ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އެމަނިކުފާނުގެ ދެ ބޮޑީގާޑުން ކަމުގައިވާ ލ. ދަނބިދޫ، އަފްޒާ އަހްމަދު އާމިރާއި މއ. ސިގްމާ ހަސަން ރިކާޒް -- ސަން ފައިލް ފޮޓޯ

ރައިސުލްޖުމްހޫރިއްޔާ އަބްދުލް ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އެމަނިކުފާނުގެ ކުރީގެ ދެ ބޮޑީގާޑުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

އެ މައްސަލާގައި ދައުވާ އުފުލި އަދީބުގެ ދެ ބޮޑީގާޑުންނަކީ މއ. ސިގްމާ ހަސަން ރިކާޒާއި ލ. ދަނބިދޫ އަފްޒާ އަހުމަދު އާމިރުގެ މައްޗަށެވެ.

މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގައި ވަނީ އެ މައްސަލައިގެ ފަހު އަޑުއެހުމުގައި ދައުލަތުންނާއި އަދީބާއި އެމަނިކުފާނުގެ ކުރީގެ ދެ ބޮޑީގާޑުންގެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ.

ގައުމީ ސަލާމަތަށްތަކައި ކަމަށް ބުނެ މިއަދުގެ އަޑުއެހުން ސިއްރުކޮށްފައިވާތީ އަޑުއެހުމުގައި ހިނގި ކަންތައްތަކެއް ނޭނގެ އެވެ.

އެ އަޑުއެހުމަށް ނޫސްވެރިންނާއި އާންމު ރައްޔިތުން ވަނުމުން ގައުމީ ސަލާމަތަށް ނުރައްކާވަނީ ކިހިނަކުން ކަމެއް ނުވަތަ ކީއްވެގެން ކަމެއް ކްރިމިނަލް ކޯޓުން ނުބުނެއެވެ.

އަދީބު ވިދާޅުވެގެން އައިއީޑީއެއް ތައްޔާރު ކުރި ކަމަށް ބުނާ ސިފައިންގެ މީހާގެ ހެކިބަސް ނެގި އަޑުއެހުމަށް ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް ވެސް ވަދެވުނެވެ.

ސިއްރުން ހެކި ބަސް ދިން ސިފައިންގެ މީހާ ބުނެފައި ވަނީ އަދީބުގެ އެދިވަޑައިގަތުމަށް އޭނާ އައިއީޑީއެއް ތައްޔާރުކޮށް އެމަނިކުފާނާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އެއައިއީޑީ ތައްޔާރު ކުރީ ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެޕާޓުމެންޓުގައި އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެއައިއީޑީ ތައްޔާރު ކުރަނީ ގަލްފް ކްރާފްޓް ލޯންޗެއް ގޮއްވާލަން ކަމަށް އަދީބު ވިދާޅުވި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ލޯންޗުކޮޅު ހާދިސާއަށް ފަހު ފޯނުން ގުޅުއްވައި އޭގައި ގޮވީ އޭނާ ތައްޔާރުކޮށްދިން އައިއީޑީ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ވެސް ސިއްރުން ހެކި ބަސް ދިން އެސިފައިންގެ މީހާ ވަނީ ބުނެފަ އެވެ.

ލޯންޗުކޮޅު ހާދިސާއަށް ފަހު އޭނާ އަށް ގުޅުއްވައި ސައިލެންޓުކޮށް ހުރުމަށާއި ފުލުހުން ތިމަން މަނިކުފާނޭ ކިޔައިގެން ސުވާލު ކުރިޔަސް ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ރައްޓެހިކަމަކީ ހަވާއެރުވުމުގެ ކަންތަކާ ގުޅިގެން އުފެދިފައިވާ ރަހުމަތްރެރިކަމެއް ކަމަށް ފުލުހުން ގާތު ބުނުމަށް އަދީބު އެދިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ސިފައިންގެ އެމީހާއަށް އިޝާރާތްކޮށް އޭނާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އެއީ ފިނިފެންމާ ކަންތަކާ ގުޅުމެއް އޮތް މީހެއް ނޫން ކަމަށް ފޯނުން ގުޅުއްވައި އަދީބު ވިދާޅުވި ކަމަށް ދެ ފުލުހަކު ވަނީ ސިއްރުން ހެކިބަސް ދީފަ އެވެ.

comment ކޮމެންޓް