ސަން ޔޫރޯ ގައިޑް: ޔޫރޯ މެސްކޮޓް

ޔޫރޯ 2016 ގެ މެސްކޮޓް

މި އަހަރުގެ ޔޫއެފާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެސްކޮޓެއްގެ ގޮތުގައި ހަމަޖެހިފައި ވަނީ، 16 ނަމްބަރު ޖެހި ޖާޒީއެއް ލައިގެން ހުންނަ ފިރިހެން ކުއްޖެކެވެ. ފްރާންސާއި ސްވީޑެން، 18 ނޮވެމްބަރު 2014 ވަނަ ދުވަހު ކުޅުނު ފުޓުބޯޅަ މެޗުގެ ކުރިން، މި މެސްކޮޓު ވަނީ ރަސްމީކޮށް ތައާރަފު ކޮށްފައެވެ. ނަމަވެސް މެސްކޮޓަށް އޭރު ނަމެއް ދީފައެއް ނުވެ އެވެ.

މެސްކޮޓަށް ނަމެއް ދިނީ، އާންމު ވޯޓެއް ނަގައިގެންނެވެ. އެ ވޯޓުން ނިންމީ، އޭނާއަށް "ސުޕަ ވިކްޓަރ" ގެ ނަން ކިޔުމަށެވެ.

ދެން މި އޮތީ ސުޕަ ވިކްޓަރގެ ވާހަކަ އެވެ.

"އަހަރެންނަކީ ފްރާންސްގެ ކުޑަ ޓައުނަކަށް ނިސްބަތްވާ އާދައިގެ ކުއްޖެއް. އަހަރެންގެ ބައްޕައަކީ ވަރަށް މޮޅު ފުޓުބޯޅަ ކުޅުންތެރިއެއް. އަހަރެންވެސް ފުޓުބޯޅަ ކުޅޭހިތް ވީ ބައްޕައާ ހެދި. އެކަމަކު ބައްޕަ ކުޅޭހާ މޮޅަކަށް އަހަރެންނަކަށް އަދި ނުކުޅެވޭ. އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ އިތުރަށް މޮޅު ވެވޭތޯ. ފުޓުބޯޅަ ކުޅޭއިރު އަހަރެންނަށް އެންމެ މުހިންމު ކަމަކީ މަޖާ ކުރުމާއި ފެއާކޮށް ކުޅުން."

"އަހަރެންނަކީ ސުޕަ ހީރޯއެއް. އެއް ދުވަހަކު، ރައްޓެހިންނާ އެކު ފުޓުބޯޅަ ކުޅުމުގެ ތެރޭގައި އަހަރެން ޖެހި ފްރީކިކެއްގައި ބޯޅަ ދަނޑުގެ ބޭރަށް ދިޔައީ. ބޯޅަ ހޯދުމަށް އަހަރެން ދިޔަ އިރު ފެނުނީ ވަރަށް ހައިރާން ކުރުވަނިވި އެއްޗެއް. އެތަނުގައި އޮތީ ޖާދޫގެ ފޮއްޓެއް! އެ ފޮށި އަހަރެން ހުޅުވާލި އިރު، އޭގައި އޮތީ ރަތް ކުލައިގެ ފޮތިގަނޑަކާ، އާ ފުޓުބޯޅަ ބޫޓަކާއި ޔޫރޯ 2016 ގެ ފުޓުބޯޅަ! އެތަކެތި ކުއްލިއަކަށް އަހަރެންގެ ވަށައިގެން އެނބުރެން ފެށި. އޭގެ ފަހުން އަހަރެނަނަށް ވަރަށް ސަޅި ކަންތައް ކުރެވޭ."

"އަހަރެންގެ ރަތް ކުލައިގެ ކެޕް އެޅުމުން އަހަރެންނަށް އުދުހެވޭ. ކޮންމެ ދުވަހަކު، ފްރާންސްގެ އެކި ހިސާބުތަކުގެ މީހުންނާ އެކު ފުޓުބޯޅަ ކުޅެން އަހަރެން ދަން. އަހަރެންގެ އާ ބޫޓަށް އަރައިގެން މާ މޮޅަށް ފުޓުބޯޅަ ކުޅޭވޭ. އަދި ޔޫރޯ 2016 ގެ ފުޓުބޯޅަ ބޭނުންކޮށްގެން ކުޅުމަކީ މަޖާ ކަމެއް. އެ ބޯޅައާ އެކު ކުޅުމަށް ގިނަ ބަޔަކު ލޯބިކުރޭ."

