"އަދި ފަސް އަހަރު ދަގަނޑޭ އަށް ސަރަހައްދުގެ އެންމެ އުހުގައި ހިފަހައްޓާލެވޭނެ"

ގައުމީ ޓީމް ކުޅުނު މެޗެއްގައި ދަގަނޑޭ ގޯލެއް ޖެހުމަށް ފަހު އުފާފާޅު ކުރަނީ ---

އެންމެ ފަހުން ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕް އަކީ އޭނަގެ ފަހު މުބާރާތް ކަމަށް އިއުލާން ކޮށްފައިވާ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް އަދި މި ސަރަހައްދުގެ ފުޓްބޯޅައިގެ ފަސް ވަރަކަށް އަހަރު ކުޅެވޭނެ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް(ޓޮމް) ވިދާޅުވެއްޖެ އެވެ.

ދަގަނޑޭ އާ އެކު ނިއު ރޭޑިއަންޓް އަދި ގައުމީ ޓީމަށް ވެސް ކުޅެ މިހާރު ރިޓެއާކޮށް، އިއްޔެ ބޭއްވި އެފްއޭއެމްގެ އިންތިހާބްގައި ކުލަބުތަކުގެ ބޮޑު އަގުލަބިއްޔަތަކުން ރައީސްގެ މަގާމަށް އިންތިހާބުވެފައިވާ ޓޮމް ވިދާޅުވީ ދަގަނޑޭ އަކީ މި ގައިމުގައި އުފެދުނު ތަފާތު ކުޅުންތެރިއެއް ކަމަށާއި އޭނާގެ އަނިޔާ އަށް ބެލުމަށް ފަހު އަދި ފަސް ވަރަކަށް އަހަރު މި ސަރަހައްދުގެ ފުޓްބޯޅައިގެ އެންމެ އުހުގައި އޭނާ އަށް ހެރެވިދާނެ ކަމަށެވެ.

އަޝްފާގު ނިއުއަށް ކުޅުނު އިރު، ބޭރުގެ ޓީމަކަށް ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅޭނީ ----

"މިހާރު ވެސް އޭނަގެ (ދަގަނޑޭ) ކޮންޓްރެކްޓް ބާތިލްކޮށްފައި އެ ވަނީ ބޭސްފަރުވާ ކުރަން ޖެހޭ ބޮޑު އިންޖަރީއެއް ހުރުމާ ގުޅިގެން. ދަގަނޑޭއާ ވަހާކަ ދައްކާނަން. އޭނަގެ ބޭނުން ފުޓްބޯޅަ އަށް އެބަ އޮތް،" ޓޮމް ވިދާޅުވި އެވެ.

ޓޮމް ވިދާޅުވީ އެފްއޭއެމުން ދަގަނޑޭ ގައުމީ ޓީމާ އެކު ކުރިއަށް ދިއުމަށް އެދޭނެ ކަމަށާއި ދަނގަޑޭގެ ބޭނުން އެފްއޭއެމް އާއި މުޅި ގައުމަށް ވެސް ވަރަށް މުހިންމު ކަމަށެވެ.

ޕީޑީއާރުއެމް އިން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ދަނގަޑޭ ހެރީ ކޭންއާ ސަލާން ކުރަނީ ---

ސަރަހައްދީ މުބާރާތް ސާފްޗެމްޕިއަންޝިޕްގެ ތާރީހްގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށް ރާއްޖެ އިން އެ މުބާރާތް ކާމިޔާބު ކުރި ހަމަ އެކަނި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައިވާ ދަގަނޑޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ މިދިޔަ ހަފްތާގައި އޭނާ ކުޅެމުން އަންނަ މެލޭޝިއާގެ ޕީޑީއާރުއެމްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ.

އެކަމާ ގުޅިގެން މެލޭޝިއާގެ މީޑިއާތަކުން ވަނީ ދަގަނޑޭ ޕީޑީއާރުއެމްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލީ ދާދި ފަހުން އެ ގައުމުގެ ކެލަންޓަން އެފްސީގެ ކޯޗަކަށް ހަމަޖެއްސި ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯވްއާ އެކު އެޓީމަށް ކުޅުމަށް ކަމަށެވެ. ނަމަވެސް ދަގަނޑޭ ވަނީ އެ ތުހުމަތުތަށް ދޮގުކޮށްފަ އެވެ.

ދަގަނގޭ އަކީ ޕޮޕޯވްއާ އަކީ ގާތް ގުޅުމެއް އޮންނަ ދެ މީހުން ---

އަންނަ ބުރާސްފަތި ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ނެގި ގައުމީ ޓީމްގައި ވެސް ވަނީ ދަގަނޑޭ ހިމަނައިފަ އެވެ. ސްކޮޑުގައި ދަނގަޑޭ ހިމެނުނު ނަމަވެސް މިހާތަނަށް ގައުމީ ޓީމުން ބޭއްވި އެއްވެސް ފަރިތަކުރުމެއްގައި އަނިޔާގައި ހުރި ދަގަނޑޭ ބައިވެރިވެފައި އެއް ނުވެ އެވެ.

comment ކޮމެންޓް