ސަން ޔޫރޯ ގައިޑް: ޔޫރޯގެ ތާރީޚީ ޞަފްޙާތަކުން

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން -- ފޮޓޯ: ޔޫއެފާ

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 އާ ހަމަޔަށް ކުރިޔަށް ދާ ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް، ޔޫރޯ 2016 އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު އީދެވެ. މި ފަހަރުގެ މުބާރާތަކީ ޔޫރޯގެ 15 ވަނަ އެޕިސޯޑެވެ.

ޔޫރަޕުގެ ގައުމުތަކުގެ ގައުމީ ޓީމުތައް ވާދަ ކުރާ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގެ ޚިޔާލަކީ 1927 ވަނަ އަހަރު، ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި ހެންރީ ޑިލޯނޭ ފާޅު ކުރެއްވި ޚިޔާލެކެވެ. ޑިލޯނޭގެ ޚިޔާލަށް އެންމެ ފުރަތަމަ ލިބުނީ ފިނި ތަރުހީބެކެވެ. އެ ދުވަސްވަރަކީ ދެ ބޮޑު ހަނގުރާމައިގެ ދެމެދުގެ ދުވަސްވަރެވެ. ޖަރުމަނުގައި ނާޒީންގެ ބާރު ވަރުގަދަ ވެގެން އައި ދުވަސްވަރެވެ. ޔޫރަޕުގެ ފޯކަސް ބައިނަލްއަގުވާމީ ގުޅުންތަކާއި ސިޔާސަތަށް ހުއްޓިފައި އޮތް ދުވަސްވަރެވެ. އެހެންކަމުން ޑިލޯނޭގެ ޚިޔާލާ މެދު ގިނަ ބަޔަކު ދުށީ "ތިޔައަށް ވުރެ މުހިއްމު ކަންކަން އެބަހުއްޓޭ" މި ކަހަލަ ނަޒަރަކުންނެވެ.

1954 ވަނަ އަހަރު، ޔުއެފާ އުފެދުނު އިރު، ޔުއެފާގެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީ އަކީ ވެސް ހެންރީ ޑިލޯނޭއެވެ. ޔުއެފާގެ ތެރެއިން ޑިލޯނޭ އާއި، ފަރަންސޭސި ނޫހެއް ކަމަށް ވާ ލެކުއިޕޭގެ ފަރާތުން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބު ވެ، ޔޫރަޕުގެ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގެ ޚިޔާލަށް އަމަލީ ސިފަ އަންނާން ފެށީ، ހެންރީ ޑިލޯނޭ އަވަހާރަ ވިތާ 3 އަހަރު ފަހުން، 1958 ވަނަ އަހަރުއެވެ. ޑިލޯނޭ އަވަހާރަ ވުމަށް ފަހު، ޔޫރަޕުގެ ފުޓުބޯޅަ މުބާރާތެއްގެ ޚިޔާލާއިގެން އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި އެއް ބޭފުޅަކީ އޭނާގެ ދަރިކަލުން، ލެކުއިޕޭގެ ނޫސްވެރިޔާ، ޕިއެރޭ ޑިލޯނޭއެވެ. މުބާރާތުގެ ތަށި ފަރުމާ ކުރެއްވީ ވެސް ޕިއެރޭ ޑިލޯނޭއެވެ.