"ޔޫރޯ 2016 ގެ މެސްކޮޓްގެ ގޮތުގައި އަހަރެންގެ މަގްސަދަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުންނާ އެކު ފުޓުބޯޅަ ކުޅެ، މަޖާ ކުރުން. އަހަރެން ބޭނުންވަނީ އަހަރެންނަށް މި ލިބުނު ސުޕަ ޕަވާތަކުގެ ފައިދާ އެހެން މީހުންނަށް ވެސް ދިނުން. އެހެންކަމުން މި މުބާރާތުގައި އަހަރެން ފްރާންސްގެ އެކި ހިސާބުތަކަށް ދަތުރުކޮށް، އެކި ގައުމުތަކުން އަންނަ ގިނަ އަދަދެއްގެ ފުޓުބޯޅަ ފޭނުންނާ އެކު މަޖާ ކުރާނަން."

ޔޫރޯ 2004 ގެ މެސްކޮޓް

ޔޫރޯ 2004 ގެ މެސްކޮޓް

ޔޫރޯ 2004 ފުޓުބޯޅަ މުބާރާތް ބޭއްވީ ޕޯޗުގަލްގައެވެ. އެ މުބާރާތުގެ މެސްކޮޓަކަށް ހަމަޖެއްސީ، ޕޯޗުގަލްގެ ގައުމީ ޖާޒީ ލައިގެން ހުންނަ ފިރިހެން ކުއްޖެއްގެ ކާޓޫން ވާޝަން އެކެވެ. މި ކުއްޖާގެ ނަމަކީ "ކިނަސް" އެވެ. މި ނަން ނަގާފައި ވަނީ، ޕޯޗުގަލްގެ ގައުމީ ދިދައަށް ކިޔާ ނަން "ބަންޑޭރާ ދެސް ކީނަސް" އިންނެވެ.

ޔޫރޯ 2008 ގެ މެސްކޮޓް

ޔޫރޯ 2008 ގެ މެސްކޮޓް

ޔޫރޯ 2008 މުބާރާތް ބޭއްވީ އޮސްޓްރިއާ އަދި ސްވިޓްޒަލެންޑުގައެވެ. މެސްކޮޓެއްގެ ގޮތުގައި ހަމަޖެއްސީ، "ޓްރިކްސް" އަދި "ފްލިކްސް" ނަމަކަށް ކިޔާ ޓްވިންސް އެވެ. މި ދެ ކުދިން ވެސް ލައިގެން ތިބެނީ ރަތް ކުލައާ ހުދު ކުލައިގެ ޖާޒީ އެވެ. އޮސްޓްރިއާ އަދި ސްވިޓްޒަލެންޑްގެ ގައުމީ ދިދައިގައި ހުންނަނީ އެ ދެ ކުލަ އެކަންޏެވެ.

ޔޫރޯ 2012 ގެ މެސްކޮޓް

ޔޫރޯ 2012 ގެ މެސްކޮޓް

ޔޫރޯ 2012 ވެސް ބާއްވާފައި ވަނީ ދެ ގައުމެއްގައެވެ. އެއީ ޕޮލެންޑް އަދި ޔޫކްރެއިނެވެ. މެސްކޮޓަކަށް ވެސް ހަމަޖެއްސީ ޓްވިންސް ދެ ކުދިންނެވެ. އެކަކުގެ ނަމަކީ "ސްލަވެކް" އެވެ. އަނެކާގެ ނަމަކޯ "ސްލަވްކޯ" އެވެ. މީގެ ތެރެއިން އެއް ކުއްޖަކު ލައިގެން ހުންނަނީ ޕޮލެންޑުގެ ގައުމީ ދެ ކުލަ، ރަތް އަދި ހުދުގެ ޖާޒީއެކެވެ. އަނެއް ކުއްޖާ ލައިގެން ހުންނަނީ ޔޫކްރެއިނުގެ ގައުމީ ދެ ކުލަ ކަމުގައިވާ ނޫ އަދި ރީނދޫ ކުލައިގެ ޖާޒީއެކެވެ.

comment ކޮމެންޓް