ކިތަންމެ ޕްރެޝަރެއް ކުރިޔަސް ގޭންގުތަކާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން: އުމަރު

ހޯމް މިނިސްޓަރު އުމަރު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ: ގޭންގުތަކާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ވިދާޅުވި.

ގޭންގުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ލިބެމުން އަންނަ ކަމަށާއި ކިތަންމެ ޕްރެޝަރެއް ކުރިޔަސް ކުރަމުންދާ މަސައްކަތް ހުއްޓައެއް ނުލާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިރޭ ސަން އަށް ވިދާޅުވީ އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާ އަށް ވަފާތެރިވާން ހުވާކޮށްގެން ހުރި މިނިސްޓަރެއް ކަމަށެވެ. އެހެންކަމުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ޕްރެޝަރު އެބަހުރި ހުރިހާ ފަރާތަކުން ވެސް. ކިތަންމެ ޕްރެޝަރެއް ހުއްޓަސް އެއްވެސް ޕްރެޝަރަކަށް ދީލާނުލާނަން އަޅުގަނޑެއް. ސީދާ ރައީސުލްޖުމްހޫރިއްޔާގެ ކްލިއާ އިންސްޓްރަކްޝަން އަޅުގަނޑަށް ނެތްހާ ހިނދަކު އަޅުގަނޑު ދަތުރުކުރާނީ އަޅުގަނޑު ދަތުރުކުރާ މަގުގައި. އަޅުގަނޑު ހުވާކޮށްގެން މިހުރީ ރައީސުލްޖުމްހޫރިއްޔާ އަށް ވަފާތެރިވާން،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ ގޭންގުތަކާ ދެކޮޅަށް އޭނާ ކުރަމުންދާ މަސައްކަތާ ގުޅިގެން އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ދާދިފަހުން ބަޔަކު މަސައްކަތް ކޮށްފި ކަމަށެވެ. ނަމަވެސް "އެއްއަތް ފުރަގަހަށް ބަނދެފައި އަނެއްއަތުން ކުރަންޖެހުނަސް" އެ މަސައްކަތް ކުރާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"ވަކި ބައެއް ނުދަންނަވާނަން. ބަޔަކު މަސައްކަތްކޮށްފި އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ވައްދަން. ގޭންގުތަކާ ދެކޮޅަށް ކުރަމުން މިދާ މަސައްކަތާ ގުޅިގެން. އެކަމަކު އެހެން ނަމެއްގައި ވައްދަން މިއުޅެނީ. އެއީ އަޅުގަނޑަށް އަމަންއަމާންކަން ނުބެލެހެއްޓޭތީއޭ ކިޔާފަ. މިކަމަށްޓަކައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާ ވެސް ވާހަކަދެކެވުނު. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާ ވެސް ވާހަކަދެކެވުނު. އެކަން އެބައޮތް އަޅުގަނޑަށް ސާފުކޮށް އެނގެން،" އުމަރު ވިދާޅުވި އެވެ.

ގޭންގުތަކުގައި ހަރަކާތްތެރިވާ މީހުންގެ ފައިގައި ޓެގް އެޅުވެނީ ހައިކޯޓުން ނެރޭ މޮނިކޮން އަމުރެއްގެ ދަށުންނެވެ. އެއީ އެމީހުން މޮނިޓަކޮށް ކޮންޓްރޯލް ކުރުމަށްޓަކައި ކުރާ ކަމެކެވެ. ފުލުހުންނަށް އެފަދަ އަމުރަކަށް ހައިކޯޓުގައި އެދެވޭނީ ހޯމް މިނިސްޓަރު އެފަދަ އެންގުމެއް ފުލުހުންނަށް އެންގުމުންނެވެ. އެއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރަށް ލިބިގެންވާ ބާރެކެވެ.

comment ކޮމެންޓް