އެތައް ބައެއްގެ މަސައްކަތާ އެކު، ޑިލޯނޭގެ ހުވަފެން ހަގީގަތަކަށް ވެ، ފުރަތަމަ ޔޫރޯ މުބާރާތް ބޭއްވުނީ 1960 ވަނަ އަހަރުއެވެ. މުބާރާތުގެ ތަށްޓަށް ނަން ދެވުނީ ޑިލޯނޭގެ ޒިކުރާގައި، "ހެންރީ ޑިލޯނޭ ކަޕް" ގެ ނަމުންނެވެ. 1960 ވަނަ އަހަރުގެ މުބާރާތުގެ ޕްރީ-ފައިނަލް ސްޓޭޖުތަކުގައި 17 ޓީމެއް ވާދަ ކުރިއެވެ. ނަމަވެސް ޔޫރަޕުގެ ބޮޑެތި ބާރުތަކުގެ ތެރެއިން އިނގިރޭސި ވިލާތާއި، ނެދަރލޭންޑްސް އާއި، ހުޅަނގު ޖަރުމަނާއި އިޓަލީ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ. ހަތަރު ޓީމު ވާދަ ކުރި ފައިނަލް ސްޓޭޖުގެ ވަކި ހިސާބަކުން، ސްޕޭން ވެސް މުބާރާތުން ވަކި ވިއެވެ. ސްޕޭން ވަކި ވުމުން، ސެމީ ފައިނަލް ނުކުޅެ، ފައިނަލަށް ގޮސް މުބާރާތް ކާމިޔާބު ކުރީ އެއިރުގެ ރޫސީ ވިލާތެވެ.

1960 ވަނަ އަހަރުން ފެށިގެން 1980 ވަނަ އަހަރާ ހަމަޔަށް، ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ފައިނަލް ސްޓޭޖުގައި ވާދަ ކުރަމުން އައީ 4 ޓީމެވެ. އޭގެ ކުރީގެ ސްޓޭޖުތަކުގައި ކުޅޭ ޓީމުތަކުގެ އަދަދު ދޭތެރެއަކުން އިތުރު ވަމުން އައެވެ. 1980 ވަނަ އަހަރުގެ މުބާރާތާ އެކު، ފައިނަލް ސްޓޭޖުގައި ކުޅޭ ޓީމުތަކުގެ އަދަދު 8 އަށް އިތުރު ކުރެވުނެވެ. 1996 ވަނަ އަހަރު، ޓީމުތަކުގެ އަދަދު 16 އަށް އިތުރު ކުރެވުނެވެ. މި ފަހަރު ފަރަންސޭސި ވިލާތުގައި ބާއްވާ މުބާރާތަކީ 24 ޓީމު ވާދަ ކުރާ ގޮތަށް ބާއްވާ ފުރަތަމަ މުބާރާތެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ނަން ވެސް ވަނީ ބަދަލު ވެފައެވެ. 1960ގައި، މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ "ޔޫރަޕިއަން ނޭޝަންސް ކަޕް" ގެ ނަމުގައެވެ. މި ނަމުގައި 1964 ވަނަ އަހަރު ވެސް މުބާރާތް ބޭއްވުނެވެ. 1968 ގައި މުބާރާތް ބޭއްވުނީ "ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް" އަށް ބަދަލު ކޮށްގެންނެވެ. އެއިރުއްސުރެ މިހާތަނަށް ވެސް އެނަން ބޭނުން ކުރެވެމުން އަންނަ އިރު، މުބާރާތުގެ ނަން އާއްމުކޮށް ކިޔަނީ "ޔޫރޯ" މި ނަމުގެ ފަހަތަށް މުބާރާތް ބާއްވާ އަހަރު އިތުރު ކޮށްގެންނެވެ.

ޔޫރޯގެ 14 މުބާރާތް ބޭއްވިފައި ވާ އިރު، މިއިން ކޮންމެ ފަހަރަކު ވެސް ހަނދާނުގެ ބޯޑުގައި ލިޔެލުން ހައްގު ކަންތައްތައް ހިނގައިފައި، ނުވަތަ ފެނިގެން ގޮސްފައި ވެއެވެ. އެ ކަންތައްތަކަށް ބަލައިލަމާ ހިނގާށެވެ.

ޔޫރޯ 1960

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1960 -- ފޮޓޯ: ޔޫއެފާ

ފަރަންސޭސި ވިލާތުގައި ބޭއްވުނު، ޔޫރޯގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރީ އެއިރު ކޮމިޔުނިސްޓް ބޮޑުބާރުގެ ގޮތުގައި އޮތް ޔުނިއަން އޮފް ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކްސް ނުވަތަ ރޫސީ ވިލާތުގެ ޓީމެވެ. ރޫސީ ޓީމުގެ ގޯލު ބެލެހެއްޓީ ފުޓުބޯޅައިގެ ތާރީޚުގައި އެ ކީޕަރެއްގެ ނަން ރަން އަކުރުން ފަވައިލެވުނު ކީޕަރު، ލެވް ޔެޝިނެވެ.

