މުއްރަތުގެ މަރުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ ވަކީލު ގިނަ ނުކުތާތަކެއް ފާހަގަކޮށްފި

މީގެކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމަކަށް ފަހު މުއްރަތު ކޯޓުން ނެރެނީ -- ސަންފައިލް ފޮޓޯ

ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލުމުގެ ކުށުގައި މ. މަސްރޫރާ އަހްމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށް ކުރި ހުކުމް ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ބުނެ މުއްރަތުގެ ވަކީލު ގިނަ ނުކުތާތަކެއް ފާހަގަކޮށްފި އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަޖީބު އަވަހާރަކޮށްލިކަން ޝަރީއަތަށް ސާބިތުވެ، މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. އުހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ އަހަރު މެއި މަހުގެ 31 ވަނަ ދުވަހު އެވެ.

ހައިކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއްކަމަށް ކަނޑައެޅުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި މުއްރަތުގެ ވަކީލު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މުއްރަތުގެ މައްސަލައިގެ ޝަރީއަތް ހިންގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން މައްސަލާގައި ލިބޭ ކުށް ރަނގަޅަށް ސާފުކޮށްނުދީ މައްސަލަ މައްސަލައިގެ ދައުވާ އޮޅޭ ގޮތަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ވާހަކަ ދައްކާފައިވާ ކަމަށް މުއްރަތުގެ ވަކީލު ވިދާޅުވި އެވެ.

ރާއްޖެ ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށްވާ އައިސީސީޕީއާރު މުއާހަދާއާ ހަވާލާދީ މުއްރަތުގެ ވަކީލު ވިދާޅުވީ ދައުވާ ސާފުކޮށްދޭން ޖެހޭނެ ކަމަށް އެ މުއާހަދާގައި ބުނެފައިވާ ކަމަށެވެ.

އޭގެ އިތުރުން އެމައްސަލާގައި ވަށައިގެންވާ ކަންކަމަށް ފުރިހަމަ ރިއާޔަތް ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އެގޮތުން މުއްރަތުގެ މަންމަ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ފުލުހުން މަސްރޫރާގެ ބަލައި ފާސްކުރަން ދިއުމުގެ ކުރިން ރީދޫ ކުލައިގެ އަތްކުރު ޓީޝާޓެއް ލައިގެން ހުރި މީހަކު ފެނުނުކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެކަން ތަހުގީގުކޮށްފައި ނުވާ ކަމަށް ވަކީލު ވަނީ ވިދާޅުވެފަ އެވެ.

އެހުރިހާ ކަމަކަށް ބަލާއިރު މުއްރަތުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ވަކީލު ވިދާޅުވި އެވެ.

މުއްރަތުގެ ވަކީލު ފާހަގަކުރި ނުކުތާތަކަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މައްސަލަ ހުށަހަޅަމުން ދައުލަތުން އެ ދައުވާ އަކީ ކޮބައިކަން ސާފުކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް އެދައުވާއާ ގުޅިގެން އަންނަނީ ކޮން އަދަބެއްކަން ދައުލަތުން ސާފުކޮށްދޭން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. މައްސަލަ ހުށަހަޅާއިރު އޭނާގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ބަލައި ދައުލަތުން އެމީހެއްގެ މައްޗަށް އަންނާނެ އަދަބެއް ކަނޑައެޅުމަކީ ކުރަންޖެހޭނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބައްލަވައި އެ މައްސަލައިގެ އަޑުއެހުން މިއަދު ނިންމާލާފައި ވާނީ ދެން އަޑުއެހުން އޮންނާނެ ދުވަހެއް އިއުލާނު ނުކޮށެވެ.

ތޫނު އެއްޗަކުން ހަމަލާދީ ނަޖީބު މަރާލި ކަމަށް އިއުތިރާފުވަމުން ކްރިމިނަލް ކޯޓުގައި މުއްރަތު ބުނެފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ.

ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ އަވަހާރަކޮށްލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ.

މުއްރަތާ އެކު އޭނާގެ ކުރީގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

comment ކޮމެންޓް