އޭޝިއަން ކަޕް 2019 ކޮލިފައިންގެ ޕްލޭ އޯފް ދެވަނަ މެޗަށް ގައުމީ ޓީމް މިރޭ ނިކުންނަ އިރު ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ގަތަރުން ޕްރެކްޓިސް ކުރާނެ ދަނޑެއް ހަމަ ނުޖެހި ގިނަ އިރުތަކެއް ވުން ކަމަށް އެސިސްޓެންޓް ކޯޗު އިސްމާއިލް މަޚްފޫޒް(އިންމް) ބުނެފި އެވެ.
ޕީއެސްއެމް އަށް ދިން އިންޓަވިއު އެއްގައި އިންމަ ބުނީ މިދިޔަ އާދިއްތަ ދުވަހު ޓީމް ގަތަރުގެ ދޯހާގައި ކޭމްޕް ކޮށްފައިވީ ނަމަވެސް ޕްރެކްޓިސް ކުރާނެ ދަނޑެއް ހަމަޖެނުނީ ރޭގައި ކަމަށާއި ނަމަވެސް އެ ލިބުނު އެއް ގަޑިއިރު ތެރޭގައި ވެސް ޓީމް އެންމެ ފުރިހަމަ އަށް ތައްޔާރު ކުރާނެ ކަމަށެވެ.
"ޓީމާ އެކުގައި މި ކޮޅު ޕްރެކްޓިސް ކޮށްލަން މި ލިބުނީ ގަޑިއެއްހާ އިރު. އެ އެއްގަޑިއިރު ބޭނުން އެންމެ ފުރިހަމައަށް ހިފައި މި ބެލީ ޓީމެއްގެ ގޮތުގައި ކުޅެން،" އިންމަ ބުންޏެވެ.
އިންމަ ބުނީ ޕްރެކްޓިސް ކުރާނެ ގޮތެއް ހަމަ ނުޖެހުމުން އިއްޔެ ޓީމްގޮވައިގެން ހަރަކާތް ތެރިވެފައި ވާނީ ހޮޓަލްގައި ހުންނަ ޖިމްގައި ކަމަށެވެ.
ޔަމަންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގައި މެޗު ނުކުޅެވުމުން ގަތަރުގައި އެ މެޗު ކުޅޭ އިރު ހޯމް އެޑްވާންޓޭޖް ޔަމަނަށް ނުލިބޭނެ އިރު އެ ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރާއްޖޭގައި ކުޅުނު މެޗު 2-0ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައި ވުމެވެ.
ގައުމީ ޓީމްގެ ކޯޗު ކަމުން ނިއުޒިލޭންޑްގެ ރިކީ ހާބަޓް ވަކިކުރުމުން އެސިސްޓެންޓް ކޯޗެއްގެ ގޮތިގައި ހުރި އިންމަ ޓީމާއި ހަވާލުވެ މިރޭގެ މެޗަށް ނިކުންނަ ތައްޔާރުވަމުންދާ އިރު އޭނާ ބުނީ ދެ ގޯލުގެ ފަރަގަކާއި އެކު ފަހަތުގަ އޮތުމުން ކޮންމެވެސް ވަރަކަށް އުނދަގޫ ވާނެ ކަމަށާއި ނަމަވެސް އުންމީދު ކަނޑާނުލާނެ ކަމަށެވެ.
މިރޭގެ މެޗަށް ގައުމީ ޓީމް ނިކުންނަ އިރު އަނިޔާގައި ހުރިކަމަށް ބުނާ އަލީ އަޝްފާގު(ދަގަނޑޭ) ޓީމާ އެކު ގަތަރަށް ގޮސްފައި ނުވާއިރު އެންމެ ފަހުން މާލޭގައި ކުޅުނު މެޗުގައި ނޭވާ އަށް އުނދަގޫވެ ވަގުތުން ހޮސްފަތާލަށް ގެންދިޔަ މުހައްމަދު ރަޝީދު(ހޮކޭ) ވެސް ހުރީ މާލޭގަ އެވެ. ނަމަވެސް މިހާރު އޭނާގެ ހާލު މުޅިން ރަނގަޅުވެ ހޮސްފަތާލުން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
ދަގަނޑޭ އާއި ހޮކޭގެ އިތުރުން ޒުވާން ޑިފެންޑަރު އަމްދާން އަލީ(އެންޑީ) ވެސް ޓީމާ އެކު ގޮސްފައެއް ނުވެ އެވެ.