ޔޫރޯ 1964

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1964 -- ފޮޓޯ: ޔޫއެފާ

ފަހަކަށް އައިސް ފުޓުބޯޅައިގެ މައިދާނުގައި "ފަންނާނުންތަކެއް" ގެ ގޮތުގައި މަޝްހޫރު ވެފައި ވާ ސްޕޭން، ފުރަތަމަ ފަހަރަށް ބޮޑު ކާމިޔާބެއް ހޯދީ 1964 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްގެންނެވެ. އަމިއްލަ ގައުމުގައި ކުޅެ، ސްޕޭން މުބާރާތް ކާމިޔާބު ކުރި އިރު، ތަރިއަކަށް ވީ ލުއިސް ސުއާރޭޒެވެ. މިއީ ޓައިޕިން ކުށެކޭ ހީ ނުކުރައްޗެވެ! މި ލުއިސް ސުއާރޭޒަކީ މިހާރުގެ ބާސެލޯނާގެ ތަރި ލުއިސް ސުއާރޭޒެއް ނޫނެވެ!

ޔޫރޯ 1968

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1968 -- ފޮޓޯ: ޔޫއެފާ

ޔޫރޯގެ ތިންވަނަ މުބާރާތް ބޭއްވުނީ އިޓަލީގައެވެ. ކުރީ ފަހަރެކޭ އެއްފަދައިން، މި ފަހަރު ވެސް މުބާރާތް ކާމިޔާބު ކުރީ، މުބާރާތް ބޭއްވި ގައުމެވެ. މިއީ ގަދަފަދަ އިޓަލީއަށް މުބާރާތް ކާމިޔާބު ކުރެވުނު ހަމައެކަނި ފަހަރު ވެސް މެއެވެ.

ޔޫރޯ 1972

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1972 -- ފޮޓޯ: ޔޫއެފާ

މި ފަހަރުގެ މުބާރާތް ބޭއްވުނީ ބެލްޖިއަމުގައެވެ. ޗެމްޕިއަން އިޓަލީ، ބެލްޖިއަމް އަތުން ބަލި ވެގެން މުބާރާތުން ކެޓި އިރު، ބެލްޖިއަމް ބަލި ކޮށް ފައިނަލަށް ގޮސް، ރޫސީން ބަލި ކޮށް ތަށި ހޯދީ ހުޅަނގު ޖަރުމަނެވެ. އެ މުބާރާތަކީ ޖަރުމަނު ޓީމުގައި ފްރާންޒް ބެކެންބާއު ފަދަ ތަރީން ވިދައިލި މުބާރާތެވެ.

ޔޫރޯ 1976

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1976 -- ފޮޓޯ: ޔޫއެފާ

1976 ގެ މުބާރާތުގެ ޗެމްޕިއަންކަން ގަދަފަދަ ހުޅަނގު ޖަރުމަނު ބަލި ކޮށް، ހޯދީ ޗެކޮސްލޮވޭކިޔާއެވެ. ޔޫގޯސްލާވިޔާގައި ކުޅެވުނު މުބާރާތަށް ވޭލްސް ކޮލިފައި ނުވެ ދިޔައީ ކިރިޔަކިރިޔާއެވެ. މިއީ މި އަހަރުގެ މުބާރާތުގެ ކުރީން، ޔޫރޯގައި ވޭލްސް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ފަހަރެވެ.

