ބާރަ ވަނަ ޤައުމީ ދިގު ފެތުމުގެ މުބާރާތުގެ ފަސް ކިލޯ މީޓަރު ރޭހުން އެއް ވަނަ މުބާލް އައްޒާމް އިބްރާހީމް އާއި އައިޝަތު ސައުޝަން ހޯދައިފި އެވެ.
ހއ. ދިއްދޫ ފަޅުތެރޭގައި ކުރިއަށް ދިޔަ ޤައުމީ ދިގު ފެތުމުގެ މުބާރާތުގެ ފަސް ކިލޯމީޓަރުގެ ރޭހުން މުބާލް އައްޒާމް އިބްރާހީމް އެއް ވަނަ ހޯދީ އެއް ގަޑިއިރާއި 23 މިނިޓް ނުވަ ސިކުންތުން ރޭސް ފުރިހަމަކޮށް، 14 ފެތުންތެރިންނާ ވާދަކޮށްގެންނެވެ. އައިޝަތު ސައުސަން އެއް ވަނަ ހޯދީ އެއް ގަޑިއިރާއި 39 މިނިޓް 45 ސިކުންތުން ރޭސް ފުރިހަމަކޮށް، ހަތް ފެތުންތެރިންނާ ވާދަކޮށްގެންނެވެ.
ފަސް ކިލޯމީޓަރު ރޭހުން ފިރިހެނުންގެ ކެޓަގަރީން ދެ ވަނަ ހަސަން އަޝްރަފް ހޯދި އިރު، ތިން ވަނަ ހޯދީ އަންވަރު ހުސައިން އެވެ. އަންހެނުންގެ ކެޓަގަރީން ދެ ވަނަ ހަމްނާ އަހްމަދު ހޯދި އިރު، ތިން ވަނަ ހޯދީ އައިޝަތު އަންހާ ހައިޝަމް އެވެ.
ފަސް ކިލޯމީޓަރުގެ ރޭހުގައި ވާދަކުރި އަންހެން އަދި ފިރިހެން ފެތުންތެރިންވެސް ވަނީ ރޭސް ފުރިހަމަ ކޮށްފަ އެވެ. އަދި 35 އަހަރުން މަތީގެ މީހުންނަށް ބޭއްވި މާސްޓާޒް އެއް ކިލޯމީޓަރު ރޭހުގައި ބައިވެރިވި ހުރިހާ ފެތުންތެރިންވެސް ވަނީ ރޭސް ފުރިހަމަ ކޮށްފަ އެވެ. އެއް ކިލޯމީޓަރު އޯޕަން ރޭހުގައި ބައިވެރިވި އަންހެން ފެތުންތެރިއަކާއި ފިރިހެން ފެތުންތެރިއަކު ރޭސް ފުރިހަމަ ނުކުރެވި ރޭހުގެ މެދުތެރެއިން ރޭހުން ވަކިވެފައި ވެއެވެ.
ގައުމީ ދިގު ފެތުމުގެ މުބާރާތުގެ އެކިއެކި ވަނަތަކަށް ދިޔަ ފެތުންތެރިންނަށް އިނާމާއި މެޑެލް އަދި ތަށި ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފް އެވެ.
އެ މުބާރާތުގެ އެއް ކިލޯމީޓަރުގެ ފިރިހެނުންގެ ރޭހުން އެއް ވަނަ ލީވާން އްބްދުއްސައްތާރު ހޯދި އިރު، ދެ ވަނަ ހޯދާފައިވަނީ ހުސައިން ޝާހު އެވެ. އަދި ފިރިހެނުންގެ ބައިން ތިން ވަނަ ހޯދާފައިވަނީ މުހައްމަދު ޝާފިއު އެވެ. އަންހެނުންގެ އެއް ކިލޯމީޓަރު ރޭހުން އެއް ވަނަ އައިޝަތު ޒީބާ ހާމިދު ހޯދި އިރު، ދެ ވަނަ ހޯދާފައިވަނީ އީމާ މުހައްމަދު ފަހުމީ އެވެ. އަދި ތިން ވަނަ ހޯދާފައިވަނީ ޖުމައިރާ އާމިނަތު އާމިރު އެވެ.

ހއ. ދިއްދޫގައި ކުރިއަށް ދިޔަ ޤައުމީ ދިގު ފެތުމުގެ މުބާރާތުގެ ތެރެއިން --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން
އެ މުބާރާތުގެ 35 އަހަރުން މަތީގެ އުމުރު ފުރާ އަށް އަމާޒުކޮށް ބޭއްވި މާސްޓާސް އެއް ކިލޯމީޓަރުގެ ރޭހުގެ ފިރިހެނުންގެ ބައިން އެއް ވަނަ އަހްމަދު ފިރާސް އަފީފް ހޯދި އިރު، ދެ ވަނަ ހޯދާފައިވަނީ އާދަމް ޝަފީޤު އެވެ. އަދި ތިން ވަނަ ހޯދާފައިވަަނީ މުހައްމަދު ޒާހިދު އެވެ. މާސްޓާސް އަންހެނުންގެ ބައިން އެއް ވަނަ ޚަދީޖާ އީސާ ހޯދި އިރު، ދެ ވަނަ ހޯދާފައިވަނީ އަޒްލީނާ ރަޝީދު އެވެ. އަދި ތިން ވަަނަ ހޯދާފައިވަނީ ޞަބީހާ އާދަމް އެވެ.
ހަތްދިހަ ފަސް ފެތުންތެރިންނާއެކު ދިއްދޫގައި ކުރިއަށް ދިޔަ މިމުބާރާތުގެ ހެނދުނުގެ ދަންފަޅީގައި އޮތީ އެއް ކިލޯ މީޓަރުގެ ރޭހާއި އެއް ކިލޯމީޓަރު މާސްޓާޒް ރޭހެވެ. އެ މުބާރާތުގަައި މެންދުރު ފަހު ދަންފަޅީގައި ބޭއްވީ ފަސް ކިލޯ މީޓަރުގެ ރޭސްތަކެވެ. އެ ރޭސްތަކުގައި ފިރިހެނުންގެ ބައިގައި 15 ފެތުންތެރިން އަދި އަންހެނުންގެ ބައިގައި އަށް ފެތުންތެރިން ވާދަކުރި އެވެ. ދިއްދޫގައި ކުރިއަށް ދިޔަ އެ މުބާރާތުގައި ދިއްދޫ އިން 45 ފެތުންތެރިން ވާދަ ކޮށްފައިވެ އެވެ.
އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ދިއްދޫ ކައުންސިިލްގެ ރައީސް އާއި ނައިބު ރައީސް އަދި ކައުންސިލްގެ މެމްބަރުންނާއި ސްވިމިން އެސޯސިއޭޝަންގެ ރައީސް އާއި ނައިބު ރައީސް އަދި މުބާރާތުގެ ބައިވެރިންނާއި އޮފިޝަލުން ބައިވެރިވި އެވެ.