މާރާމާރީތަކާ ގުޅިގެން ހައްޔަރު ކުރި އަށް މީހަކު ހެކި ނެތިގެން ދޫކޮށްލައިފި

މާރާމާރީ ހިންގުމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށް، ބިޑިއަޅުވައިގެން ގެންދނީ-- ސަން ފައިލް ފޮޓޯ

މާލެ ތެރޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި ހައްޔަރު ކުރި 19 މީހުންގެ ތެރެއިން އަށް މީހެއްގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެ މީހުން ފުލުހުން ދޫކޮށްލައިފި އެވެ.

އިއްޔެ މާލޭގައި ހިންގި ދެ މާރާމާރީއެއް 14 އަހަރުގެ ދެ ކުއްޖަކަށް ވަނީ މަރުވެފަ އެވެ. ވަޅިން ދިން ހަމަލާތަކުގައި ލިބުނު ޒަހަމްތަކާ ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް އެ ދެ ކުދިން މަރުވެފައި ވަނިކޮށް، ފުލުހުން ރޭ ފެށި އޮޕަރެޝަން މިރޭ ވެސް ކުރިއަށް ގެންދެ އެވެ.

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އަށް މީހުން މާލެތެރޭގެ އަމަން ނަގާލަން މަސައްކަތްކުރާ ކަމުގެ ހެއްކެއް ލިބިފައި ނުވާތީ ދޫކޮށްލީ ކަމަށް ފުލުހުން ބުނެ އެެވެ.

ރޭ ހައްޔަރު ކުރި މީހުންގެ ތެރެއިން ދޫކޮށްނުލާ ތިބި 11 މީހުން ބަންދާމެދު ގޮތެއް ނިންމަން އަދި ކޯޓަށް ހާޒިރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ފުލުހުން ހައްޔަރުކުރާ މީހަކު 24 ގަޑިއިރު ހަމަވުމުގެ ކުރިން މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރަން ޖެހޭނެ އެވެ. އެހެންކަމުން ބެލެވޭ ގޮތުން މިރޭގެ ވަގުތެއްގައި ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރާނެ އެވެ.

އިއްޔެ ހިނގި ދެ މާރާމާރީގައި މަރުވެފައި ވަނީ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާމާއި މ. ސަރުމާގެ، ފާތިރު މުހައްމަދު އެވެ. އެ ދެ މީހުންގެ މަރާ ގުޅުން އޮތް މީހަކު އަދި ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.

މިއަދުގެ ވަގުތެއްގައި ވެސް ވަނީ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލާފަ އެވެ. ޒަހަމްވި މީހާއަށް ބަޔަކު ދިން ހަމަލާ އަމާޒުވީ އޭނާގެ ފައިގެ ފަލަމަސްގަނޑަށެވެ. އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

މާލެތެރެ ހަލަބޮލިވުމާ ގުޅިގެން ފުލުހުން މާލެތެރެ ބަލަހައްޓަން ރޭ ނުކުތުމާއެކު ސިފައިން ވެސް މާލެ ތެރެ ބަލަހައްޓަން ފަށާފަ އެވެ. އަދި މާލެތެރެ ބަލައިފާސްކުރުމުގައި ކުއްތާ ވެސް ގެންގުޅެ އެވެ.

comment ކޮމެންޓް