ޔޫރޯ 1980

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1980 -- ފޮޓޯ: ޔޫއެފާ

އަށް ޓީމު ބައިވެރި ވާ ގޮތަށް ކުޅުނު ފުރަތަމަ ޔޫރޯ މުބާރާތަކީ 1980 ގެ މުބާރާތެވެ. ހުޅަނގު ޖަރުމަނު މުބާރާތް ކާމިޔާބު ކުރި އިރު، އެންމެ ފާހަގަ ކޮށްލެވުނު އެއް ކަމަކީ، ކުޑަ ގައުމެއް ކަމަށް ވާ ބެލްޖިޔަމް ދެއްކި މޮޅު ކުޅުމެވެ. އެ ފަހަރުގެ ބެލްޖިޔަމް ޓީމު ފާހަގަ ކުރެވުނީ ހުނަރުވެރި، މޮޅު ކުޅުންތެރީންތަކެއް ހިމެނުނު ޓީމެއްގެ ގޮތުގައެވެ. އެމީހުންނަށް ހުރަސް އެޅި ހަމައެކަނި ބަހާއަކީ ހުޅަނގު ޖަރުމަނު ޓީމުގެ ތަޖުރިބާއެވެ. ފައިނަލުގައި ހުޅަނގު ޖަރުމަނާ ދެކޮޅަށް ކުޅުނީ ވެސް ބެލްޖިޔަމް ޓީމެވެ.

ޔޫރޯ 1984

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1984 -- ފޮޓޯ: ޔޫއެފާ

މި ފަހަރުގެ މުބާރާތް ފަރަންސޭސި ވިލާތުގައި ބޭއްވުނު އިރު، ފަރަންސޭސި ޓީމު މުބާރާތަށް ނުކުތީ 1982 ވަނަ އަހަރުގެ ވޯރލްޑް ކަޕުގައި ހިތި ނަތީޖާއެއް ތަޖުރިބާ ކޮށްފައެވެ. މޮޅު ކުޅުންތެރީންތަކެއްގެ މައްޗަށް ހިމެނުނު ފަރަންސޭސި ޓީމު، ވޯރލްޑް ކަޕުން ކެޓީ ސެމީ ފައިނަލުގައި ހުޅަނގު ޖަރުމަނު އަތުން ބަލި ވެގެންނެވެ. ނަމަވެސް 1984 ގެ ޔޫރޯގައި، ފަރަންސޭސީން އެ ހިތިކަން ފިލުވައިލިއެވެ. ޔޫރަޕުގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ވާ މިޝެލް ޕްލަޓިނީގެ ވަށައިގެން އަތުރައިލެވުނު ހުނަރުވެރި ފަރަންސޭސި ޓީމު، މުބާރާތް ކާމިޔާބު ކޮށް، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރިއެވެ.

ޔޫރޯ 1988

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1988 -- ފޮޓޯ: ޔޫއެފާ

ނެދަރލޭންޑްސްގެ މަޝްހޫރު ކުޅުންތެރިޔާ މާރކޯ ވެން ބާސްޓެންގެ ތަރި ވިދައިގެން ދިޔައީ ޔޫރޯ 1988 ގައެވެ. ވެން ބާސްޓެންގެ ލަނޑުތަކާ އެކު އޭނާގެ ޓީމު މުބާރާތުގެ ތަށި ހޯދި އިރު، ފައިނަލުގައި އެއްކޮޅުން ކުޅުނު ރޫސީ ވިލާތުގެ ޓީމު ވެސް މޮޅު ކުޅުމެއް ދެއްކިއެވެ. އެ ފަހަރުގެ އެންމެ ޚާއްސަ އެއް ކަމަކީ ރޫސީ ޓީމުގެ ކޯޗު ވެލެރީ ލޮބެނޯވްސްކީއެވެ. އޭނާ އަކީ ފުޓުބޯޅައިގެ ތާރީޚު ދުށް އެންމެ ހުނަރުވެރި، އެންމެ މޮޅު އެއް ކޯޗު ކަމަށް ތަޖުރިބާކާރުން އެއްބަސް ވެއެވެ.

ޔޫރޯ 1992

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1992 -- ފޮޓޯ: ޔޫއެފާ

މި ފަހަރުގެ މުބާރާތަށް ޑެންމާރކް ކޮލިފައިއެއް ނުވެއެވެ. ނަމަވެސް ދާޚިލީ ހަނގުރާމައިގެ ސަބަބުން، އެންމެ ފަހު ވަގުތު، ކޮލިފައި ވެފައި އޮތް ޔޫގޯސްލާވިޔާ މުބާރާތުން ވަކި ވުމުން، ޑެންމާރކަށް މުބާރާތުން ފުރުސަތު ލިބުނެވެ. ދެން ފެނިގެން ދިޔައީ ޔޫރޯގެ ތާރީޚުގައި ފެނުނު އެންމެ ރީތި އެއް "ފެއަރީ ޓޭލް" އެވެ. މޮޅު އަދި ރީތި ކުޅުމެއް ދައްކައި، ފައިނަލަށް ގޮސް، ގަދަފަދަ ޖަރުމަން ބަލި ކޮށް ޗެމްޕިއަންކަން ހޯދީ ޑެންމާރކެވެ.

