް ނިންމައިފި

ރާއްޖެއަށް އެކްރެޑިޓް ކޮށްފައިވާ ޖަރުމަނު ސަފީރު ޔުއެގެން މޯހާޑް ރައީސް ޔާމީނާ މީގެ ކުރިން ބައްދަލު ކުރައްވަނީ -- ފޮޓޯ/ރައީސް އޮފީސް

ޖަރުމަނުގައި ދިވެހި އެމްބަސީއެއް ގާއިމު ކުރުމަށް ނިންމައި، "ޖަރުމަނު ވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އެމްބަސީއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި އެވެ.

މި އެމްބަސީ ގާއިމު ކުރީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ފޮރިން މިނިސްޓްރީގެ ދަށުން ހިނގާ އެ އެމްބަސީ ގާއިމުކުރީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތާ އެއްގޮތަށް ބޭރު ދުނިޔެއަށް ރާއްޖެ ތައާރަފުކޮށް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ބޭރުގެ އެހީ އާއި އެހެނިހެން މަސައްކަތްތައް ޖަރުމަނުގައި ކުރުމުގެ ބޭނުމުގަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ޖަރުމަނުގައި އިޝްތިހަރު ކުރުމަށާއި ޖަރުމަނާއި ރާއްޖެއާ ދެމެދު އެކުވެރިކަން ދަމަހައްޓައި، އެ އެކުވެރިކަން އިތުރަށް ބަދަހި ކުރުން ވެސް މި އެމްބަސީގެ މަސައްކަތްތަކުގައި ހިމެނޭނެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ހުރި އިންވެސްޓްމެންޓުތަކުގެ ފުރުސަތުތައް ޖަރުމަނުގެ ސަރުކާރަށާއި އެހެނިހެން ފަރާތްތަކަށް ހިއްސާ ކުރުމާއި، ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، އެހެނިހެން މަސައްކަތްތައް މި އެމްބަސީން ކުރުމަށް ހަމަޖެހިފައިވާ އިރު އެކި ޚިދުމަތްތައް ވެސް އެތަނުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.

ޖަރުމަނުގެ އެމްބަސީއެއް ރާއްޖޭގައި ނުހުރެ އެވެ. ނަމަވެސް ޖަރުމަނުން ސްރީލަންކާއަށް އައްޔަނުކުރާ ސަފީރު ހުންނަނީ ރާއްޖެއަށް ވެސް އެކްރެޑިޓް ކުރައްވާފަ އެވެ. އެގޮތުން މިހާރު ރާއްޖެއަށާއި ސްރީލަންކާއަށް އެގައުމުން ކަނޑައާޅާފައި ހުންނަވާ ސަފީރަކީ ޔުއެގެން މޯހާޑް އެވެ.

ދިވެހި އެމްބަސީތަކާއި މިޝަންތައް ހުންނަ ބޭރުގެ ގައުމުތަކުގެ ތެރޭގައި ޗައިނާ، ސައުދީ އަރަބިއްޔާ، ޖަޕާން، ޔޫއޭއީ، ބަންގްލަދޭޝް، ސިންގަޕޫރު، ސްރީލަންކާ، އިނގިރޭސި ވިލާތް، މެލޭޝިއާ، ޕާކިސްތާން، އިންޑިއާ އަދި ބެލްޖިއަމް ހިމެނެ އެވެ. އަދި ރާއްޖޭގެ މިޝަންތައް ނުހުންނަ ބައެއް ގައުމުތައް ކަމުގައިވާ ބޫޓާން، ނޭޕާލް، އަފްގާނިސްތާން، ނޭޕާލް، ދެކުނު ކޮރެއާ، އެމެރިކާ އަދި ކެނެޑާއަށް ނޮން ރެޒިޑޭންޓް ސަފީރުން އައްޔަނު ކޮށްފައި ވެ އެވެ.

މީގެ އިތުރުން، ނިއު ޔޯކާއި ޖެނީވާގައި ހުންނަ އދގެ ދާއިމީ އޮފީސްތަކަށް ވެސް ރާއްޖެއިން ސަފީރުން ކަނޑައަޅާފައި ތިއްބަވަ އެވެ.

comment ކޮމެންޓް