ސަން ޔޫރޯ ގައިޑް 2016: ސްޓާރ ޕްލޭޔަރުން

ޔޫރޯގައި ކުޅޭ ސްޓަރ ޕްލޭޔަރުން -- ފޮޓޯ: ޑެއިލީމޯޝަން

ކްރިސްޓިއާނޯ ރޮނާލްޑޯ

  • އުފަން ތާރީޚު: 5 ފެބުރުވަރީ 1985
  • ގައުމު: ޕޯރޗުގަލް
  • ކްލަބް: ރެއާލް މެޑްރިޑް
  • ގައުމީ ޓީމަށް ކުޅެން ފެށީ: 2003
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 125
  • ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު: 56
  • ޔޫރޯގައި ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 14
  • ޔޫރޯގައި ޖެހި ލަނޑުގެ އަދަދު: 6

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޕޯރޗުގަލް ޓީމުގެ ހިތެވެ. އެ ޓީމުގެ ފަޚުރެވެ. މިހައިތަނަށް ޕޯރޗުގަލްގެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައި ވާ ރޮނާލްޑޯ، އިތުރު ތިން މެޗާ އެކު، ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށް ވެސް ވާނެއެވެ. ރޮނާލްޑޯ އަކީ ހަމައެކަނި މަޝްހޫރު ނަމެއް ނޫނެވެ. އޭނާގެ ސަބަބުން އޭނާ ކުޅޭ ޓީމެއްގެ އެހެން ކުޅުންތެރީންނަށް ވެސް ހިތްވަރު ލިބެއެވެ. އޭނާގެ ސަބަބުން، ޓީމުގެ އެހެން ކުޅުންތެރީންގެ މަސައްކަތުގެ ރޭޓު ވެސް އިތުރު ވެގެން ދެއެވެ.

ސްޕޯރޓިންގ ކްލަބް ޑި ޕޯރޗުގަލުގައި، 2002 ގައި ކެރިއަރު ފެށި ރޮނާލްޑޯ ފުރަތަމަ ވެސް ފެނިގެން ދިޔައީ އާދަޔާ ޚިލާފު ކުޅުންތެރިއެއްގެ ގޮތުގައެވެ. ޖެހިގެން އައި ސީޒަނުގައި އޭނާ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލު ވިއެވެ. 2003 ގައި ގައުމީ ޓީމަށް ކުޅެން ފެށި ރޮނާލްޑޯ މިހައިތަނަށް ވަނީ ތިން ޔޫރޯގައި ގައުމީ ޓީމަށް ކުޅެފައެވެ. އޭގެ ތެރޭގައި، 2004 ވަނަ އަހަރު، ޕޯރޗުގަލުގައި ބޭއްވުނު ޔޫރޯ މުބާރާތް ވެސް ހިމެނެއެވެ. އެ މުބާރާތުގެ ފައިނަލަށް ޕޯރޗުގަލް ދިޔަ ނަމަވެސް، ގްރީސް އަތުން ބަލި ވެ ތަށި ގެއްލުން، ރޮނާލްޑޯއަށް އަބަދުވެސް ވާނީ ހިތި ހަނދާނަކަށެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދައިފައި ވާ ރޮނާލްޑޯ އަކީ މިސާލުން ޓީމަށް މަގު ދައްކައި، ޓީމު ލީޑު ކުރާ ކުޅުންތެރިއެކެވެ. ފަޅިން ކުޅޭ ރޮނާލްޑޯ އަކީ ލަނޑު ޖަހާ މެޝިނެކެވެ. ހަމައެހެންމެ، ލަނޑު ޖެހުމަށް އެހެން ކުޅުންތެރީންނަށް ބޯޅަ ސަޕްލައި ކޮށްދިނުމުގައި ވެސް އޭނާގެ ރިކޯޑު އާދަޔާ ޚިލާޔަށް ރަނގަޅެވެ. އެހެންކަމުން، މި ފަހަރުގެ ޔޫރޯގައި ޕޯރޗުގަލަށް ހޯދޭ ނުވަތަ ނުހޯދޭ ކާމިޔާބީއެއް ބިނާ ވާނެ އެންމެ މުހިއްމު ބަހާ އަކީ ރޮނާލްޑޯ ދައްކާ ކުޅުމެވެ.

