ކައިޓް ސާފިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ނެދަލެންޑްސްގެ ޔޫރީ ޒޫންގެ ހުނަރުވެރި ހަރަކާތްތަކަކާއެކު ކ. މާފުށީގައި 'ރާޅު ގުޑި' ކުލިނިކް ފަށައިފި އެވެ.
މާފުށީ ޑައިވް އެންޑް ވޯޓާ ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން މިއަދު ފެށި ކައިޓް ސާފިން ކުލިނިކު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އެ ހަރަކާތް މިއަދު ފެށުމުގެ ގޮތުން ޔޫރީ ވަނީ ރާއްޖޭގެ ކައިޓް ސާފް ކުރާ ޒުވާނުންނާއެކު މާފުށީ މޫދުގައި އޭނާގެ ހުނަރުތައް ދައްކާލައިފަ އެވެ.
މާފުށީ ޑައިވް އެންޑް ސްޕޯޓްސް އިން ބުނި ގޮތުގައި، ރާއްޖޭގައި މިހާރު ކައިޓް ސާފްކުރާ ގިނަ އަދަދެއްގެ ޒުވާނުން އުފެދެމުން އަންނަ ކަމަށާއި އެ ޕްރޮގްރާމްގެ މަގުސަދަކީ އެފަދަ ހުނަރުވެރި ޒުވާނުންނަށް ތަޖުރިބާކާރެއްގެ އެހީގައި ކޮންމެވެސް ވަރެއްގެ ފިލާވަޅުތަކެއް ދަސްކޮށްދީ އެ ކުދިންގެ ހުނަރު އިތުރު ހަރުފަތަކަށް ގެންގޮސްދިނުން ކަމަށެވެ.
ކައިޓް ސާފް ކުރާ ޒުވާނުން ބުނީ، އަދާ ޖެހެންދެން ވެސް އެ ފަރާތް ތަކުން އެ ކުޅިވަރު ދަސްކޮށް އެކަން ކުރަމުންދަނީ އަމިއްލައަށް ކަމަށާއި މާފުށީ ޑައިވް އެންޑް ސްޕޯޓްސްގެ ފަރާތުން ތަނަވަސް ކޮށްދިން ފުރުސަތުގެ ސަބަބުން ޔޫރީގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ދުނިޔޭގެ ކައިޓް ސާފިން 2011 އަދި 2012 ވަނަ އަހަރުގެ ޗެމްޕިއަން ކަން ހޯދާފައިވާ ޔޫރީގެ އިރުސާދުގެ ދަށުން ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދިނީ މިހާރު ވެސް ކައިޓް ސާފް ކުރާ ކުދިންނަށް އެކަންޏެވެ. އެގޮތުން 16 ޒުވާނުން ބައިވެރިވެފައިވެ އެވެ.
"އަޅުގެނޑުމެން މި ކްލިނިކް ކުރިއަށްގެންދާ ފުރަތަމަ ފަހަރުވީމަ ހަމައެކަނި ކައިޓް ސާފްކުރާ ކުދިންނަށް މި ފުރުސަތު ހުޅުވާލީ. އެއްވެސް ސްޕޮންސަރެއްގެ އަތުން މާބޮޑު ފައިސާގެ އެހީތެރިކަމެއް ނުލާ ކުރިއަށް ގެންދާތީވެ ބައިވެރިން އަތުން ކޮންމެވެސް ވަރެއްގެ ފީ އެއް ނަގައިގެން ކުރިއަށް މި ގެންދަނީ،" ޑައިވް އެންޑް ސްޕޯޓްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ފަހަރު ބައިވެރެވެފައިވަނީ ހަމައެކަނި މާލޭގައި ދިރުއުޅެމުންދާ ޒުވާނުން ކަމަށާއި އެ މީހުންގެ އަމާޒަކީ އެ ޕްރޮގްރާމް ކުރިއަށް އޮތްތާނުގައި ފެސްޓިވަލެއްގެ ގޮތުގައި ހިލޭ ސާބަހަށް ހުރިހާ ފަރާތްތަކަކަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދިއުން ކަމަށެވެ.