ޔޫރޯ 1996

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 1996-- ފޮޓޯ: ޔޫއެފާ

ޔޫރޯ 1996 އަކީ މޮޅަށް ކުޅުނު ޗެކް ރިޕަބްލިކް ނުވަތަ ކުރީގެ ޗެކޮސްލޮވޭކިޔާގެ އަތުގައި ނަސީބު ނުހިފި މުބާރާތެވެ. ޕަވެލް ނެޑްވެޑް ފަދަ މޮޅު ކުޅުންތެރީންނާ އެކު ކުޅެ، ފުޓުބޯޅަޔަށް ލޯބި ކުރާ އެތައް މިލިއަން ބައެއްގެ ހިތްތައް ފަތަހަ ކުރި ޗެކޮސްލޮވޭކިޔާ، ފައިނަލުގައި ބަލި ވީ ޖަރުމަން ޓީމުން އިތުރު ވަގުތު ކާމިޔާބު ކުރި ގޯލްޑަން ގޯލުންނެވެ. އިނގިރޭސި ވިލާތުގައި ބޭއްވުނު މި މުބާރާތުގައި، އިނގިރޭސި ޓީމުގެ އެލަން ޝިއަރަރ ވެސް ވިދައިގެން ދިޔައެވެ.

ޔޫރޯ 2000

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 2000-- ފޮޓޯ: ޔޫއެފާ

މުބާރާތުގެ ދެ އަހަރު ކުރީން، ފުޓުބޯޅައިގެ ރަސްގެފާނު ބްރެޒިލް ބަލި ކޮށް ދުނިޔޭގެ ތަށި ހޯދި ފަރަންސޭސި ޓީމު މުބާރާތަށް އައީ ހުރިހާ އެންމެންގެ ފޭވަރިޓްގެ ގޮތުގައެވެ. ޒައިނުއްދީން ޒިދާނާއި، ތިއެރީ އޮންރީ ފަދަ ތަރީންގެ މައްޗަށް އެކުލެވުނު ފަރަންސޭސި ޓީމު މުބާރާތް ކާމިޔާބު ކުރީ ކުރެނު އުއްމީދުތަކާ އެއްވަރުގެ ކުޅުމެއް ދެއްކުމަށް ފަހުގައެވެ. އެ ފަހަރުގެ މުބާރާތުގައި އެންމެ ފާހަގަ ކޮށްލެވުނު އެއް ކަމަކީ ޕޯރޗުގަލް ދެއްކި މޮޅު ކުޅުމެވެ. ޖަރުމަނާއި އިނގިރޭސި ވިލާތް ފަދަ ގަދަފަދަ ޓީމުތައް ބަލި ކޮށް، ގުރޫޕުގެ އެއްވަނަ ހޯދި ޕޯޗުގަލް މުބާރާތުން ކެޓީ ސެމީ ފައިނަލުގައި ފަރަންސޭސިން އަތުން 2 ލަނޑު 1 ލަނޑުން ބަލި ވެގެންނެވެ.