އަންދްރޭސް އިނިއެސްޓާ

  • އުފަން ތާރީޚު: 11 މެއި 1984
  • ގައުމު: ސްޕޭން
  • ކްލަބް: ބާސެލޯނާ
  • ގައުމީ ޓީމަށް ކުޅެން ފެށީ: 2006
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 107
  • ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު: 13
  • ޔޫރޯގައި ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 12
  • ޔޫރޯގައި ޖެހި ލަނޑުގެ އަދަދު: 1

"ސްމޯލް އިޒް ބިއުޓިފުލް" އޭ ބުނެވޭ ބަހުގެ އެންމެ ރީތި އެއް މިސާލަކީ ސްޕޭނުގެ މި "ސައިޒުން ކުޑަ" ކުޅުންތެރިޔާއެވެ. އަންދްރޭސް އިނިއެސްޓާގެ ވާހަކަ، ފުޓުބޯޅައިގެ މަންސައެއްގައި ދައްކާން ފަށައިފި ނަމަ، އެ ވާހަކަ އަވަހަކަށް ނުހުއްޓޭނެއެވެ. ފުޓުބޯޅައިގެ ތާރީޚު ދުށް އެންމެ "ޑެކަރޭޓެޑް" އެއް ކުޅުންތެރިޔަކީ އޭނާއެވެ. 2010 ވަނަ އަހަރުގެ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ އިތުރު ވަގުތުގައި، ނެދަރލޭންޑްސް ކޮޅަށް އޭނާ ޖެހި ރީތި ލަނޑުން، ސްޕޭން ފުރަތަމަ ފަހަރަށް ދުނިޔޭގެ ތަށި އުފުލައިލި ހަނދާނަކީ އަދި ހަމަ އިއްޔެގެ ހަނދާނެކެވެ.

އިނިއެސްޓާގެ ކާމިޔާބީތަކުގެ ލިސްޓަކީ ދިގު ލިސްޓެކެވެ. ދުނިޔޭގެ ތަށި ހޯދުމުގެ އިތުރުން، ޔޫރޯ 2008 އާއި 2012 ކާމިޔާބު ކުރި ސްޕޭނުގެ ޓީމުގެ މައި އެއް އިންޖީނަކީ އޭނާއެވެ. ޔޫރޯ 2012 ގެ ފައިނަލް މެޗުގެ މޭން އޮފް ދަ މެޗުގެ ޝަރަފުގެ އިތުރުން، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް އިނިއެސްޓާއެވެ. 2008 ވަނަ އަހަރު ވެސް، އަދި 2012 ވަނަ އަހަރު ވެސް ޔޫރޯ ޓީމް އޮފް ދަ ޓޯރނަމެންޓުގައި އޭނާ ހިމެނިފައި ވެއެވެ.

އުމުރުން 12 އަހަރުއްސުރެ، ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި، މިހާރު ޓީމުގެ ކެޕްޓަންކަން ވެސް ކުރާ އިނިއެސްޓާ އަކީ ބާސެލޯނާ އާއި ސްޕޭނުގެ ރީތި "ޓިކިޓާކާ" ފުޓުބޯޅައިގެ އެންމެ ކުޅަދާނަ "ޝޯވޕީސްތަކުގެ" ތެރެއިން ޝޯވޕީހެކެވެ. ދުނިޔޭގެ ކޯޗުންނާއި ފުޓުބޯޅައިގެ ތަޖުރިބާކާރުން އެންމެން އިއްތިފާގު ވާ ކަމަކީ، އިނިއެސްޓާ ކުޅޭތަން ފެނުމަކީ ލޮލަށް ލިބޭ ފިނިކަމެއް، އަދި ހިތަށް ލިބޭ ޝަޒާއެއް ކަމެވެ.

މެސުތު އޮޒިލް

  • އުފަން ތާރީޚު: 15 އޮކްޓޯބަރު 1988
  • ގައުމު: ޖަރުމަން
  • ކްލަބް: އާރސެނަލް
  • ގައުމީ ޓީމަށް ކުޅެން ފެށީ: 2009
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 72
  • ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު: 19
  • ޔޫރޯގައި ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 5
  • ޔޫރޯގައި ޖެހި ލަނޑުގެ އަދަދު: 1

މެސުތު އޮޒިލް، ނުވަތަ މަސްޢޫދު ޢުޒައިލަކީ ޖަރުމަނުގެ ޓީމުގައި ހިމެނޭ ތުރުކީ ދަރިކޮޅުގެ، މުސްލިމް ކުޅުންތެރިއެކެވެ. މި ފަހަރުގެ ޔޫރޯ ފެށުމުގެ ކުރިން ލިބުނު ޗުއްޓީގައި އޮޒިލް ވަނީ މައްކާއަށް ގޮސް ޢުމްރާގެ އަޅުކަން ވެސް އަދާ ކޮށްފައެވެ. އޮޒިލް އަކީ ދީނުގެ ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތާ، ނަމާދާއި ރޯދަ ފަދަ އަޅުކަންތައް ބަރާބަރަށް ކުރާ ކުޅުންތެރިއެކެވެ. އޭނާ ކުޅޭ ލީގުގެ މެޗުތައް ބަލާ މީހުންނަށް، ކޮންމެ މެޗެއްގެ ކުރީން، އޭނާ ދެއަތް އުފުލައިގެން ހުރެ ދުޢާ ކުރާ މަންޒަރު ފެންނާނެއެވެ.

