މަސްވެރިން ބުނަނީ ހަފްތާއެއްގެ ތެރޭ މަހުގެ އަގު އުފުލޭނެ ކަމަށް!

މަސްވެރިންތަކެއް މަސްމާރުކޭޓު ބޭރުގައި: ފަރުމަހުގެ ބާވަތްތައް ވެސް މާރުކޭޓުގައި މަދު-- ފޮޓޯ/ އޭޕީ

މަހުގެ އަގު މިވަގުތު ދަށް ނަމަވެސް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ މަހުގެ އަގުތައް މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށް މަސްވެރިން ބުނެފި އެވެ.

އެހެން ރޯދަ މަސްތަކާ އަޅާ ބަލާއިރު، މިފަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެތިން ދުވަހު މަހުގެ އަގުތައް ދަށެވެ. ކަންނެލި، ރާގޮނޑި، ކަޅުބިލަމަސް މާރުކޭޓަށް އަރުވާފައިވާއިރު، ލައްޓި އެއްގޮތަކަށް ވެސް މާރުކޭޓުގައި ނެތެވެ.

ގާތްގަނޑަކަށް ތިން ކިލޯގެ ބަރުދަން ހުންނަ ވަރުގެ ކަޅު ބިލަމަހެއް 50 ރުފިޔާ އަށް ކިލޯއެއް ހުރިއިރު، ފޫޓެއް ހަމަވާވަރުގެ ކަންނެލިމަހެއް އުޅެނީ ގާތްގަނޑަކަށް 75 ރުފިޔާ ކިލޯއަކަށެވެ.

ފަޅާފައި ހުރި އާދައިގެ ކަންނެލި މަސްބުރިއެއް 90 ރުފިޔާއަށް ލިބެން ހުރިއިރު، ފޫޓެއް ހުންނަވަރުގެ ކަޅުބިލަމަހެއް ހަތަރުފަޅިއަށް ފަޅާލާފައި ފަޅިއެއް ވިއްކަނީ 30 ރުފިޔާ އާއި 40 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އަދި މުށިމަހެއް 10 ރުފިޔާއަށް ހުރިއިރު، ރެހި ޖޯޑެއްގެ އަގު އުޅެނީ 15 ރުފިޔާ އަށެވެ.

ފަރުމަހުގެ ބާވަތްތަކަށް ބަލާލާއިރު ފަރުމަހުގެ ބާވަތްތައް މަސް މާރުކޭޓުގައި މަދުކަން ފާހަގަކުރެވެ އެވެ. އެގޮތުން ރަތްމަސް، ގިއުޅު، ގިނިމަސް، ހަނދި އަދި ބޯވަ ފަދަ މަސްތައް ބާޒާރުގައި ވިއްކާކަށް ނެތެވެ.

މަސް މާރުކޭޓުގައި މަސް އަތުރާފައި: ހަފްތާއެއްގެ ތެރޭ މަސްވެރިކަން ދަށްވެ، މަހުގެ އަގު އުފުލޭނެ ކަމަށް މަސްވެރިން ބުނޭ--- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މަސް މާރުކޭޓުގައި މަސްވިއްކަން ތިބި ބައެއް މަސްވެރިންނާ ވާހަކަ ދައްކާލުމުން މަސްވެރިން ބުނީ "މަސްވެރިކަން މިވަގުތު އާދައިގެ ވަރެއް"ގައި ހުރި ކަމަށެވެ. ނަމަވެސް މީގެ ހަފްތާއެއްހާ ކުރިއާ އަޅާ ބަލާއިރު މަސްވެރިކަން މިހާރު ދަށަށް ގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު މަސްވެރިކަން އިތުރަށް ދަށަށް ހިނގައިދާނެ ކަމަށެވެ.

އެގޮތުން މަސްވެރިކަން ދަށަށް ދިއުމުން މަހުގެ އަގު އުފުލޭނެ ކަމަށް މަސްވެރިން ބުނެ އެވެ.

މިދިޔަ އަހަރު ރޯދަމަހުގެ ފުރަތަމަ ހަފްތާއާ އަޅާ ބަލާއިރު މިއަހަރު އަދި މަހުގެ އަގު ހުރީ ދަށުގަ އެވެ. މިދިޔަ އަހަރު ފެށުނު އިރު، އާދައިގެ ކަންނެލި ކިލޯއެއް ވެސް ވިއްކީ 200 ރުފިޔާއަށް ކިލޯއެކެވެ.

comment ކޮމެންޓް