ޔޫރޯ 2004

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 2004-- ފޮޓޯ: ޔޫއެފާ

ޔޫރޯ 2004 އަކީ މުބާރާތުގެ ތާރީޚުގައި ވެސް އެންމެ ހައިރާން ކުރުވަނިވި ނަތީޖާ ނުކުތް ފަހަރެވެ. ޕޯރޗުގަލްގައި ބޭއްވުނު މުބާރާތް، ކާމިޔާބު ކުރުމުގެ ފޮނި ހުވަފެންތަކެއް ދުށް ޕޯރޗުގަލް ފައިނަލަށް ވެސް ދަތުރު ކުރިއެވެ. ނަމަވެސް ފުޓުބޯޅައިގެ ދުނިޔެ ސިއްސުވައިލުމަށް ފަހު ފައިނަލަށް ދަތުރު ކުރި ގްރީސް، ޕޯރޗުގަލުގެ މައްޗަށް ކުރި ހޯދައި، ޗެމްޕިއަންކަން ހޯދިއެވެ. މުބާރާތުގެ އެންމެ ޝައުގުވެރި މޫނަކަށް ވެގެން ދިޔައީ ޕޯރޗުގަލްގެ ޖަރުމަން ކޯޗު އޮޓޯ ރިހެގާލެވެ. މުބާރާތުގައި ގްރީސް ހޯދި ކާމިޔާބަކީ ހަމަލާގެ ފުޓުބޯޅައިގެ މައްޗަށް ދިފާއީ ފުޓުބޯޅަ ކުރި ހޯދި ހޯދުމެއް ކަމަށް ސިފަ ކުރެވެއެވެ. ގްރީސްގެ ކާމިޔާބީގެ ސިއްރަކީ، އެއްވެސް ބަޔަކަށް ފޫ އަޅުވައިނުލެވުނު ގަދަފަދަ ޑިފެންސެވެ.

ޔޫރޯ 2008

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 2008-- ފޮޓޯ: ޔޫއެފާ

2008 ވަނަ އަހަރާ ހަމަޔަށް އައި އިރު، ސްޕޭން ވެފައި ވަނީ ރީތި ފުޓުބޯޅައެއް ކުޅޭ، އެކަމަކު ޓީމުގެ ފެންވަރާ އަރާއަރަފޯދޭ ކާމިޔާބީއެއް ނުލިބޭ ޓީމެއްގެ ގޮތުގައެވެ. އޭގެ ކުރީން ސްޕޭނަށް ކާމިޔާބު ކުރެވުނު ހަމައެކަނި ބޮޑު މުބާރާތަކީ 1964 ވަނަ އަހަރު، އަމިއްލަ ގައުމުގައި ބޭއްވުނު ޔޫރޯއެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގައި ސްޕޭން ފެނިގެން ދިޔައީ ފުޓުބޯޅައިގެ ޖާދޫއެއްގެ ސިފައިގައެވެ. ބާސެލޯނާގެ މަޝްހޫރު ޓިކިޓާކާ ފުޓުބޯޅަ ބައިނަލްއަގުވާމީ ދަނޑަށް ނެރެ، ސްޕޭން ޓީމު ދެއްކި ކުޅުމާ އެކު، އިދިކޮޅު ޓީމުތަކުގެ ސަޕޯޓަރުންގެ ހިތްތައް ވެސް ފަތަހަ ކުރިއެވެ. މަޝްހޫރު ޒަވީ ހަރނާންޑޭޒާއި އަންދްރޭސް އިނިއެސްޓާ ފަދަ ކުޅުންތެރީންގެ ފުރަތަމަ ބޮޑު މުބާރާތް، ސްޕޭން ކާމިޔާބު ކުރި އިރު، އެ ފަހަރަކީ ތުރުކީ ވެސް އެންމެ ބޮޑު ކާމިޔާބެއް ހޯދި އެއް މުބާރާތެވެ. މޮޅު ކުޅުމެއް ދެއްކި ތުރުކީ ކެޓީ ސެމީ ފައިނަލުންނެވެ.