2005 ވަނަ އަހަރުން ފެށިގެންޖަރުމަނުގެ ޝާލްކޭއަށް، އަދި ފަހުން ވާރޑަރ ބްރޭމަނަށް ކުޅުމަށް ފަހު، 2010 ގެ ވޯރލްޑް ކަޕުގައި އޭނާގެ މޮޅު ކުޅުން ޖަރުމަނު ޓީމުން ފެނުމާ އެކު، މަޝްހޫރު ރެއާލް މެޑްރިޑަށް އޮޒިލް ގެންދިޔައެވެ. މިހާރު އޮޒިލް ކުޅެނީ އިނގިރޭސި ލީގުގެ އާރސެނަލަށެވެ.

2014 ވަނަ އަހަރު ދުނިޔޭގެ ތަށި ކާމިޔާބު ކުރި ޖަރުމަނު ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށް ވާ އޮޒިލް އަކީ ދަނޑުމަތީގައި އާދަޔާ ޚިލާފު ވިސްނުންތޫނު ކުޅުންތެރިއެކެވެ. އޭނާ ޕާސްތައް ދޭ ގޮތާއި، ޓީމު ލައްވައި ކުޅުވާ ގޮތާއި، ލަނޑު ޖަހާނެ ފުރުސަތުތައް އުފައްދައިލާ ގޮތް ބަލަން ތިބޭ ބަޔަކު އަޖައިބު ވާން ޖެހެނީ މަދެއްކޮށް ނޫނެވެ. ރެއާލް މެޑްރިޑުގައި ހޭދަ ކުރި 3 އަހަރުގެ ތެރޭގައި، އޮޒިލް ވަނީ 159 މެޗުން، 27 ލަނޑު ޖަހައި، 81 ލަނޑަށް އެސިސްޓް ކޮށްދީފައެވެ. ޖަނަވަރީ 2016 އާ ހަމަޔަށް ރެކޯޑުތައް ހުރި ގޮތަށް ބަލާ އިރު، އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސް ކުޅުނު މެޗުގެ ނިސްބަތުން އެންމެ ގިނަ ލަނޑު ޖަހާން އެހީތެރި ވެދިން ކުޅުންތެރިޔަކީ އޮޒިލެވެ. އެހެންކަމުން އޭނާ މަޝްހޫރު ވެފައި ވަނީ "އެސިސްޓް ކިންގް" ގެ ނަމުންނެވެ.

ރޮބަރޓް ލެވެންޑޯސްކީ

  • އުފަން ތާރީޚު: 21 އޯގަސްޓް 1988
  • ގައުމު: ޕޮލެންޑް
  • ކްލަބް: ބެޔާރން މިޔުނިކް
  • ގައުމީ ޓީމަށް ކުޅެން ފެށީ: 2008
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 73
  • ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު: 34
  • ޔޫރޯގައި ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 3
  • ޔޫރޯގައި ޖެހި ލަނޑުގެ އަދަދު: 1

2015 ވަނަ އަހަރުގެ ބެލޯން ޑިއޯރ އެވޯޑުގައި 4 ވަނަޔަށް ދިޔަ ރޮބަރޓް ލެވެންޑޯސްކީ އަކީ ޕޮލެންޑާއި ޖަރުމަނުގައި، ފުޓުބޯޅަޔަށް ލޯބި ކުރާ އެތައް މިލިއަން ބައެއްގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދައިފައި ވާ ކުޅުންތެރިއެކެވެ. ޖަރުމަން ބުންޑަސްލީގާގައި، ބެޔާރން މިޔުނިކަށް ކުޅޭ ލެވެންޑޯސްކީ ވަނީ ނިމި ދިޔަ ސީޒަނުގައި އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، 9 މިނިޓުގެ ތެރޭގައި 5 ލަނޑު ޖަހައިގެން ޔޫރަޕުގެ ރެކޯޑެއް ގާއިމު ކޮށްފައެވެ. މިއީ އޭނާ ބެޔާރންގައި ހަދައިފައި ވާ އެތައް ރިކޯޑެއްގެ ތެރެއިން އެއް ރިކޯޑެވެ.

