މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ބެލެވޭ މީހުން މޮނީޓާކޮށް ކޮންޓްރޯލުމުގެ އަމުރު (މޮނިކޮން އަމުރު) ނެރުމަށް ކޯޓަށް ހުށަހެޅުމުގެ ބާރު ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަތުން ނަންގަވައި އެ ބާރު ތިން މިނިސްޓަރުންނާއި ކޮމިޝަނާ އޮފް ޕޮލިސް ހިމެނިވަޑައިގަންނަވާ ކޮމެޓީއަށް ބުރާސްފަތި ދުވަހު މަތިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމެވުމުގެ ދަށުން މޮނިކޮން އަމުރު މީހެއްގެ މައްޗަށް ނެރެދިނުމަށް ހައި ކޯޓަށް ހުށަހެޅުމުގެ ބާރު ދެއްވާފައިވާ ކޮމެޓީގައި ތިއްބަވަނީ މިނިސްޓަރު އުމަރު ހިމެނޭ ގޮތަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ސަން އަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މޮނިކޮން އަމުރު ނެރުމުގެ ބާރު ކޮމެޓީއަކަށް މަތި ކުރުމުން ނިންމުންތައް ނިންމުމަށް، މިހާރަށް ވުރެ ބޮޑަށް އިތުބާރު އޮތް ގޮތަކަށް އެ މަސައްކަތް ގެންދެވޭނެ ކަމަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މޮނިކޮން އަމުރު މީހެއްގެ މައްޗަށް ނެރުމަށް އެދި ހައި ކޯޓަށް ހުށަހެޅުމުގެ ބާރު ދީފައި ވަނީ ދާހިލީ ވުޒާރާ ހިންގަވާ، ހޯމް މިނިސްޓަރަށެވެ. އަދި އެ ގާނޫނުގައި ބުނާ ގޮތުން އެ އަމުރުގައިވާ ކަންތައްތަކަށް ބަދަލު ގެނައުމަށް ކޯޓަށް ހުށަހެޅޭނީ ވެސް ހޯމް މިނިސްޓަރަށެވެ. އަދި މޮނިކޮން އަމުރު ހިނގަހިނގާ ހުންނަ ކޮންމެ ވަގުތެއްގައި ވެސް އެ އަމުރު ހުއްޓާލުމުގެ ބާރު ވެސް ދީފައި ވަނީ ހޯމް މިނިސްޓަރަށެވެ.
މޮނިކޮށް އަމުރުގެ ބޭނުމަކީ ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހަރަކާތްތަކުން އާންމު ރައްޔިތުން ރައްކާތެރި ކުރުމެވެ. އަދި އެފަދަ ކަމެއް ކުރަން އުޅޭ ފަރާތްތައް ހައްޔަރުކޮށްފައި ބަހައްޓައިގެން ތަހުގީގު ކުރެވޭ ވަރަށް ހެކި ނެތް ހާލައްތަކުގައި ނުވަތަ އެފަދަ ފަރާތްތަކުގެ ތަހުގީގު ނިންމުމަށްފަހު ޝަރީއަތުން ގޮތެއް ނިންމުމާ ދެމެދު ހައްޔުކޮށްފައި ބަހައްޓަންޖެހޭ ކަމަށް ކޯޓަށް ނުފެންނަ ހަލާތްތަކުގައި އެފަދަ ފަރާތްތައް ދޫކޮށްފައި ބައިތިއްބައިގެން މޮނިޓާކޮށް ކޮންޓްރޯލް ކުރަމުން ގެންދިއުމެވެ.