ޔޫރޯ 2012

ޔޫރޯގެ ތާރީޚުގެ ސަފުހާތަކުން ޔޫރޯ 2012-- ފޮޓޯ: ޔޫއެފާ

2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފުޓުބޯޅައިގެ ތަޚުތުގައި ރެނދަލި ކުރަމުން އައި ސްޕޭން، މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރުމާ އެކު، ސްޕޭން ވެގެން ދިޔައީ ޔޫރޯގެ ތާރީޚުގައި ވެސް، ޖެހިޖެހިގެން ދެ ފަހަރު މުބާރާތް ކާމިޔާބު ކުރި ހަމައެކަނި ޓީމަށެވެ. ޔުކްރޭނާއި ޕޮލެންޑުގައި ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕޭން، މި ފަހަރުގެ މުބާރާތް ކާމިޔާބު ކޮށްފި ނަމަ، ސްޕޭނަށް ޔޫރޯގެ ހެޓްރިކެއް ހެދޭނެއެވެ. ހަމައެހެންމެ، ފައިނަލުގައި އިޓަލީ 4-0 އިން ބަލި ކުރުމާ އެކު، ސްޕޭން ވެފައި ވަނީ އެންމެ ތަފާތު ބޮޑު ކޮށް، ޔޫރޯގެ ފައިނަލެއް ކާމިޔާބު ކުރި ޓީމަށެވެ. އޭގެ ކުރީން އެ ރިކޯޑު އޮތީ، 1972 ގައި 3-0 އިން ރޫސީން ބަލި ކޮށް ތަށި ހޯދި ހުޅަނގު ޖަރުމަނުގެ އަތުގައެވެ.

ބައެއް މުހިއްމު ފެކްޓްތައް

ޔޫރޯގެ ފުރަތަމަ މުބާރާތް އިންތިޒާމު ކުރެވުނު އިރު، ހަމަޖެހިފައި އޮތީ އެންމެ މަދު ވެގެން 16 މުބާރާތް ބައިވެރި ނުވާ ނަމަ، މުބާރާތް ނުކުޅުމަށެވެ. 17 ޓީމު ހަމަ ވެ، މުބާރާތް ބޭއްވޭނެ ކަމުގެ ޔަގީންކަން ލިބުނީ އެންމެ ފަހު ވަގުތުއެވެ.

ހަތަރު ޓީމު ކުޅޭ ފައިނަލް ސްޓޭޖުގެ ކުރީން، މުބާރާތް ކުޅެވުނީ 17 ޓީމު ނޮކްއައުޓް ހޯމް އެންޑް އަވޭ އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭ ގޮތަށެވެ. މިގޮތަށް ކުޅެ، 1960 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް ސްޓޭޖަށް ކޮލިފައި ވީ ރޫސީ ވިލާތާއި، ފަރަންސޭސި ވިލާތާއި، ޔޫގޯސްލާވިޔާ އާއި، ޗެކޮސްލޮވޭކިޔާއެވެ. ފައިނަލް ސްޓޭޖު ކުޅެވުނީ 1960 ވަނަ އަހަރުގެ ޖުލައި މަހުގެ 6 އިން 10 އަށް،ފަރަންސޭސި ވިލާތުގައެވެ.

ޔޫރޯގެ ފުރަތަމަ މެޗު ކުޅެވުނީ ރޫސީ ވިލާތުގެ ވެރިރަށް މޮސްކޯގެ ޒެންޓްރާލްނީ ލެނިން ސްޓޭޑިޔަމުގައި، 1958 ގެ ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ މެޗު ބަލަން 100572 މީހުން ދަނޑަށް ވަނެވެ. އެ މެޗުގެ 4 ވަނަ މިނިޓުގައި، ރޫސީ ވިލާތުގެ އެނަޓޮލީ އިލްޔިން ކާމިޔާބު ކުރި ލަނޑަކީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ ލަނޑެވެ. އެ މެޗު 3-1 އިން ރޫސީން ކާމިޔާބު ކުރީ ހަންގޭރީ ބަލިކޮށެވެ.

1960 ވަނަ އަހަރުން ފެށިގެން، 2004 ވަނަ އަހަރާ ހަމަޔަށް، ޔޫރޯ މުބާރާތުގެ ތަށްޓަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ތަށި އަލުން ފަރުމާ ކުރެވުނީ 2008 ވަނަ އަހަރުގެ މުބާރާތަށެވެ. ފަރުމާ ބަދަލު ކުރެވުނު ތަށި ފުރަތަމަ އުފުލައިލީ، ސްޕޭނުގެ ކެޕްޓަން އަދި ގޯލް ކީޕަރު އީކާރ ކަސިޔަސްއެވެ.

comment ކޮމެންޓް