2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފުރަތަމަ ލަނޑުޖެހީ ލެވެންޑޯސްކީއެވެ. ޕޮލެންޑުގެ ޓީމަށް އޭނާ މި ލަނޑު ކާމިޔާބު ކޮށްދިނީ ގްރީސާ ދެކޮޅަށް، މުބާރާތުގެ ފުރަތަމަ މެޗުގައެވެ. ނަމަވެސް ގްރޫޕުގައި ދެން ކުޅުނު މެޗުތަކުގައި ލެވެންޑޯސްކީއަށް ލަނޑެއް ނުޖެހި، ޕޮލެންޑް ގްރޫޕް ސްޓޭޖުން ކެޓީއެވެ.

ޕޮލެންޑުގައި "ލުވީ" ގެ ނަމުން މަޝްހޫރު ވެފައި ވާ ލެވެންޑޯސްކީ އަކީ އެ ގައުމުގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ވީމާ އޭނާގެ މުހިއްމުކަން ޓީމަށް އޮތީ ކިހައި ވަރަކަށް ކަމާ މެދަކު ސުވާލެއް ވެސް ނެތެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، ދާދި އަވަސް މުސްތަގުބަލެއްގައި، ޕޮލެންޑުގެ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައި ވާ ލޮޑްޒިމިއަރ ލުބާންސްކީގެ 48 ލަނޑުގެ ރެކޯޑު ލެވެންޑޯސްކީ މުގުރައިލާނެއެވެ. އޭނާގެ ކިބައިގައި އެހައި ހުނަރު އެބަހުރި ކަމާ މެދަކު ޝައްކެއް ނެތެވެ. ޔޫރޯ ކޮލިފައިންގައި ވެސް ލެވެންޑޯސްކީ ވަނީ ޕޮލެންޑަށް 13 ލަނޑު ޖަހައިދީފައެވެ.

ވޭން ރޫނީ

  • އުފަން ތާރީޚު: 24 އޮކްޓޯބަރު 1985
  • ގައުމު: އިނގިރޭސި ވިލާތް
  • ކްލަބް: މެންޗެސްޓަރ ޔުނައިޓެޑް
  • ގައުމީ ޓީމަށް ކުޅެން ފެށީ: 2003
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 109
  • ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު: 51
  • ޔޫރޯގައި ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 6
  • ޔޫރޯގައި ޖެހި ލަނޑުގެ އަދަދު: 5

ވޭން ރޫނީ އަކީ އިނގިރޭސި ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އުމުރުން 17 އަހަރުގައި އިނގިރޭސި ޓީމަށް ކުޅެން ފެށި ރޫނީގެ ތަރި ވިދައިލައިގެން ދިޔައީ ޔޫރޯ 2004 ގައެވެ. އިނގިރޭސި ކްލަބް އެވަރޓަނުން ލީގަށް ތައާރަފު ވެ، އޭގެ ފަހުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އަކީ މިހާރު އިނގިރޭސި ޓީމުގެ ކެޕްޓަން ވެސް މެއެވެ.

ޔޫރޯ 2004 ގައި އިނގިރޭސި ޓީމު ފްރާންސާއި، ސްވިޓްޒަރލޭންޑާއި، ކްރޮއޭޝިޔާ އާ ދެކޮޅަށް ކުޅުނު މެޗުތަކުގައި މޭން އޮފް ދަ މެޗް ހޯދީ ރޫނީއެވެ. ނަމަވެސް ކުއާޓަރ ފައިނަލުގައި ޕޯރޗުގަލާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފައި ހަލާކު ވުމާ ގުޅިގެން މުބާރާތާ އަލްވަދާއު ކިޔާން ޖެހުނީއެވެ. 2008 ގައި އިނގިރޭސިން ޔޫރޯއަކަށް ކޮލިފައި ނުވެއެވެ. 2012 ވަނަ އަހަރު، ކުއާޓަރ ފައިނަލުން އިނގިރޭސިން ކެޓި އިރު، ރޫނީއަށް އެ ފަހަރު ކާމިޔާބު ކުރެވުނީ 1 ލަނޑެވެ.

އިނގިރޭސި ޓީމުގެ ކުރިޔަށް ކުޅެ، ހަމަލާގައި އިސް ނަގާނެ ކުޅުންތެރިންތަކެއްގެ ވާހަކަ ވަރަށް ގަދަޔަށް ދަނީ ދެކެވެމުންނެވެ. ޖެމީ ވާރޑީ އާއި ހެރީ ކޭން ފަދަ ކުޅުންތެރީންގެ ވާހަކައެވެ. ނަމަވެސް ތަޖުރިބާކާރުންގެ އެންމެން އެއްބަސް ވާ ގޮތުގައި، އަދިވެސް ރޫނީ އަކީ އިނގިރޭސި ޓީމަށް ކޮންމެހެން ބޭނުން ވާ، އެ ކުޅުންތެރިޔަކާ ނުލައި ނުވާނެ ކުޅުންތެރިޔެކެވެ. އެހެން ނުވާން ވީ ސަބަބެއް ނެތެވެ. 2015 ވަނަ އަހަރު އިނގިރޭސި ސްކޮޑް އެންމެ ފަހުން އިއުލާން ކުރެވުނު އިރު، ޓީމުގައި ހިމެނުނު ކުޅުންތެރީން ޖުމުލަ ޖަހައިފައި ވާ ލަނޑުގެ އަދަދަކީ 62 އެވެ. އޭގެ ތެރެއިން 51 ލަނޑަކީ ރޫނީ ޖަހައިދީފައި ވާ ލަނޑުތަކެވެ.

