ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލިކަމަށް މ. މަސްރޫރާ އަހްމަދު މުއްރަތު އިއުތިރާފުވި އިރު އޭނާގެ ބުއްދި ސަލާމަތުން ހުރިކަމާ މެދު ސުވާލު އުފެދޭކަމަށް މުއްރަތުގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަޖީބު އަވަހާރަކޮށްލިކަން ޝަރީއަތަށް ސާބިތުވެ، މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. އުހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ އަހަރު މެއި މަހުގެ 31 ވަނަ ދުވަހު އެވެ.
ހައިކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި މުއްރަތުގެ ވަކީލު ވިދާޅުވީ އެމައްސަލާގައި ތަހުގީގަށް ބަޔާން ނެގި އިރު މުއްރަތުހުރީ މަސްތުވާތަކެތި ބޭނުންކޮށްގެންކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި ރާބޮއިގެން ހުރި ކަމަށް މުއްރަތު ބުނި ނަމަވެސް ޔޫރިން ޓެސްޓްކޮށްފައި ނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
އޭގެ އިތުރުން މުއްރަތު އެހެން ބުނެފައިވަނިކޮށް ބަންދު މުއްދަތު މަޖިލީހަށް ގެންގޮސް އެމަޖިލީހުގައި އިއުތިރާފުވުމާއި ހާދިސާ ހިނގިތާ ދެވެނަ ދުވަހު ޝަރީއަތް ފެށުމުން އެމަޖިލީހުގައި އިއުތިރާފުވި ނަމަވެސް އެއީ ހަމަ ބުއްދީގައި ހުރެގެންވީ އިއުތިރާފެއްކަމާ މެދު ސުވާލު އުފެދޭ ކަމަށް ވަކީު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މުއްރަތުގެ ފަރާތުން ފާހަގަކުރި ނުކުތާތަކާއި ގުޅިގެން ދައުލަތުން ވަނީ ޖަވާބުދާރީވެފަ އެވެ. ނަޖީބު މަރާލި ކަމަށް އިއުތިރާފުވަމުން މުއްރަތު ދެއްކި ވާހަކައިން ވެސް އޭނާ ބުއްދި ސަލާމަތުން ހުރިކަން އެނގޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ވަޅިހަރާފައި ލޭ މަނާކުރުމަށް ޓީޝާޓާއި އިސްޓާކީނު އޮޅިކަމަށް މުއްރަތު ބުނެފައިވާ ބުނުމުން ވެސް ހަމަ ބުއްދީގައި ހުރިކަން ހާމަވާކަމަށް ވަކީލު ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ދެފަރާތަށް ވެސް މައްސަލާގައި ވާހަކަދެއްކުމަށް ފަހު ފުރުސަތު ދިނުމަށްފަހު އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ނަޖީބު މަރާލި ކަމަށް އިއުތިރާފުވަމުން ކްރިމިނަލް ކޯޓުގައި މުއްރަތު ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ.
ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ އަވަހާރަކޮށްލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ.
މުއްރަތާ އެކު އޭނާގެ ކުރީގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.