ރާއްޖެ އާއެކު 24 ގައުމަކަށް ޔޫއޭއީ އިން 337 ޓަނުގެ ކަދުރު ފޮނުވައިފި

ޚަލީފާ ފައުންޑޭޝަނުން މީގެ ކުރިން ބެހި ކަދުރު ފޮށިގަނޑު ތަކެއް ކައިރީގައި ކުޑަ ކުދިންތަކެއް ހުއްޓިލައިގެން ---

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ރައީސް ޚަލީފާ ބިން ޒައިދް އަލް ނަހްޔާންގެ ޚަލީފާ ބިން ޒައިދު އަލް ނަހްޔާން ފައުންޑޭޝަން (ޚަލީފާ ފައުންޑޭޝަނުން) އިން ރާއްޖެއާއެކު 24 ގައުމަކަށް 377 ޓަނުގެ ކަދުރު ފޮނުވައިފި އެވެ.

ޚަލީފާ ފައުންޑޭޝަންއާ ހަވާލާދީ އެމިރޭޓްސް7/24 ގައި ބުނީ، އެ ކަދުރުތައް ގައުމުތަކަށް ފޮނުވާފައިވަނީ ޔޫއޭއީގެ ރައީސް އާއި ޔޫއޭއީގެ ކްރައުން ޕްރިންސް އަދި ޔޫއޭއީގެ އަސްކަރިއްޔާގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ ގެ އިތުރުން ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި މިނިސްޓަރު އޮފް ޕްރެސިޑެންޝިއަލް އެފެއާޒް އަދި ޚަލީފާ ފައުންޑޭޝަންގެ ޗެއާމަންގެ ބެލުމުގެ ދަށުން ކަމަށެވެ.

ޚަލީފާ ފައުންޑޭޝަނުން މިއަދު ބުނީ، 24 ގައުމަކަށް ކަނޑުމަގުންނާއި ވައިގެ މަގުން 377 ޓަނުގެ ކަދުރު ފޮނުވާފައިވަނީ ދަތި ހާލުގައި އުޅޭ މީހުންގެ ހާލަތު މި ރޯދަ މަހު ރަނގަޅު ކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ޚަލީފާ ފައުންޑޭޝަނުން ކަދުރު ފޮނުވި ގައުމުތަކުގެ ތެރޭގައި ހިމެނެނީ މިސްރު، ބަހްރެއިން، މޮރޮކޯ، ލެބަނަން، ޕާކިސްތާން، އިންޑިއާ، ބަންގާޅުގެ އިތުރުން މެލޭޝިއާ، ތަންޒޭނިއާ، ރާއްޖެ، އުޒްބެކިސްތާން، ޖަޕާން، ތުރްކެމިސްތާން، ކަޒިކިސްތާން، ބެލަރުސް އަދި ސާބިއާ އެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ބެލަރުސް، ސާބިއާ، އަޔަލޭންޑް، ސްޕެއިން، ޕޯޗުގަލް، ސްވިސް، ޖަރުމަން، އިޓަލީ އަދި އެމެރިކާ ހިމެނެ އެވެ.

ޚަލީފާ ފައުންޑޭޝަނުން ބުނީ، އެ ކަދުރުތައް ބަހާނީ އެގައުމެއްގައި ހުރި އެމްބަސީ މެދުވެރިކޮށް ކަމަށެވެ.

ގައުމުތަކަށް ކަދުރު ފޮނުމުގެ އިތުރުން ޚަލީފާ ފައުންޑޭޝަނުން ވަނީ އިންޑޮނޭޝިއާގެ ޖަކާޓާގައި ހުންނަ ޔޫއޭއީގެ އެމްބަސީއާ ގުޅިގެން 2000 މީހުންނަށް ރޯދަ ވިއްލުމެއް ދީފައެވެ.

comment ކޮމެންޓް