ތޯމަސް މުލަރ

  • އުފަން ތާރީޚު: 13 ސެޕްޓެންބަރު 1989
  • ގައުމު: ޖަރުމަން
  • ކްލަބް: ބެޔާރން މިޔުނިކް
  • ގައުމީ ޓީމަށް ކުޅެން ފެށީ: 2010
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 68
  • ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު: 31
  • ޔޫރޯގައި ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 5
  • ޔޫރޯގައި ޖެހި ލަނޑުގެ އަދަދު: 0

ތޯމަސް މުލަރ އަކީ ބެޔާރން މިޔުނިކް ވޭތު ވެދިޔަ 5 ވަރަކަށް އަހަރުގެ ތެރޭގައި ޖަރުމަނުގެ ލީގާއި ޔޫރަޕުގައި ހޯދަމުން އަންނަ ކާމިޔާބީތަކުގެ އެއް ސިއްރެވެ. ބެޔާރންގެ އެކަޑަމީން ތަމްރީނު ވި މުލަރ ޓީމަށް ކުޅޭން ފެށި 2008 ގައެވެ. އޭނާގެ ފުރަތަމަ ލަނޑު ފެނުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި، ބެޔާރނާއި ސްޕޯރޓިން ކްލަބް ޑި ޕޯރޗުގަލް ކުޅުނު މެޗެއްގައެވެ. 2010 ގެ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގައި އޭނާ ވަނީ އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓާއި، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހާސިލު ކޮށްފައެވެ. މިހައިތަނަށް އައި އިރު، މުލަރ ވަނީ ބެޔާރނާ އެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށް، ޖަރުމަނާ އެކު 2014 ގެ ދުނިޔޭގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފައެވެ. އެހެންކަމުން އޭނާ އަކީ ހަގީގީ ޗެމްޕިއަނެކެވެ.

2012 ވަނަ އަހަރުގެ ޔޫރޯގައި މުލަރގެ މޮޅު ކުޅުން ފެނިގެނެއް ނުދިޔައެވެ. ޖަރުމަން ސެމީ ފައިނަލުން ކެޓި އިރު، މުލަރ އަށް އެ މުބާރާތުގައި އެންމެ ލަނޑެއް ވެސް ނުޖެހެއެވެ. ހަތަރު އަހަރު ފަހުން ލިބޭ ދެވަނަ ފުރުސަތުގައި، އޭނާގެ އެންމެ ބޮޑު އުއްމީދަކަށް ވާނީ އެ މުބާރާތުގެ ހިތި ހަނދާންތައް ފިލުވައިލުން ކަން ޔަގީނެވެ.

އުމުރުން 26 އަހަރުގެ ތޯމަސް މުލަރ އަކީ، އޭނާ ފޯމުގައި ހުރެއްޖެ ނަމަ، އޭނާގެ ބަދަލުގައި ބޭނުން ކުރެވޭނެ އެ ވަރުގެ ކުޅުންތެރިޔެއް ޖަރުމަނުގައި ނެތް ފަދަ ކުޅުންތެރިއެކެވެ. ބޯޅަ ހިފައިގެން ދުވުމާއި، ކޮއްޓުމުގެ މާ ބޮޑު ހުނަރެއް ނެތަސް، އޭނާ ފާހަގަ ކޮށްލެވެނީ ޕެނެލްޓީ އޭރިޔާގެ ތެރޭގައި ނުރައްކާ ކުޅުންތެރިއެއްގެ ގޮތުގައެވެ. ނިންމައިލުން ބަރާބަރު، ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއް ވެސް މެއެވެ.

ގަރެތު ބޭލް

  • އުފަން ތާރީޚު: 16 ޖުލައި 1989
  • ގައުމު: ވޭލްސް
  • ކްލަބް: ރެއާލް މެޑްރިޑް
  • ގައުމީ ޓީމަށް ކުޅެން ފެށީ: 2006
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 54
  • ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު: 19
  • ޔޫރޯގައި ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 0
  • ޔޫރޯގައި ޖެހި ލަނޑުގެ އަދަދު: 0

2010 ވަނަ އަހަރު ފެށުނު ސީޒަނުގައި އިނގިރޭސި ކްލަބް ޓޮޓްންހަމް ހޮޓްސްޕަރޒް އިން ވިދައިލުމަށް ފަހު، ދުނިޔޭގެ ރެކޯޑު ޓްރާންސްފަރ ފީއަކަށް ރެއާލް މެޑްރިޑަށް ބަދަލު ވި ގަރެތު ބޭލް އަކީ ދުނިޔޭގައި މިހާރު ތިބި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރީންގެ ތެރެއިން ވެސް އެންމެ ކުރީ ސަފުގައި ހިމެނޭ ކުޅުންތެރިއެކެވެ. ހަމައެއާއެކު، ބޭލް ހިމެނެނީ ވޭލްސްގެ ގައުމީ ޓީމުގެ ތާރީޚުގައި، އެ ޓީމުގެ ރަން ޖީލުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމުގައެވެ.

2006 ވަނަ އަހަރު، ވޭލްސްގެ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިން އިރު، ބޭލްގެ އުމުރަކީ 16 އަހަރާއި 315 ދުވަހެވެ. ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހު، އޭނާ ގައުމީ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނެވެ. އެއީ ޔޫރޯ 2008 ގެ ކޮލިފައިން ބުރުގައި، ސްލޮވާކިޔާއާ ދެކޮޅަށެވެ. އެއާއެކު، އޭނާ ވެފައި ވަނީ ވޭލްސް އަށް ލަނޑު ޖަހައިދިން އެންމެ ހަނގު ކުޅުންތެރިޔާއަށެވެ. ކްރިސް ކޯލްމަންގެ ކޯޗުކަމުގައި ކުޅެމުން ދާ ވޭލްސްގެ ޓީމަށް، މި ފަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުގައި، ބޭލްސް ވަނީ ހަތް ލަނޑު ޖަހައިދީފައެވެ.

ވޭލްސްގެ ޓީމުގެ ހުރިހާ އުއްމީދުތަކެއް ގުޅިފައި ވާ ކުޅުންތެރިޔަކީ ބޭލް ކަމާ މެދަކު އެކަކުވެސް ދެބަހެއް ނުވާނެއެވެ. އިދިކޮޅަށް ކުޅޭ އެންމެ ވަރުގަދަ ޓީމުތައް ވެސް އޭނާ ދެކެ ޖެހިލުން ވެއެވެ. ދުނިޔޭގެ އެއްވެސް ޓީމެއްގައި، ބޭލްއަށް ފޫ އަޅުވައިނުލެވޭ ވަރުގެ ޑިފެންސެއް ނެތް ކަމީ ވެސް އެންމެން އެއްބަސް ވާ ހަގީގަތެކެވެ. އެހެންކަމުން، ބޭލްގެ ހުނަރާއި މޮޅު ކުޅުމާ އެކު، މި ފަހަރުގެ ސަޕްރައިޒިން ޓީމަކަށް ވޭލްސް ވުމަކީ ވެސް ދުރު ކަމެއް ނޫނެވެ.

ޕޯލް ޕޮގްބާ

  • އުފަން ތާރީޚު: 15 މާރިޗު 1993
  • ގައުމު: ފަރަންސޭސި ވިލާތް
  • ކްލަބް: ޔުވެންޓަސް
  • ގައުމީ ޓީމަށް ކުޅެން ފެށީ: 2013
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 26
  • ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު: 5
  • ޔޫރޯގައި ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 0
  • ޔޫރޯގައި ޖެހި ލަނޑުގެ އަދަދު: 0

2014 ވަނަ އަހަރުގެ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގައި، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނު ޕޯލް ޕޮގްބާ އަކީ ޔޫރަޕުގައި މިހާރު އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔާއެވެ. އޭނާ ގަންނާން ބޭނުން ނުވާ ބޮޑު ކުލަބެއް ނެތެވެ. އެތައް ކުލަބެއް ތިބީ ދުނިޔޭގެ ރެކޯޑު ފީއަށް ނަމަވެސް އޭނާ ގެންނާން ބޭނުން ވެފައެވެ. އޭގެ ތެރޭގައި ބާރސެލޯނާ އާއި މެންޗެސްޓަރ ޔުނައިޓެޑް ފަދަ ޓީމުތައް ހިމެނެއެވެ. ޔޫރޯ 2016 ގައި ފަރަންސޭސި ޓީމުގެ އެންމެ މުހިއްމު އެއް ތަނބަކަށް ވާނީ ޕޮގްބާއެވެ.

2013 ވަނަ އަހަރުގެ ދުނިޔޭގެ 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް ފަރަންސޭސިން ކާމިޔާބު ކުރި އިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ ވެސް ޕޮގްބާއެވެ. ވިސްނުން ތޫނު، ވަރުގަދަ މިޑްފީލްޑަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވާ ޕޮގްބާ އަކީ މެޗެއްގައި އޭނާގެ ޓީމަށް ކޮންޓްރޯލް ހޯދައިދިނުމުގައި އާދަޔާ ޚިލާފު ކުޅަދާނަކަމެއް ދައްކައިދެމުން ދާ ކުޅުންތެރިއެކެވެ. ޑިފެންސްލައިން ހިމާޔަތް ކޮށްދިނުމުގެ ރޯލު އޭނާ އަދާ ކުރާ ގޮތަށް އަދާ ކުރެވޭ ކުޅުންތެރިޔަކު މަދެވެ. އޭނާގެ ފޯމު ރަނގަޅު މިންވަރުގައި ހުރެއްޖެ ނަމަ، ފަރަންސޭސި ޓީމަށް ކޮންމެ ޓީމަކާ ދެކޮޅަށް ވެސް މާބޮޑު ހާސްކަމަކާ ނުލައި ކުޅެވިދާނެއެވެ.

އުމުރުން އެންމެ 22 އަހަރުގެ ޕޮގްބާ އަކީ ފުރާފުރިހަމަ ފުޓުބޯޅަ ކުޅުންތެރިޔެއް ކަމަށް ބުނެވެއެވެ. ދިފާއީ މިޑްފީލްޑަރެއްގެ ރޯލުގެ އިތުރުން، ހަމަލާގައި ވެސް އޭނާއަކީ ވަރަށް ނުރައްކާތެރި ކުޅުންތެރިއެކެވެ. ޕާސިންގ ރަނގަޅު، މަތިން އަންނަ ބޯޅަތަކަށް ކުޅަދާނަ، ޖިސްމާނީ ގޮތުން އާދަޔާ ޚިލާފަށް ވަރުގަދަ ކުޅުންތެރިއެކެވެ. "ދަ ކޮމްޕްލީޓް މިޑްފީލްޑަރ" ގެ ގޮތުގައި އޭނާ ސިފަ ކުރެވެނީ ސަބަބެއް ނެތިއެއް ނޫނެވެ.

ޒްލަޓާން އިބްރަހިމޮވިޗް

  • އުފަން ތާރީޚު: 3 އޮކްޓޯބަރު 1981
  • ގައުމު: ސްވިޑްން
  • ކްލަބް: އެންމެ ފަހުން ކުޅުނީ ޕީއެސްޖީއަށް
  • ގައުމީ ޓީމަށް ކުޅެން ފެށީ: 2001
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 112
  • ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު: 62
  • ޔޫރޯގައި ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 10
  • ޔޫރޯގައި ޖެހި ލަނޑުގެ އަދަދު: 6

އުމުރުން 34 އަހަރުގައި ވެސް، ޒްލާޓަން އިބްރަހިމޮވިޗްގެ ކިބަޔަކުން ބަލިކަށިކަމެއް ނުފެނެއެވެ. އެންމެ ޒުވާން، ގަދަފަދަ ޑިފެންޑަރުންނަށް ވެސް އޮންނަނީ ގިނަ ފަހަރު އޭނާ ނުއޮބެހެއްޓިފައެވެ. ދިހަ ފަހަރު އޭނާ ވަނީ ސްވިޑްންގެ ގައުމީ އެވޯޑުގައި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. ހަމައެހެންމެ، 62 ލަނޑާ އެކު، އޭނާ އަކީ ސްވިޑްންގެ ޓީމަށް މިހައިތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ ވެސް މެއެވެ. އަމިއްލަ ގައުމުގައި ބަތަލެއްގެ ދަރަޖަ ލިބިފައި ވާ އިބްރަހިމޮވިޗް، އޭނާގެ އަމިއްލަ ހަޔާތުގެ މައްޗަށް ލިޔުނު ފޮތުގެ 830000 ކޮޕީ ސްވިޑްންގައި ވިކުނު ކަމީ ވެސް އޭނާއަށް އޮތް މަގުބޫލުކަމުގެ ވަރުގަދަ ހެއްކެކެވެ.

ކުޅޭ ކޮންމެ ގައުމެއްގައި މެ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާ އިބްރަހިމޮވިޗްގެ ކާމިޔާބީތައް ނެދަރލެންޑްސް އާއި، އިޓަލީ އާއި، ސްޕޭނާއި، ފްރާންސްގައި ވެސް ވަނީ ފެނިގެން ގޮސްފައެވެ.

ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި އިބްރަހިމޮވިޗް ފުރަތަމަ ކުޅުނީ، 2002 ވަނަ އަހަރުގެ ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގައެވެ. ޔޫރޯ 2004 ގައި އޭނާ ޓީމުގައި ފުލްކޮށް ކުޅެ، ބުލްގޭރިޔާ އާއި އިޓަލީ އާ ދެކޮޅަށް އޭނާ މޮޅު ކުޅުމެއް ދެއްކިއެވެ. އިޓަލީ ކޮޅަށް އޭނާ ޖެހި ލަނޑަކީ އަދިއަދަށް ދާންދެން ވެސް މަޝްހޫރު ލަނޑެކެވެ. ނަމަވެސް އެ ފަހަރުގެ މުބާރާތުން ސްވިޑްން ކެޓީ، ކުއާޓަރ ފައިނަލުގައި މެޗު އެއްވަރު ވެ، ޕެނަލްޓީގައި އިބްރަހިމޮވިޗް ޖެހި ޕެނަލްޓީ ނުވަނުމުންނެވެ. 2008 އާއި 2012 ގައި ވެސް ސްވިޑްން އަކަށް ގްރޫޕް ސްޓޭޖަކުން ސަލާމަތެއް ނުވެވުނެވެ. ދެން އޮތީ މި ފަހަރެވެ. ޔަގީން ވާ ކަމަކީ، އިބްރަހިމޮވިޗް ފޯމުގައި ހުރެއްޖެ ނަމަ، ސްވިޑްން ހުއްޓުވާކަށް އެއްވެސް ޓީމަކަށް ފަސޭހަ ނުވާނެ ކަމެވެ.

މެނުއެލް ނޮއުޔަރ

  • އުފަން ތާރީޚު: 27 މާރިޗު 1986
  • ގައުމު: ޖަރުމަން
  • ކްލަބް: ބެޔާރން މިޔުނިކް
  • ގައުމީ ޓީމަށް ކުޅެން ފެށީ: 2009
  • ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 64
  • ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު: 0
  • ޔޫރޯގައި ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 5
  • ޔޫރޯގައި ޖެހި ލަނޑުގެ އަދަދު: 0

މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ގޯލް ކީޕަރަކީ ކާކުތޯ އަހައިފި ނަމަ، ވަރަށް ގިނަ ބައެއްގެ ޖަވާބަކަށް ވާނީ ޖަރުމަނުގެ މެނުއެލް ނޮއުޔަރ އެވެ. 2014 ވަނަ އަހަރުގެ ދުނިޔޭގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި ޖަރުމަން ޓީމުގެ ގޯލު ބަލަހައްޓައި، މުބާރާތުގެ އެންމެ މޮޅު ކީޕަރަށް ދޭ "ގޯލްޑަން ގްލަވް" ހާސިލު ކުރި ނޮއުޔަރ އަކީ ފުޓުބޯޅައިގެ ތާރީޚު ވެސް ދުށް އެންމެ މޮޅު އެއް ގޯލްކީޕަރު ކަމަށް ތަޖުރިބާކާރުން އެއްބަސް ވެއެވެ.

2014 ވަނަ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ނޮއުޔަރ ވާދަ ކުރިއެވެ. އޭނާއަށް ވުރެ މަތީން ޕޮއިންޓު ލިބުނު ހަމައެކަނި ދެ ކުޅުންތެރީންނަކީ ލަޔަނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޔޫރޯ 2016 އަށް ޖަރުމަނު ޓީމު އަންނަ އިރު، ޓީމުގެ އެންމެ މުހިއްމު އެއް ތަނބަކަށް ވާނީ އޮޅުމެއް ނެތް ގޮތުގައި ނޮއުޔަރއެވެ. އޭނާ އަކީ އޭނާގެ ޑިފެންޑަރުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

ނޮއުޔަރގެ ކެރިއަރު ފެށީ ޖަރުމަން ލީގުގެ ޝާލްކޭ އިންނެވެ. 1991 އިން 2004 އަށް ޝާލްކޭގެ ޔޫތު ޓީމަށް ކުޅުމަށް ފަހު، 2004 ގައި އޭނާ ޝާލްކޭގެ ސީނިއަރ ޓީމަށް ކުޅޭން ފެށިއެވެ. އޭނާ ބެޔާރން މިޔުނިކަށް ބަދަލު ވީ 2011 ވަނަ އަހަރުއެވެ. ޖަރުމަނުގެ ގައުމީ ޓީމަށް ކުޅޭން ފެށީ 2009 ގައެވެ.

comment ކޮމެންޓް