މީހެއްގެ ފައިގައި ޓެގް އެޅުވުމާބެހޭގޮތުން ކޮމެޓީގައި ފުރަތަމަ ފަހަރަށް މަޝްވަރާކޮށްފި

ޓެގް އެޅުވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރުން ކަމަށްވާ، ހޯމް މިނިސްޓަރު އުމަރު ނަސީރު (ކ)، ފިނޭންްސް މިނިސްޓަރު އަބްދުﷲ ޖިހާދު (މ) އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ -- ސަން ފައިލް ފޮޓޯ

މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހެއްގެ ފައިގައި ޓެގް އަޅުވަން ފެންނަ ކަމަށް، ޓެގް އެޅުވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމެޓީގައި ފުރަތަަމަ ފަހަރަށް މަޝްވަރާކޮށްފި އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، މިއަދު ބޭއްވި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމަށް އޭނާ ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެން އެމީހާގެ ފައިގައި ޓެގް އެޅުވުމާ ބެހޭގޮތުން ކޮމެޓީގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ 10 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދި ފުލުހުން އެންމެ ފަހުން ހައިކޯޓަށް ހުށަހެޅި މައްސަލަތަކާ މެދު އެ ކޯޓުން އަދިވެސް ގޮތެއް ނުނިންމާ ކަމަށެވެ.

އެ އަމުރުތަކަށް ފުލުން އެދުނުތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ މޮނިކޮން އަމުރަށް ފުލުހުން އެދޭތާ 24 ގަޑިއިރުގެ ތެރޭގައި އެ އަމުރު ނެރުމާ މެދު ހައިކޯޓުން ވަކިގޮތެއް ނިންމަންވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ބައެއް މީހުން އޭނާ އަކީ މާ ހަރުކަށި މީހެއްގެ ގޮތުގައި ސިފަކޮށް، މޮނިކޮން އަމުރު ނެރެން ނުޖެހޭ މީހުންނަށް އަމުރު ނެރެދޭން ހުށަހަޅަމުން އަންނަ ކަމަށް ބުނާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ފުލުހުން މެދުވެރިކޮށް އަމުރަށް އެދިފައިވާނީ އެ އަމުރު ނެރެންޖެހޭ މީހުންނަށް އެކަނި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މޮނިކޮން އަމުރު ނެރެ ޓެގް އަޅުވަން ޖެހޭ 200 މީހުން ރާއްޖޭގައި އެބަ ތިބި ކަމަށާއި މާރާމާރީތައް ހުއްޓުވުމަށްޓަކައި އެއީ ކުރަންޖެހޭ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ، މޮނިކޮން އަމުރު ނެރެ ޓެގް އެޅުވުމުގެ މަސައްކަތް ކުރުމުގައި ހުރަސްތަކާ ދިމާވާ ކަމަށާއި، މަސައްކަތް ފެށި އިރުވެސް އެކަން އެނގޭ ކަމަށެވެ. ގޮންޖެހުންތަކަކާއެކު ވެސް އެ މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް